ގޯސްކޮށް ބަންދުގައި ބެހެއްޓުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ތިން މަހަށް ވުރެ ގިނަ ދުވަހު ޖަލުގައި ހުރި އެކްޓިވިސްޓު، މަހުމޫދު ޚަލީލް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމާ ދެކޮޅަށް މައްސަލަ ހުށަހަޅައި 20 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން އެދެފިއެވެ.
މަހުމޫދަކީ ފަލަސްތީނުގެ ހައްގުތަކާ ގުޅޭ ގޮތުން ކޮލަމްބިއާ ޔުނިވާސިޓީގައި ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި ބައިވެރިވުމާ ގުޅިގެން މާޗް މަހުން ފެށިގެން އެމެރިކާގެ އިމިގްރޭޝަން އޮތޯރިޓީން ޖަލުގައި ބަންދުކޮށްފައިވާ މީހެކެވެ. އޭނާ މިނިވަންކުރީ މިދިޔަ ޖޫން މަހު ފަހުކޮޅު އެމެރިކާގެ ކޯޓަކުން ނެރުނު އަމުރަކުންނެވެ.
އެމެރިކާ ސަރުކާރާ ދެކޮޅަށް އިއްޔެ ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ޓްރަމްޕްގެ ވެރިކަމުން އޭނާގެ އަބުރު ފުނޑުފުނޑުކޮށް، ގޯސް ނިޔަތެއްގައި ދައުވާކޮށް، ގާނޫނާ ހިލާފަށް ޖަލަށްލާފައިވާ ކަމަށެވެ.
އެ ދައުވާ ލިބޭ ފަރާތްތަކުގެ ގޮތުގައި އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ، އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (އައިސީއީ) އާއި ޑިޕާޓްމަންޓް އޮފް ސްޓޭޓްގެ ނަން ހިމަނާފައިވެއެވެ.
ދަ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އަށް ދިން އިންޓަވިއުއެއްގައި މަހުމޫދު ބުނީ އޭނާ ހުށަހެޅި އެ މައްސަލައިން އެކްޓިވިސްޓުންނަށް ބިރު ދައްކައި، ހަނުނުބޭތިއްބޭނެކަން ޓްރަމްޕްގެ ސަރުކާރަށް ހާމަވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
"އެމީހުންގެ ބާރު ނަހަމަ ގޮތުގައި ބޭނުންކުރަނީ އެމީހުންނަކީ އަތްނުލެވޭނެ ބައެއް ކަމަށް ހީވާތީ." މަހުމޫދު ބުންޏެވެ.
ކޮލަމްބިއާ ޔުނިވާސިޓީގައި ފަލަސްތީނަށް ތާއީދުކުރާ މުޒާހަރާތަކުގެ ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތް ކުރި މަހުމޫދު ބުނީ އޭނާގެ ދައުވާއިން ލިބޭ ކޮންމެ ފައިސާއެއް ބޭނުންކޮށްގެން ޓްރަމްޕް ދަތިކުރަން މަސައްކަތްކުރި އެހެން އެކްޓިވިސްޓުންނަށް އެހީތެރިވުމަށް ރާވާފައިވާ ކަމަށެވެ.
އެމެރިކާ ސަރުކާރުން ޑިޕޯޓް ކުރަން ނިންމާފައިވާ އިތުރު ބައެއް ދަރިވަރުން ދޫކޮށްލުމަށް ފެޑެރަލް ކޯޓުތަކުން އަމުރުކޮށްފައިވާއިރު، އޭގެ ތެރޭގައި ތުރުކީގެ ޓަފްޓްސް ޔުނިވާސިޓީގެ އިލްމުވެރިޔާ ރޫމޭސާ އޮޒްތުރުކް އާއި ކޮލަމްބިއާގެ މޮހްސެން މަހުދާވީ ހިމެނެއެވެ.
ޖެނުއަރީ މަހު ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު ޓްރަމްޕް ވަނީ އެމެރިކާއާ މެދު "ޢަދާވާތްތެރި ނަޒަރިއްޔާތެއް" ގެންގުޅޭ ކަމަށް ބެލެވޭ ނުވަތަ ގައުމީ ސަލާމަތަށް ނުރައްކާވާ ކަންކަން ކަމަށް ތާއީދުކުރާ ކަމަށް ތުހުމަތު ކުރެވޭ އެހެން ގައުމުތަކުގެ މީހުން ހައްޔަރު ކުރުމަށް ރަސްމީ އަމުރެއް ނެރުއްވާފައެވެ.
ފަލަސްތީނުގެ ދެމަފިރިއަކަށް ސީރިއާގައި އުފަންވި މަހުމޫދަކީ ދަރިވަރުންގެ މުޒާހަރާތަކުގައި ބައިވެރިވުމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ބަންދުކޮށް ގާނޫނީ އިމިގްރޭޝަން ހައިސިއްޔަތު ބާތިލްކުރި ފުރަތަމަ އެކްޓިވިސްޓެވެ.