ޖުވާ ކުޅެގެން ހޯދާ ފައިސާއިން ކައިގެން، ހަށިގަނޑުގައި ޖަހާ މަހާއި އުފެދޭ ލެއަށް ހައްގުކަން ބޮޑީ ނަރަކަ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ޚުތުބާ ޚާއްސަކޮށްފައި ވަނީ 'ޖުވާއާއި އޭގެ އާމްދަނީ ހަރާމް"، މި މައުޟޫއުގެ މައްޗަށެވެ. އޮންލައިންކޮށް އެކިއެކި ޕްލެޓްފޯމްތަކާއި ވެބްސައިޓްތައް މެދުވެރިކޮށް މިނުބައި މަޅީގައި އެތައް ދިވެހީންނެއް މިހާރު ވަނީ ޖެހިފައެވެ.
ޖުވާއަކީ ފައިސާ ބަހައްޓައިގެން ބަޔަކު މީހުންގެ މެދުގައި ކުޅެ، މޮޅުވާ މީހާއަށް ނުވަތަ ޓީމަށް އެ އެންމެން ބެހެއްޓި ފައިސާ ނުވަތަ އެއިން ބައެއް ލިބޭ ގޮތަށް ކުޅޭ ކޮންމެ ކުޅިވަރެކެވެ. މިއީ އިސްލާމް ދީނުގައި ހަރާމްކަމެކެވެ.
ޖުވާ ކުޅުމުގައި ފައިސާ ބަހައްޓައިގެން ކުޅޭ ކުޅިވަރުތަކުގައި، ބަލިވާ މީހާ، މޮޅުވާ މީހާއަށް އޭނާ ބެހެއްޓި ފައިސާ ދޭން ޖެހެއެވެ. ބައެއްފަހަރު، މޮޅުވި މީހާ، އެ ކަމަށް ކުރި ހުރިހައި ޚަރަދެއް ދޭން ޖެހެއެވެ. އެންމެ ފަހުން ބަލިވީ މީހާ ދަރަނިވެރިވެ، ބަނގުރޫޓުވެއެވެ.
ޚުތުބާގައި ބުނީ މާތްﷲ އެކަލާނގެ އަޅުތަކުންނަށް ހުއްދަކުރެއްވީ ހަލާލު ރަނގަޅު ތަކެއްޗާއި އެފަދަ އަމަލުތައް ކަމަށެވެ. އަދި ނުބައި އެއްވެސް އެއްޗެއް އަދި އެއްވެސް އަމަލެއް އެކަލާނގެ ހުއްދަ ނުކުރައްވާ ކަމަށް ޚުތުބާގައި ބުންޏެވެ. އާމްދަނީ ހޯދުމަށްޓަކައި އިސްލާމީ ޝަރީއަތް ހުއްދަކުރަނީ ކެހިވެރިކަމެއް، މަކަރުވެރިކަމެއް، އޮޅުވައިލުމެއް ނެތް އަދި ވަކި ފަރާތަކަށް ގެއްލުމެއް ނުލިބޭ، ހާމަކަން ބޮޑު ސާފު މުއާމަލާތުތަކެއް ކަމަށް ޚުތުބާގައި ބުންޏެވެ.
ޖުވާގެ ބާވަތެއް ކަމަށްވާ ކެސީނޯ: ޚުތުބާގައި ބުނީ ޖުވާ ކުޅެގެން ހޯދާ ފައިސާއިން ކައިގެން، ހަށިގަނޑުގައި އުފެދޭ މަހާއި ލެއަށް ހައްގުކަން ބޮޑީ ނަރަކަ ކަމަށް -- ފޮޓޯ/ އިންޓަނެޓް
އިސްލާމް ދީނުގައި ޖުވާ ހަރާމްކުރެއްވީ އެ ކަމަކީ ފާފަވެރިވާ، ގެއްލުން ހުރި، މުޑުދާރު އަމަލަކަށް ވާތީ ކަމަށް ޚުތުބާގައި ބުންޏެވެ.
މުސްލިމް އަޚުންނޭވެ! ޙަރާމް ގޮތުގައި ހޯދާ އެއްވެސް އެއްޗެއް، ކެއުމަށް ވެސް އަދި އެހެން ކަމަކަށް ވެސް ބޭނުންކުރުން ހުއްދައެއް ނޫން. އެހެނީ އެފަދަ އެއްޗެއް ކައިގެން ހަށިގަނޑުގައި އުފެދޭ މަހާއި ލެއަށް ހައްގުކަން ބޮޑީ ނަރަކަ. ޖުވާ ކުޅެގެންނާއި، ދީނުގައި ހަރާމްކުރައްވައިފައިވާ އެއްވެސް ވަސީލަތަކުން ހޯދާ ފައިސާ، ތިމާގެ ނަފުސަށާއި، އަނބިދަރީންނަށް ހޭދަކުރުމުން ތިޔަބައިމީހުން އެއްކިބާވޭ! ހުކުރު ޚުތުބާ
އެފަދަ ހަރާމް ގޮތަކުން ހޯދާ ފައިސާ ދީފައި ގަންނަ ތަކެތި ކެއުމާއި، އެފަދަ ފައިސާއިން ހޯދާ ފޭރާންލުމާއި، ގެދޮރު އެޅުމާއި، ދަރީންގެ ތައުލީމާއި ސިއްހަތަށް ޚަރަދުކުރުމަކީ، އޭގެ ސަބަބުން އެ މީހަކު ސުވަރުގެއިން މަހުރޫމުވެ، ނަރަކަވަންތަވެރިވެދާނޭ ކަމެއްކަން ޚުތުބާގައި ފާހަގަކުރިއެވެ.
ޖުވާކުޅުމަކީ ދުންޔަވީ ގޮތުން ވެސް ގެއްލުން ހުރި ކަމެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ ޖުވާގެ ތެރޭގައި، ކާޑު ބޭނުންކޮށްގެން ކުޅޭ ކުޅިވަރާއި، ނަސީބު ނަންބަރު ނެގުމާއި، ކެސިނޯތަކުގައި ކުޅޭ ކުޅިވަރުތަކާއި، އިލެކްޓްރޯނިކް ވަސީލަތެއް ބޭނުންކޮށްގެން ކުޅޭ ކުޅިވަރުތަކާއި، ހަރާދުކިއުން ނުވަތަ ބެޓުކުރުން ހިމެނޭ ކަމަށެވެ. މިއިން ކޮންމެ ކުޅިވަރަކީ، ނަތީޖާ ނުކުންނާނޭ ގޮތެއް ނޭނގޭ ކުޅިވަރެކެވެ. ޚުތުބާގައި ބުނީ އެ ކުޅުމުން ތިބާއަށް އެ ފީނައިގަނެވެނީ ފުންމިން ނޭނގޭ ކަނޑަކަށް ކަމަށެވެ.
ޖުވާގެ ބާވަތެއް ކަމަށްވާ ކެސީނޯ: ޚުތުބާގައި ބުނީ ޖުވާ ކުޅެގެން ހޯދާ ފައިސާއިން ކައިގެން، ހަށިގަނޑުގައި އުފެދޭ މަހާއި ލެއަށް ހައްގުކަން ބޮޑީ ނަރަކަ ކަމަށް -- ފޮޓޯ/ އިންޓަނެޓް
ޖުވާގެ ބާވަތްތައް ހަރާމްކުރެއްވި ސަބަބުތައް:
- ނުހައްގުން މީސްތަކުންގެ މުދަލަށް އަރައިގަނެވޭތީ.
- ފައިދާވާ މީހާއަށް އެ ލިބެނީ ހަރާމް މުދަލެއްކަމުގައި ވާތީ.
- އޭނާއާއި އޭނާގެ އަނބިދަރީންނަށް އެ ކާންދެވެނީ ހަރާމްތަކެތިކަމުގައި ވާތީ.
- ގެއްލުންވާ މީހުން ބަނގުރޫޓުވާތީ.
- ޖުވާކުޅޭ މީހުންގެ މެދުގައި އުފެދޭ އަދާވާތްތެރިކަމުގެ ސަބަބުން ހިނގާ މާރާމާރީތަކުގައި މުދަލާއި، ގެދޮރާއި، ފުރާނައަށް، ގެއްލުން ލިބޭތީ.
- މުޅި މުޖުތަމައު ފަސާދަވެ، އޭގެ ގެއްލުން އާންމުވާތީ.
- ފާފަވެރިވެ، ދެދުނިޔޭގެ ބާއްޖަވެރިކަން ގެއްލޭތީ.
މިއީ މުޅީން ވެސް އިސްލާމީ ޝަރީއަތުގެ މަގުސަދުތަކާ ޚިލާފު ކަންކަން ކަމަށާއި އިސްލާމް ދީން އައީ މީސްތަކުންގެ މުދަލާއި ފުރާނައާއި އަބުރު ހިމާޔަތްކޮށްދިނުމަށް ކަމުން، ޖުވާގެ ސަބަބުން އެ މަގުސަދުތައް ގެއްލޭ ކަމަށ ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ ޖުވާކުޅުމަކީ މިއަދު މުޅި ދުނިޔޭގައި ވަރަށް ބޮޑަށް ފެތުރިފައިވާ ވަބާއެއް ކަމަށެވެ. އޭގެ ސަބަބުން ބައެއް މީހުންގެ އެކައުންޓު ހުސްވެ، ނުއަގުގައި އޮޑިދޯނިފަހަރާއި ގެދޮރު ވިއްކައިލާން ޖެހިފައިވާކަން ފާހަގަކުރިއެވެ. އަނބިދަރީންނަށް ހޭދަކުރާނެ ފައިސާ ނެތި، ގޮތް ހުސްވެ، ދަރަނިވެރިވެފައި ތިބި މީހުން އެބަތިބި ކަމަށް ޚުތުބާގައި ބުންޏެވެ.
އެކަން ހުއްޓުވުމަކީ މިއަދު ކޮންމެހެން ވެސް ކުރަން ޖެހިފައިވާ ކަމެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެކަމުގައި މައިންބަފައިންނާއި، މުދައްރިސުންނާއި، ގާނޫނު ހަދާ މުއައްސަސާތަކާއި، ގާނޫނު ތަންފީޒުކުރާ މުއައްސަސާތަކުގެ ދައުރު އަދާކުރުން ވަރަށް މުހިންމު ކަމަށެވެ.
ޖުވާގެ ބާޒާރަށް ވަދެ، ހަރާމްގޮތުގައި ފައިސާ ހޯދުމަށް ފަހު، އެކަމުން ސަލާމަތްވާން އެދޭ މީހުންނަށް އޮތީ ތައުބާވުން ކަމަށް ބުނެ ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. އޭނާ އެކަމުން މިންޖުވާން އެދޭނަމަ، އޮތް ގޮތަކީ އޭނާއަށް ނުޙައްގުން އެ ފައިސާ ލިބުނީ ކޮންބައެއްގެ އަތުންކަން އެނގޭނަމަ އެ ބަޔަކަށް އެ ފައިސާ ރައްދުކުރުން ކަމަށާއި، އެގޮތަށް އެ ފައިސާ ރައްދުކުރެވޭނެ ގޮތެއް ނެތްނަމަ އެމީހުންގެ ނަމުގައި ފަގީރުންނަށް އެ ފައިސާ ދިނުން ކަމަށް ޚުތުބާގައި ބުންޏެވެ.