މި ސަރުކާރުން ކުރިއަށްގެންދާ 'އަހާ' ފޯރަމްގައި މިނިސްޓަރުންނާ ސުވާލުކުރުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލައިފިއެވެ.
އަހާ ފޯރަމަކީ ސަރުކާރުގެ ވުޒާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކާބެހޭ މައުލޫމާތު ހިއްސާކޮށް ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދިނުމަށް ބާއްވާ ފޯރަމެކެވެ
ކުރިއަށް އޮތް ފޯރަމް ބާއްވަން ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުގެ ރޭ ކަމަށްވާއިރު، އެ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނީ ހަތަރު ވަޒީރުންނެވެ. އެއީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓަރު ތާރިގް އިބްރާހީމްގެ އިތުރުން ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދެވެ.
އެ މިނިސްޓަރުންނަށް ސުވާލު ފޮނުވުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ ދައުލަތުގެ މީޑިއާގެ 'ޕީއެސްއެމް އެއާ' އެޕް މެދުވެރިކޮށެވެ. އަދި ފޯރަމް ކުރިއަށްދާ ވަގުތު ވެސް އެ އެޕާއި ފޭސްބުކާއި އެކްސް މެދުވެރިކޮށް ސުވާލުތައް ފޮނުވޭނެއެވެ.
މި ސަރުކާރުން 'އަހާ' ފޯރަމް ފަށައި އެފަދަ ފުރަތަމަ ފޯރަމެއް ބޭއްވީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 25ގައެވެ. އެ ފޯރަމްގައި ފަސް މިނިސްޓަރަކު ބައިވެރިވެވަޑައިގެންނެވިއިރު ފެބްރުއަރީ 23ގައި ބޭއްވި ދެވަނަ ފޯރަމްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވިއެވެ.
އެއަށްފަހު މިދިޔަ އަހަރުގެ އޭޕްރިލް މަހު ބޭއްވި ފޯރަމްގައި ވެސް ފަސް މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއިރު، މިދިޔަ މެއި މަހު ބޭއްވި ފަސް ވަނަ ފޯރަމުގައި ވެސް ފަސް މިނިސްޓަރުން ބައިވެރިވެވަޑައިގަތެވެ.