ފޮޓޯތަކެއް ހުރި ކަމަށް ބުނެ ފޮނުވާ ލިންކަކުން ޓެލެގްރާމް ހެކުކުރަނީ، ސަމާލުވޭ!

ފޮޓޯތަކެއް ހުރިކަމަށް ބުނެ ޓެލެގްރާމުން ފޮނުވާ ޕިޝިން ލިންކު މެދުވެރިކޮށް ޓެލެގްރާމް ހެކްކުރުމުގެ މައްސަލަތައް އިތުރުވަމުންދާތީ، އެ ކަމަށް ސަމާލުވާން ފުލުހުން އެދިއްޖެއެވެ.

ފުލުހުން ބުނި ގޮތުގައި މި ލިންކުތައް އަންނަނީ އިތުބާރުކުރެވޭ ފަރާތަކުން ފޮނުވާ މެސެޖަކާއެކު ކަމަށެވެ. މެސެޖުގައިވާ ލިންކަށް ފިތައިލުމުން ފޯނު ނަންބަރު ޖެހުމަށް ބުނެއެވެ. އަދި ފޯނަށް އަންނަ އޯޓީޕީއެއް ހިއްސާކުރުމަށް ބުނެއެވެ.

އޯޓީޕީ ހިއްސާކޮށްފިނަމަ ޓެލެގްރާމް އެކައުންޓުގެ ކޮންޓްރޯލް، ސްކޭމްކުރާ ފަރާތަށް ލިބެއެވެ. އަދި ތިމާގެ ޓެލެގްރާމް އެކައުންޓުން ތިމާގެ ނަމުގައި އެހެން މީހުންނަށް ސްކޭމް ޕިޝިން ލިންކު ފޮނުވަމުންދެއެވެ.

ފޮޓޯތަކެއް ހުރި ކަމަށް ބުނެ ފޮނުވާ ލިންކަކުން ޓެލެގްރާމް ހެކުކުރަނީ، ސަމާލުވޭ! -- ފޮޓޯ/ ފޮލިސް

ސްކޭމްގައި ޖެހި ޓެލްގްރާމް އެކައުންޓު ޖެއްލިއްޖެނަމަ ހަދާނީ ކިހިނެއް؟

ފުލުހުން ބުނީ، ޓެލްގްރާމް މެދުވެރިކޮށް ފޮނުވާ ޕިޝިން ލިންކު ސްކޭމްގެ ޝިކާރައަކަށްވެ، ޓެލެގްރާމް އެކައުންޓު ހެކްކޮށްފިނަމަ، ޖެހޭނީ ޓެލެގްރާމް އެޕްލިކޭޝަން އަންއިންސްޓޯލްކުރުމަށް ފަހު އަލުން އިންސްޓޯ ކުރުމަށް ކަމަށެވެ. އަދި ޓެލެގްރާމް އަލުން އެކްޓިވޭޓްކޮށް، ޓޫ-ސްޓެޕް ވެރިފިކޭޝަން އެކްޓިވޭޓް ކުރުމަށް ކަމަށެވެ.

ޓޫ-ސްޓެޕް ވެރިފިކޭޝަން ހަދާނެގޮތް:

  1. ޓެލެގްރާމް ސެޓިން
  2. ޕްރައިވަސީ އެންޑް ސެކިއުރިޓީ
  3. ޓޫ-ސްޓެޕް ވެރިފިކޭޝަން
  4. ސެކިއުރިޓީ ވަރުގަދަ ޕާސްވޯޑެއް ބޭނުންކުރުން
  5. ރިކަވަރީ އީމެއިލް އެޑްކުރުން

ޓެލެގްރާމް އެކައުންޓު ރައްކާތެރި ކުރުމަށް ޓަކައި، ޓެލެގްރާމްގައި ޓޫ-ސްޓެޕް ވެރިފިކޭޝަން އެކްޓިވޭޓްކުރުމަކީ ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅެވެ.

އިތުބާރުކުރެވޭ ނުވަތަ ގާތް މީހެއްގެ ނަމުގައި މިފަދަ ލިންކެއް ފޮނުވިޔަސް އެއަށް ސަމާލުކަންނުދޭން ފުލުހުން އެދެއެވެ. އެއީ ޓެލްގްރާމް އެކައުންޓް ސްކޭމަރުންގެ އަތްދަށުލުމަށް ފަރުމާކޮށްފައިވާ ފިޝިން ލިންކުތަކެއް ކަމަށާއި، އެހެންކަމުން މިފަދަ ލިންކުތަކަށް ނުފިތުމަށް އެ ޚިދުމަތުންވަނީ އިލްތިމާސްކޮށްފައެވެ.

މި ފަހުން އެކި ދުވަސްވަރު އެކި އުޅުނުތައް ބޭނުންކޮށްގެން ރާއްޖޭގައި ވެސް އަންނަނީ ސްކޭމްތައް ހިންގަމުންނެވެ.

މިދިޔަ މަހުގެ ފަހުކޮޅު، ސްކޭމްތަކުގައި ދިވެހީންގެ އަތުން ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާ ގެއްލުނެވެ. އޭގެ ތެރެއިން ފުލުހުންނަށް ރިކަވަ ކުރެވުނީ އެއް ލައްކަ ރުފިޔާއެވެ.

ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތަފާތު އުކުޅުތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް މިފަހުން ވަނީ އިތުރުވެފައެވެ. އެފަދަ މައްސަލަތަކަށް ޚާއްސަކޮށް، ފުލުހުން އެންޓި ސްކޭމް ސެންޓަރެއް އުފެއްދީ މިދިޔަ މާރިޗު 17 ގައެވެ.

comment ކޮމެންޓް