ޝާޒްގެ އުންމީދަކީ ވަރުގަދަ ޓީމުތަކެއް އަތޮޅުބުރުން ފެނިގެންދިއުން

ނޫސްވެރިންގެ ބައްދަލުވުމުގައި 90 ޕްލަސްގެ ކޯ ފައުންޑަރ އަހުމަދު ޝާޒްލީ--- ފޮޓޯ: ސަން

މިއަހަރުގެ ގޯލްޑްކަޕްގައި ރަނގަޅު ޓީމުތަކެއް މާލޭގައި ބާއްވާ ފައިނަލް ރައުންޑުގައި ފެނިގެންދާނެ ކަމަށް އުންމީދު ކުރާކަމަށް 90 ޕްލަސްގެ ކޯ ފައުންޑަރު އަހުމަދު ޝާޒްލީ ބުނެފިއެވެ.

މުބާރާތުގެ ފޯމެޓަށް މި އަހަރު ވަނީ ބޮޑު ބަދަލެއް ގެނެސްފައެވެ. އެގޮތުން ކޮންމެ އަތޮޅެއްގައި ކޮލިފައިން މުބާރާތް ކުޅުމަށްފަހު އެ އަތޮޅެއްގެ ޗެމްޕިއަން ޓީމަށް މާލޭގައި ކުޅޭ ފައިނަލް ބުރުން ފުރުސަތުދޭގޮތަށް ވަނީ ބަދަލުކޮށްފައެވެ.

މިދިޔަ އަހަރު ކުޅުނު ޓީމުތަކުގެ ތެރެއިން ގަދަ އަަށް ޓީމާއި ސިޓީތަކުގެ ޓީމުތަކާއެކު ޖުމްލަ 28 ޓީމަށް މި އަހަރުގެ ފައިނަލް ބުރުގައި މާލޭގައި ކުޅުމުގެ ފުރުސަތު ދިނުމަށް 90 ޕްލަސްއިން ވަނީ ނިންމާފައެވެ.

ކޮލިފައިން ބުރުތަކުގެ ތެރެއިން އެންމެ ފުރަތަމަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ ލާމު އަތޮޅުގައެވެ. މިކަން ރަސްމީކޮށް އިއުލާނުކުރުމަށް ސްޓަރ ރެސްޓް ރެސްޓޯރެންޓްގައި ހާއްސަ ރަސްމިއްޔާތެއްވެސް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ޝާޒްލީ ބުނީ ކޮލިފައިން ބުރު ބާއްވަން އެންމެ ފުރަތަމަ އިޖާބަދިނީ ލ. އަތޮޅު ކައުންސިލުން ކަމަށެވެ.

މިދިޔަ އަހަރުގެ ގޯލްޑް ކަޕުގެ ފައިނަލް މެޗުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ޝާޒްލީ ބުނީ މިއަހަރު މާލޭގައި ބާއްވާ ގޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ކުރިޔަށްދާނީ އެފްއޭއެމްގެ ބައިވެރިވުމާއި އެކު ކަމަށާއި އުންމީދުކުރަނީ ވީހާ ވެސް އަވަހަށް އިތުރު އަތޮޅުތަކާއެކު ކޮލިފައިން މުބާރާތްތައް ކުޅުމަށް ކަމަށެވެ.

މި އަހަރުގެ މުބާރާތުން އޮޓޮމެޓިކް ކޮލިފައިން ކަށަވަރުވެފައިވާ ޓީމުތަކަކީ، ޗެމްޕިއަން ބ. އޭދަފުށި، ރަނަރަފް އައްޑޫ، އަދި ސެމީ ފައިނަލުގައި ދެން ވާދަ ކުރި މާލެ އާއި ރ. އަލިފުށީގެ އިތުރުން ފުވައްމުލަކާއި ކ. ގުރައިދޫ ޅ. ނައިފަރު އަދި ކ. މާފުއްޓެވެ. މީގެއިތުރުން ކުޅުދުއްފުށީ ސިޓީ އަށާއި ތިނަދޫ ސިޓީއަށް ހާއްސަ އިންވިޓޭޝަނެއް ދޭނެއެވެ.

މުބާރާތުގައި ވާދަކުރާ 28 ޓީމު ބަހަލާނީ ހަތް ގުރޫޕަށެވެ. ކޮންމެ ގުރޫޕެއްގައި ހަތަރު ޓީމެވެ. ދެ ވަނަ ބުރަށް ދަތުރު ކުރާނީ ގަދަ 16 ޓީމެވެ. ކޮންމެ ގުރޫޕެއްގެ ގަދަ ދެ ޓީމަށް ދެވަނަ ބުރުގެ ޖާގަ އޮޓޯއިން ކަށަވަރުވާނެ އެވެ. ދެން ޖާގަ ލިބޭނީ ހުރިހާ ގުރޫޕެއްގެ ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ނެރުނު ދެ ޓީމަށެވެ.

comment ކޮމެންޓް