ބިރުވެތިކަމާއި ޚުޝޫއަތްތެރިކަމާއެކު ނަމާދުކުރާ މީހުން ފާފަތަކުން ރައްކާތެރިކޮށްދޭ: ޚުތުބާ

ބަޔަކު މިސްކިތެއްގައި ނަމާދު ކުރަނީ: ބިރުވެތިކަމާއި ޚުޝޫއަތްތެރިކަމާއެކު ނަމާދު ކުރާ މީހުން ފާފަތަކުން ރައްކާތެރިކޮށްދޭ ކަމަށް ޚުތުބާގައި ބުނި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބިރުވެރިތިކަމާއި ޚުޝޫއަތްތެރިކަމާ އެއްކޮށް ނަމާދު ކުރާ މީހުންގެ އަމަލުތައް ހެޔޮވެ، މުންކަރާތްތަކާއި ފާފަތަކުން އެ މީހުން ރައްކާތެރިކޮށްދޭ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ކިޔައިދިނީ، ނަމާދުގައި ޚުޝޫޢަތްތެރިވުމުގެ މުހިންމުކަމުގެ ވާހަކައެވެ.

ޚުތުބާގައި ބުނީ، އީމާންވުމަށް ފަހު އެންމެ މުހިންމު އަޅުކަމަކީ ނަމާދު ކަމަށެވެ. އެގޮތުން، ގިޔާމަތް ދުވަހު ހިސާބު ބެލެވޭއިރު، ޚުޝޫއަތްތެރިކަމާ އެއްކޮށް ފުރިހަމައަށް ނަމާދު އަދާކޮށްފައި ހުރުން ވަރަށް މުހިންމު ކަމަށް ޚުތުބާގައި ބުންޏެވެ.

އެކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައި ޚުތުބާގައި ބުނީ، ނަމާދު ކުރަންވާނީ އެއްވެސް ދެއްކުންތެރިކަމެއް ނެތި، ހުޝޫއަތްތެރިކަމާ އެއްކޮށް ހިތްނިޔަތް ޚާލިސްކޮށްގެން ކަމަށެވެ. އަދި، ފަރުވާ ކުޑަކޮށް ނަމާދުކޮށްގެން މާތް ﷲ އެ ނަމާދު ގަބޫލެއް ނުކުރައްވާނެކަމާއި ކާމިޔާބުވާނެ ބަޔަކީ ނަމާދުގައި ޚުޝޫއަތްތެރިވެ، ބިރުވެތިވާ މީހުން ކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.

މީހުންތަކެއް ނަމާދަށް މިސްކިތަށް އަރަނީ: މިއަދު ހުކުރު ޚުތުބާގައި ކިޔަނީ ނަމާދުގައި ޚުޝޫއަތްތެރިވުމުގެ މުހިންމުކަން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ފަހެ، އެއުރެންގެ ނަމާދާ މެދު ޣާފިލުވެ ތިބެ، ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކުހުއްޓެވެ. މި ދެ އާޔަތުގެ މާނައާ މެދު ވިސްނައިލާއިރު، ނަމާދުކުރާންވީ ޚުޝޫޢަތްތެރިވެ ތިބެގެންކަމާއި، ފަރުވާކުޑަކޮށް، ޣާފިލުވެ ތިބެގެން ނަމާދުކުރާ މީހުންނަށް ދަރުމައެއް ނެތްކަން އެނގެއެވެ. އޭގެ ބަދަލުގައި އެ ފަދަ މީހުންނަށް ހުރީ ގެއްލުމާއި ހަލާކެވެ. އެހެންކަމުން ނަމާދުގައި ޚުޝޫޢަތްތެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ،" ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ، ބިރުވެތިކަމާއި ޚުޝޫއަތްތެރިކަމާ އެއްކޮށް ނަމާދުކުރާ މީހުންނަށް އުޚުރަވީ ހަޔާތުގައި ސަވާބު ލިބޭނެ ކަމަށާއި އެ މީހުންގެ އަމަލުތައް ވެސް ހެޔޮވާނެ ކަމަށެވެ. މީގެ އިތުރަށް، ނުބައި ކަންތައްތަކާއި ފާފަވެރިވާ ކަންކަމުން ނަމާދު އެމީހުން ރައްކާތެރިކޮށްދޭނެކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.

އެހެންވެ، ޚުތުބާގައި ވަނީ ނަމާދުގައި ޚުޝޫއަތްތެރިވެ، މަޑުމައިތިރިވުމަށް ނަސޭހަތްތެރިވެފައެވެ. އެކަމަށްޓަކައި ކުރެވިދާނެ ކަންކަން ވެސް ޚުތުބާގައި ވަނީ ކިޔައިދީފައެވެ. އެގޮތުން، ނަމާދަކީ އެންމެ އިސްކަންދޭ އަޅުކަން ކަމުގައި ހެދުމަށާއި އެކަމަކީ ކުރާ ހިތުން ވަގުތުގައި އަދާކުރާ އަޅުކަމަށް ހެދުމަށް ގޮވާލިއެވެ.

ބަޔަކު ޚުތުބާ އަޑުއަހަން މިސްކިތުގައި އިށީންދެލައިގެން: ޚުތުބާގައި ކިޔައިދިނީ ނަމާދުގައި ޚުޝޫއަތްތެރިވުމަށް ކުރެވިދާނެ ކަންކަން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަމާދުގައި ކިޔާ ތަކެތި އެހެން މީހުންނަށް އުނދަގޫވާ ގޮތަށް އަޑުހަރުކޮށް ނުކިޔުމަށާއި މާ ގިނައިން ތަންތަން ކަހައިނޫޅުމަށް ޚުތުބާގައި ހަނދާންކޮށްދިނެވެ. އޭރުން، ނަމާދުން ބޭރު ޚިޔާލުތައް ހިތައް ވަންނަ މިންވަރު ކުޑަވާނެ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

"ނަމާދަށް ފެށުމުގެ ކުރީން، މޯބައިލް ފޯނުތައް ނިންވައިލާށެވެ! އެއީ ނަމާދުގައި ޚުޝޫޢަތްތެރިވުމަށް މިއަދު ކުރެވިދާނޭ ކަމެކެވެ. ނަމާދުގަޑީގައި މީހުންނާ ފޯނުން ނުގުޅުމަކީ ވެސް، ނަމާދަށް ތިބޭ މީހުން ޚުޝޫޢަތްތެރިވުމަށް ކޮށްދެވިދާނޭ ކަމެކެވެ. ނަމާދަށް ތިއްބައި، ފޯނު ރަނގަބީލުވާ އަޑުއިވުމަކީ، ނަމާދަށް ތިބޭ މީހުންނަށް އުނދަގޫވާނެ ކަމެކެވެ. ނަމާދުގައި ކިޔާ ތަކެތީގެ މާނަ ދަސްކުރާށެވެ! ސޫރަތުލްފާތިޙާއާއި ކުރުސޫރަތްތަކުގެ މާނައާއި، ތަސްބީޙަތަކާއި ޛިކުރުތަކާއި ދުޢާތަކުގެ މާނައެވެ،" ޚުތުބާގައި ބުންޏެވެ.

އެއާއެކު، ނަމާދުގައި ކިޔާ ސޫރަތްތަކުގެ މާނަ ހިތައް ގެނައުމަށާއި ނަމާދު ކުރާ ތަނުގެ ގިބުލައާވީ ފަޅީގައި ތަސްވީރުތަކާއި ކުރެހުންތައް ނުބެހެއްޓުމަށް ޚުތުބާގައި ނަސޭހަތްތެރިވިއެވެ.

comment ކޮމެންޓް