އިސްރާއީލަށް ފާޑުކިޔުމުން އދ.ގެ މާހިރު އަލްބަނީޒަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

އދ ގެ މާހިރު، ފްރާންސެސްލާ އަލްބަނީޒް. އަލްބަނީޒްގެ މައްޗަށް އެމެރިކާއިން ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައި. ފޮޓޯ/ރޮއިޓާސް

ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ދެމުންގެންދާ ހަމަލާތަކާއި ދޭ އަނިޔާތަކުގެ ރިޕޯޓެއް އެކުލަވާލުމާ ގުޅިގެން އދ.ގެ މާހިރު، ފްރާންސެސްކާ އަލްބަނީޒްގެ މައްޗަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ އެކަން އިއްޔެ އިއުލާނުކޮށްފައިވާއިރު، އަލްބަނީޒް "އެމެރިކާ އާއި އިސްރާއީލާ ދެކޮޅަށް ސިޔާސީ އަދި އިގްތިސާދީ ހަނގުރާމައިގެ ކެމްޕޭނެއް" ހިންގާ ކަމަށް ރޫބިއޯ ތުހުމަތުކުރައްވައެވެ.

ރޫބިއޯ ވިދާޅުވާ ގޮތުގައި، އިސްރާއީލުގެ ލީޑަރުންގެ މައްޗަށް އައިސީސީން ދައުވާ ކުރުމަށް އަލްބަނީޒް ވަކާލާތު ކުރެއްވުމަކީ ދަތިކުރުމުގެ ފިޔަވަޅު އަޅަންޖެހޭ ގާނޫނީ ސަބަބެކެވެ.

"އެ ގޮތް އޭނާގެ މުޅި ކެރިއަރުގައި ފެނިފައިވާއިރު، ޝަރުއީ އަސާސެއް ނެތި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ކުރީގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓްއަށް އަމާޒުކޮށްގެން ހައްޔަރު ކުރުމުގެ އަމުރު ނެރުމަށް އައިސީސީން ލަފާ ދިނުން ވެސް ހިމެނޭ." ރޫބިއޯ ވިދާޅުވިއެވެ.

ރޫބިއޯ ވަނީ ޣައްޒާއަށް އިސްރާއީލުން ދިން ހަމަލާގައި އެމެރިކާގެ ކުންފުނިތައް ހިމެނޭ ގޮތަށް ބައިނަލްއަގްވާމީ ކުންފުނިތަކުގެ ދައުރު އޮތް ކަމަށްބުނެ ދާދި ފަހުން އަލްބަނީޒް ނެރުނު ރިޕޯޓަށް ވެސް އަލިއަޅުވާލައްވާފައެވެ.

"އަޅުގަނޑުމެންގެ ގައުމީ މަސްލަހަތާއި އިސްތިގުލާލަށް ނުރައްކާވާ ސިޔާސީ އަދި އިގުތިސާދީ ހަނގުރާމައިގެ މި ކެމްޕޭންތައް އަޅުގަނޑުމެން ތަހަންމަލެއް ނުކުރާނަން." ރޫބިއޯ ވިދާޅުވިއެވެ.

އަލްބަނީޒަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމިއިރު، އިސްރާއީލަށް ޓާގެޓް ކުރުމުގައި ބައިވެރިވާ އައިސީސީގެ އޮފިޝަލުންނަށް އަދަބު ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ފެބްރުއަރީ މަހު އެގްޒެކެޓިވް އަމުރެއް ވެސް ނެރެފައެވެ.

މިދިޔަ މަހު އެމެރިކާއިން ވަނީ އައިސީސީގެ ހަތަރު ފަނޑިޔާރަކަށް ވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

ފަލަސްތީނުގެ ސަރަހައްދުގެ ކަންކަން ބަލާ އދ.ގެ ޚާއްސަ މާހިރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އަލްބަނީޒްއަކީ އިސްރާއީލުން ވަމުންދާ އިންސާނީ ހައްގުތަކާ ހިލާފުވުންތައް ނިމުމަކަށް ގެނައުމަށް ފިޔަވަޅު އެޅުމަށް ގޮވާލާ ދުނިޔޭގެ އެންމެ އިސް އެއް އަޑެވެ.

އިސްރާއީލާއި އެމީހުންނަށް ތާއީދުކުރާ މީހުން އަލްބަނީޒްއަށް ފާޑުކިޔައި އދ.ގެ އެ މަގާމުން ދުރުކުރުމަށް ގޮވާލަމުން އަންނަތާ އަހަރުތަކެއް ވެއްޖެއެވެ.

އެމެރިކާގެ އެ ފިޔަވަޅާ ގުޅިގެން އަލް ޖަޒީރާއަށް އަލްބަނީޒް ވިދާޅުވީ، އެއީ އޭނާ މާބޮޑަށް ވިސްނާ ކަމެއް ނޫން ކަމަށާއި، ފޯކަސް ކުރަނީ މަސައްކަތަށް ކަމަށެވެ.

"މާފިއާ ސްޓައިލްގެ ބިރުދެއްކުމުގެ އުކުޅުތަކާ ބެހޭ ގޮތުން އެއްވެސް ކޮމެންޓެއް ނެތް. މެމްބަރު ގައުމުތަކަށް ނަސްލު ނައްތާލުން ހުއްޓުވައި އަދަބު ދިނުމުގެ ވާޖިބުތައް ހަނދާންކޮށްދިނުމުގައި މި އުޅެނީ ވަރަށް ބިޒީކޮށް." އަލް ޖަޒީރާއަށް ފޮނުއްވި މެސެޖެއްގައި އަލްބަނީޒް ލިޔުއްވާފައިވެއެވެ.

ޣައްޒާގައި ހިންގާ ހަނގުރާމައިގެ ޖަރީމާތަކުގައި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ)އިން ހޯދަމުންދާ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އެގައުމުތަކުގެ ވައިގެ ސަރަހައްދު ހުރަސްކޮށް އުދުހުމުގެ ހުއްދަ ދިނުމުން ޔޫރަޕްގެ ސަރުކާރުތަކަށް އަލްބަނީޒް ވަނީ ފާޑުވިދާޅުވެފައެވެ.

އައިސީސީން ވަނީ ނަތަންޔާހޫ އާއި އިސްރާއީލުގެ ކުރީގެ ދިފާއީ ވަޒީރު ގަލަންޓްގެ މައްޗަށް އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތަކާއި ޣައްޒާގައި ހަނގުރާމައިގެ ޖަރީމާތަކުގެ ދައުވާ އުފުލާފައެވެ.

ފާއިތުވި 21 މަސް ދުވަހުގެ ތެރޭގައި އެމެރިކާގެ ތާއީދާއެކު ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކުގައި މިހާތަނަށް 57،575 ފަލަސްތީނު މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިއްޙީ އޮފިޝަލުން ވިދާޅުވެއެވެ.

comment ކޮމެންޓް