ޚަރަދު ބޮޑުވުމާ ގުޅިގެން މެލޭޝިޔާގައި މުޒާހަރާކޮށް އަންވަރު އިސްތިއުފާ ދެއްވުމަށް ގޮވާލައިފި

މެލޭޝިޔާގައި ކުރިއަށްދިޔަ މުޒާހަރާގެ ތެރޭގައި. ފޮޓޯ/އޭއެފްޕީ

މެލޭޝިޔާގައި ދިރިއުޅުމުގެ ޚަރަދު ބޮޑުވެފައިވާތީ، އެތައް ހާސް ބަޔަކު މަގުތައްމައްޗަށް ނުކުމެ މުޒާހަރާކޮށްފިއެވެ.

އިދިކޮޅު ޕާޓީތަކުން އިންތިޒާމްކޮށްގެން އިއްޔެ ބޭއްވި މުޒާހަރާއަކީ 2022 ވަނަ އަހަރުގެ އިންތިޚާބަށްފަހު، ބޮޑުވަޒީރު އަންވަރު އިބްރާހީމް ވެރިކަމަށް ވަޑައިގެންނެވި ފަހުން, ދެކުނު އިރުމަތީ އޭޝިއާގައި ހަ ވަނައަށް އެންމެ ބޮޑު އިގްތިސާދު އޮންނަ މެލޭޝިޔާގައި ބޭއްވި ފުރަތަމަ މުޒާހަރާއެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ވެރިރަށް ކުއަލަލަމްޕޫރުގެ އެކި ހިސާބުތަކަށް އެއްވެ، އަންވަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި ލިޔެފައިވާ ބޯޑުތައް ހިފައިގެން މުޒާހަރާކޮށްފައެވެ.

"އަންވަރު މިހާރު ވެސް ގައުމުގެ ވެރިކަން ކުރައްވާތާ ތިން އަހަރު ވެފައިވާއިރު، ވެވަޑައިގެންނެވި ވައުދުތައް އަދިވެސް ފުއްދަވާފައެއް ނުވޭ." މުޒާހަރާގެ ބައިވެރިއެއް ކަމަށްވާ، ސެލަންގޯރުގެ ފައުޒީ މަހުމޫދު، 35، ބުންޏެވެ.

"އަންވަރު އިންވެސްޓްމަންޓްތައް ހޯދަން ގިނަ ގައުމުތަކަށް ދަތުރުކުރި ނަމަވެސް އަދި އެއްވެސް ކަމެއް ނުފެނޭ ދިރިއުޅުމުގެ އަގުތައް އަދިވެސް ބޮޑު."

"މިއީ އެތައް އަހަރަކަށްފަހު، އަޅުގަނޑުމެންނަށް ފެނުނު އެންމެ ބޮޑު އެއް މުޒާހަރާ." އެނާ ބުންޏެވެ.

މުޒާހަރާތައް ފެށުމުގެ ދެތިން ދުވަސް ކުރިން އަންވަރު ވަނީ ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެފައިވާތީ، ޚަރަދުތައް ހަމަޖައްސަން އެހީވުމުގެ ގޮތުން 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ނަގުދު ފައިސާއިން 100 ރިންގިޓް (24 ޑޮލަރު, 364 ރުފިޔާ) ދޭން ސަރުކާރުން ނިންމައިފައިވާކަންވެސް އިއުލާންކުރައްވާފައެވެ.

އެ ފައިސާ، ގައުމީ ދުވަހާ ދިމާކޮށް އަންނަ މަހުގެ 31އިން ފެށިގެން ބަހަން ފަށާއިރު، އެކަމަށް 2.2 ބިލިއަން ރިންގިޓް (472 މިލިއަން ޑޮލަރު) ދައުލަތުން ޚަރަދުކުރާނެއެވެ.

ސިޔާސީ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި އަންވަރު އެގޮތަށް އިއުލާނުކުރެއްވީ މުޒާހަރާގައި ބައިވެރިވުން މަދުކުރުމުގެ ގޮތުންނެވެ.

ނަމަވެސް ޖޫން މަހު އާންމުކޮށްފައިވާ މިނިވަން މެރްޑެކާ ސެންޓާ ފޯ އޮޕިނިއަން ރިސާޗުން ކުރިއަށް ގެންދިޔަ ދިރާސާއަކުން ދައްކާ ގޮތުގައި 55 އިންސައްތަ މީހުން އަންވަރަށް ތާއިދުކުރެއެވެ.

ސަބަބުތަކުގެ ތެރޭގައި ފާއިތުވި އަހަރުތަކުގައި ސިޔާސީ ހަލަބޮލިކަމަށް ލުއި ދިނުމުގެ އިތުރުން މިއަހަރުގެ އެސޯސިއޭޝަން އޮފް ސައުތުއީސްޓް އޭޝިއަން ނޭޝަންސްގެ ޗެއާމަންޝިޕް މެދުވެރިކޮށް މެލޭޝިއާގެ ޕްރޮފައިލް މަތިކުރުމަށް ކުރެއްވި މަސައްކަތްތައް ހިމެނެއެވެ.

މެލޭޝިއާގެ ޖީޑީޕީ 399 ބިލިއަން ޑޮލަރަށް އަރާއިރު، އެއީ މި ސަރަހައްދުގައި އެންމެ ކުރިއަރައިފައިވާ އެއް ގައުމެވެ. އެހެންނަމަވެސް އެމެރިކާއިން އިމްޕޯޓް ޑިއުޓީ މަތިކުރުމުގެ އަސަރު އެ ގައުމަށް ވެސްކޮށް، އޭޝިއަން ޑިވެލޮޕްމެންޓް ބޭންކުން ވަނީ މި އަހަރާއި އަންނަ އަހަރު އެ ގައުމުގެ އިގުތިސާދު ކުރިއަރާނެ ކަމަށް ލަފާކުރެވޭ މިންވަރު ދަށްކޮށްފައެވެ. އެގޮތުން މި އަހަރު 4.9 ޕަސެންޓް ކުރިއަރާނެ ކަމަށް ކުރިން ލަފާކުރި އަދަދު މިހާރު ވަނީ 4.3 ޕަސެންޓަށް ދަށްކޮށްފައެވެ. އަދި އަންނަ އަހަރު 4.9 ޕަސެންޓަށް ކުރިއަރާނެ ކަމަށް ކުރިން ލަފާކުރި ނަމަވެސް، މިހާރު އޭޑީބީން ލަފާކުރަނީ 2026ގައި މެލޭޝިއާ ކުރިއަރާނީ 4.8 ޕަސެންޓް ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް