ބޮލީވުޑް އެކްޓަރު ރާޖްކުމާރު ރާއޯގެ އަންހެނުން ބަތަލާ ޕަރްތަލެކާ އިނީ އަލަތު ދަރިފުޅަށް ބަލިވެ ކަމަށާއި ދެ ތަރިންނަށް ކުއްޖަކު ލިބެން އުޅޭކަން އިއުލާނުކޮށްފިއެވެ.
މިދިޔަ ބުދަ ދުވަހު ދެތަރިން އެކީގައި ކުރި އިންސްޓަގްރާމް ޕޯސްޓުގައި އަލަތު ދަރިފުޅު ލިބޭކަން އިއުލާނުކުރީ ވެސް ވަރަށް ލޯބި ޕޯސްޓަކުންނެވެ.
އިންސްޓަގްރާމްގައި ދެ ތަރިންނަށް ކުއްޖަކު ލިބެން އުޅޭކަން އިއުލާނުކުރުމާއެކު ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ވަނީ ރާޖް އާއި ޕަތްރަލެކާއަށް މަރުހަބާގެ މެސެޖުތައް ފޮނުވާފައެވެ. އޭގެތެރޭގައި ދާދިފަހުން ބައްޕައަކަށްވި ވަރުން ދަވަން އަދި މަންމައަކަށްވި ދިއާ މިރުޒާ ހިމެނޭއިރު މި އަހަރު މަންމައަކަށްވާން އުޅޭ ބަތަލާ ކިއާރާ އަދުވާނީ ހިމެނެއެވެ.

ރާޖް އަންހެނުން ޕަތުރަލެކާއާ އެކު--ފޮޓޯ/ހިންދުންސްތާންޓައިމްސް
ރާޖް އާއި ޕަތްރަލޭކާ ކައިވެނިކޮށްފައި ވަނީ އަހަރުތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު 2021ވަނަ އަހަރެވެ. ދެ ތަރިން ފުރަތަމަ ބައްދަލުވެފައި ވަނީ އެކީގައި ތިއޭޓަރުގައި މަސައްކަތްކުރި ދުވަސްވަރެވެ.
ނަމަވެސް ރާޖް އާއި ޕަތްރަލެކާގެ ލޯބީގެ ގުޅުން ފެށުނީ ދެ މީހުން އެކީގައި 2014 ވަނަ އަހަރު މަސައްކަތްކުރި ފިލްމު "ސިޓީ ލައިޓްސް"ގެ ޝޫޓިންގެ ތެރެއިންނެވެ.
ރާޖްކުމާރު އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މާދަމާ ސިނަމާތަކަށް ގެންނަ ފިލްމު "މާލިކް"އިންނެވެ. ރާޖް ގޭންގްސްޓާއެއްގެ ރޯލްއިން ފެންނާނެ މި ފިލްމުގެ ބަތަލާ އަކީ މަނޫޝީ ޗިލާއެވެ.
މީގެއިތުރުން ނެޓްފްލިކްސްއިން ގެނެސްދޭ ފިލްމު "ޓޯސްޓާ"އަކީ ވެސް ރާޖްގެ ކުރިއަށް ހުރި ފިލްމުތަކުގެތެރޭ ހިމެނޭ މުހިއްމު ޕްރޮޖެކްޓެކެވެ. ބަތަލާ ޕަތުރަލެކާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ ޕްރަތިކް ގާނދީއާ އެކު މުހިއްމު ރޯލް ކުޅުނު ފިލްމު "ފޫލޭ"އިންނެވެ.