އަސްކަރީ ގާނޫނާ ގުޅިގެން ދެކުނު ކޮރެއާގެ ކުރީގެ ރައީސް ދެވަނަ ފަހަރަށް ހައްޔަރުކޮށްފި

ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޮލް. އަސްކަރީ ގާނޫނާ ގުޅިގެން ޔޫން ވަނީ ދެވަނަ ފަހަރަށް ހައްޔަރުކޮށްފައި. ފޮޓޯ/އޭއެފްޕީ

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ތަންފީޒުކުރި އަސްކަރީ ގާނޫނާ ގުޅިގެން ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން ސުކް ޔޮލް ދެވަނަ ފަހަރަށް ހައްޔަރުކޮށްފިއެވެ.

ދެކުނު ކޮރެއާގެ ކޯޓަކުން ކުރި އަމުރަކަށް ޔޫން އިއްޔެ ހައްޔަރުކުރީ އަސްކަރީ ގާނޫނާ ގުޅިގެން ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ހެކި ނައްތާލުމަށް މަސައްކަތް ކުރައްވަފާނެ ކަމުގެ ކަންބޮޑުވުން އޮތުމުން ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓުކުރެއެވެ.

ޔޫން ހައްޔަރު ކުރުމަށް ނެރުނު އަމުރުގައި 20 ދުވަހުގެ މުއްދަތަށް އޭނާ ބަންދުކުރުމުގެ ހުއްދަ ދީފައިވާއިރު، އިތުރު ދައުވާތައް ހިމެނޭ ގޮތަށް އޭނާގެ މައްޗަށް ރަސްމީކޮށް ދައުވާ ކުރަން ޕީޖީން އަންނަނީ ތައްޔާރުވަމުން އަންނަ ކަމަށްވެސް އަމުރުގައިވެއެވެ.

ޔޫން މަގާމުން ވަކިކޮށްފައިވާތީ އަދި މިހާރު އެއްވެސް ބާރެއް ލިބިފައި ނުވާތީ، ހައްޔަރު ކުރުމުގެ އަމުރު ނެރުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށް ބުނެ އެމަނިކުފާނުގެ ގާނޫނީ ޓީމުން ވަނީ ފާޑުކިޔާފައެވެ.

އަސްކަރީ ގާނޫނާ ގުޅިގެން ހުށަހެޅި މައްސަލައިގައި ފުރަތަމަ ފަހަރު ހައްޔަރު ކުރުމަށްފަހު، އުމުރުން 64 އަހަރުގެ ޔޫން ވަނީ ޓެކްނިކަލް ސަބަބުތަކަކާހުރެ މީގެ ހަތަރު މަސް ދުވަސް ކުރިން މިނިވަންކޮށްފައެވެ. ވެރި ރަށް ސޯލް ޑިޓެންޝަން ސެންޓަރުގައި 52 ދުވަސް ޔޫން ހޭދަކޮށްފައިވެއެވެ.

އަސްކަރީ ގާނޫނު އިއުލާނު ކުރެއްވުމާ ގުޅިގެން ތަހުގީގުތައް ކުރިއަށް ގެންދިއުމަށް ސުވާލު ކުރުމަށް ޔޫން ފުރަތަމަ ހައްޔަރުކުރީ މިދިޔަ ޖެނުއަރީ މަހުއެވެ.

އެއީ ދެކުނު ކޮރެއާގެ ތާރީޚުގައިވެސް ރައީސަކު ހައްޔަރު ކުރި ފުރަތަމަ ފަހަރެވެ.

ނަމަވެސް އިޖުރާއީ ސަބަބުތަކާހުރެ މިދިޔަ މާޗް މަހު އެމަނިކުފާނު ވަނީ ދޫކޮށްލާފައެވެ.

އޭގެފަހުން އޭޕްރީލް މަހު ދެކުނު ކޮރެއާގެ ދުސްތޫރީ ކޯޓުން ވަނީ ޔޫން މަގާމުން ވަކިކޮށް، ޖޫން މަހު ބޭއްވި އަވަސް އިންތިޚާބަކަށް މަގުފަހިކޮށްދީފައެވެ.

ޔޫން އަސްކަރީ ގާނޫނު ތަންފީޒުކުރި މައްސަލައާއި އެ މަނިކުފާނުގެ ސަރުކާރާއި އަނބިކަނބަލުންގެ މައްޗަށް އުފުލާފައިވާ އެހެން ޖިނާއީ ދައުވާތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ހާއްސަ ތަހުގީގުތަކެއް ކުރުމުގެ ހުއްދަ ދޭ ގާނޫނެއް އެ ގައުމުގެ އާ ރައީސް ލީ ޖޭ މިޔުންގް ވަނީ ފާސްކޮށްފައެވެ.

ޔޫންގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ، އުމުރު ދުވަހުގެ ޖަލު ހުކުމެއް ނުވަތަ މަރުގެ އަދަބު ވެސް ލިބިދާނެއެވެ.

comment ކޮމެންޓް