ޒުވާން ގައުމީ ފުޓުބޯޅަ ޓީމުން އޮސްޓްރޭލިއާގެ އައިއެސްއޭ އެކެޑަމީ ބަލިކޮށްފި

އޮސްޓްރޭލިއާގެ އެކަޑަމީ ކޮޅަށް ލަނޑު ޖެހުމަށްފަހު ރާއްޖޭގެ ކުޅުންތެރިން އުފާފާޅުކުރަނީ-- ފޮޓޯ: ކުޅިވަރު ވުޒާރާ

އެކުވެރިކަމުގެ މެޗެއްގައި ގައުމީ 18 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމުން އޮސްޓްރޭލިއާގެ އިންޓަނޭޝަނަލް ސޮކާ އެކެޑަމީ (އައިއެސްއޭ) ޓީމު ބަލިކޮށްފިއެވެ.

ގަލޮޅު ފުޓުބޯޅަ ދަނޑުގައި ހުކުރު ދުވަހުގެ ހަވީރު ކުޅުނު މި މެޗު ރާއްޖޭގެ ޒުވާން ގައުމީ ޓީމުން ކާމިޔާބުކޮށްފައިވަނީ 6-0ގެ ނަތީޖާއަކުންނެވެ.

މިއީ ވެސްޓަން އޮސްޓްރޭލިއާ މޯލްޑިވިއަން އެސޯސިއޭޝަންގެ އެހީތެރިކަމާއެކު މޯލްޑިވްސް ސޮކާ މޭޓްސްއާ ގުޅިގެން ރާއްޖެ އާއި އައިއެސްއޭ އެކެޑަމީން ކުޅުނު އެކުވެރިކަމުގެ ފަހު މެޗެވެ. މި މެޗު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނާ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލާއި ރާއްޖޭގައި ހުންނަވާ އޮސްޓްރޭލިއާގެ ސަފީރެވެ.

އައިއެސްއޭގެ ޔޫތު ފުޓްބޯލް ޓުއާ ނިންމާލުމުގެ ގޮތުން މިއަދު ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި މޮޅަށް ކުޅެ، މުޅި މެޗުގައި ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅުނީ ރާއްޖޭގެ ކުޅުންތެރިންނެވެ.

މެޗުގެ ވަރަށް ކުރީކޮޅު ރާއްޖޭގެ މުހައްމަދު އިލާން އިމްރާން ވަނީ ފުރަތަމަ ލަނޑު ޖަހައި ލީޑް ނަގައިދީފައެވެ. އަދި މި ލަނޑު ޖެހިތާ މާގިނައިރުތަކެއް ނުވަނީސް އަހުޒަމް ރަޝީދު ވަނީ ގައުމީ ޓީމަށް ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

މެޗުގެ 22 ވަނަ މިނެޓްގައި އީތަން މުހައްމަދު ޒަކީ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0އަށް ބަދަލުކޮށްފައެވެ. އޭގެ ފަހުން 39 ވަނަ މިނެޓްގައި އަނޫފް އަބުދުالله ގައުމީ ޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނެވެ. އަދި ފަސްވަނަ ލަނޑު ޖަހައިދިނީ 65 ވަނަ މިނެޓްގައި މުހައްމަދު އިލާން އިމްރާންއެވެ. ގައުމީ ޓީމުގެ ހަ ވަނަ ލަނޑު ޖަހައިދިނީ 70 ވަނަ މިނެޓްގައި އަނޫފް އަބްދުالله އެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުހައްމަދު އިލާން އިމްރާނެވެ.

މި ދަތުރުގައި ކުޅުނު އެކުވެރިކަމުގެ މެޗުތަކުގެ ތެރެއިން ފުރަތަމަ މެޗު ކުލަބު ވެލެންސިއާ ކާމިޔާބުކުރީ 3-0ގެ ނަތީޖާއަކުންނެވެ. ދެވަނަ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން 2-0 އިން އެ ޓީމު ބަލިވިއިރު، ތިންވަނަ މެޗުގައި އެމްއެސް މޭޓްސް އެކެޑަމީގެ ޓީމާ ބައްދަލުކޮށް 3-0 އިން އައިއެސްއޭ ވަނީ އެ މެޗު ކާމިޔާބުކޮށްފައެވެ.

comment ކޮމެންޓް