އެމެރިކާގެ އެންމެބޮޑު ޓެކްނޮލޮޖީ ކުންފުނި އެޕަލްގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ޖެފް ވިލިއަމްސް، 27 އަހަރުގެ ދިގު ޚިދުމަތަށްފަހު، މި އަހަރުގެ ފަހުކޮޅު އިސްތިއުފާ ދެއްވާނެކަން އިއުލާން ކޮށްފިއެވެ.
އެޕަލްއިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައިވާ ގޮތުން، ވިލިއަމްސްގެ މަގާމުގެ ބޮޑު ބައެއްގެ މަސްއޫލިއްޔަތުތައް މި މަހުގެ ފަހުކޮޅު ނަންގަވާނީ، މިހާރު ކުންފުނީގެ ވައިސް ޕްރެޒިޑެންޓް އޮފް އޮޕަރޭޝަންސްގެ މަގާމުގައި ހުންނެވި ސާބިހް ޚާންއެވެ.
ވިލިއަމްސް ކުންފުނިން ވަކިވެވަޑައިގަތުމާ ހަމައަށް، އެޕަލްގެ ޑިޒައިން ޓީމާއި، އެޕަލް ވޮޗް އަދި ކުންފުނީގެ ހެލްތު މަޝްރޫއުތައް ވިލަރެސް ކުރައްވަމުން ގެންދަވާނެއެވެ. އޭނާ ޖަވާބުދާރީ ވާނީ ސީދާ ކުންފުނީގެ ސީއީއޯ ޓިމް ކުކް އަށެވެ. މިކަމާ ގުޅިގެން ޓިމް ކުކްވަނީ ޖެފްއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ.
"އަޅުގަނޑު ހަނދާން ހުންނަހާ ދުވަހަކު ޖެފް އާއި އަޅުގަނޑު ވަނީ އެކުގައި މަސައްތްކޮށްފައި. އޭނާ ނެތްނަމަ އެޕަލް މިހާ ހިސާބަކަށް ނާންނާނެ. ދުނިޔޭގެ އެންމެ ހަރުދަނާ ސަޕްލައި ޗޭނުތަކުގެ ތެރޭގައި ހިމެނޭ ނިޒާމެއް ގާއިމުކުރުމާއި، އެޕަލް ވޮޗް ލޯންޗްކޮށް އޭގެ ކުރިއެރުމަށް މަސައްކަތް ކުރުމާއި، އެޕަލްގެ ހެލްތު ސްޓްރެޓެޖީ ބައްޓަންކުރުމުގެ އިތުރުން، އަޅުގަނޑުމެންގެ ޑިޒައިން ޓީމަށް ވަރަށް ހިކްމަތްތެރިކަމާއި އިޚްލާޞްތެރިކަމާއެކު އޭނާ ވަނީ އިރުޝާދު ދެއްވާފައި،" ޓިމް ކުކްގެ ވިދާޅުވިއެވެ.
އުމުރުން 62 އަހަރުގެ ވިލިއަމްސް އަކީ، އައިފޯން ފަދަ އުނދަގޫ އުފެއްދުންތައް އުފައްދާއިރު ޚަރަދު ކޮންޓްރޯލްކުރުމުގެ މަސްއޫލިއްޔަތު އުފުލާ، އެޕަލްގެ ބާރުގަދަ އޮޕަރޭޝަންސް ޑިވިޒަން ހިންގެވި އިސްވެރިޔާއެވެ. އަދި 2019ވަނަ އަހަރު ކުންފުނީގެ ޗީފް ޑިޒައިން އޮފިސަރު ޖޮނީ އައިވް ރިޓަޔާމެންޓް ނެންގެވުމާ ގުޅިގެން، ވިލިއަމްސް ވަނީ އެޕަލްގެ އިންޑަސްޓްރިއަލް ޑިޒައިން ޓީމުވެސް ބަލަހައްޓަވާފައެވެ.
ވިލިއަމްސްއަކީ ކުންފުނީގެ ހަލުވި ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކުރެއްވި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި އިސްވެރިންގެ ތެރެއިން އެންމެ ފަހުން ރިޓަޔާމެންޓް ނަންގަވާ ބޭފުޅާއެވެ.
ވިލިއަމްސްގެ މަގާމުގެ ބައެއް މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަންނަވާ ސާބިހް ޚާން އަކީ އެޕަލްގައި 30 އަހަރު ޚިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ އެގްޒެކެޓިވް ޓީމާ ގުޅިވަޑައިގެން، ސީނިއާ ވައިސް ޕްރެޒިޑެންޓް އޮފް އޮޕަރޭޝަންސްގެ މަގާމަށް އައްޔަން ކުރެވުނީ 2019ވަނަ އަހަރުއެވެ.
ފާއިތުވި ހަ އަހަރު ދުވަހު އޭނާ ވަނީ އެޕަލްގެ ގްލޯބަލް ސަޕްލައި ޗޭން، ޕްލޭނިން، މެނުފެކްޗަރިން އަދި ލޮޖިސްޓިކްސް ފަދަ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރައްވައިފައެވެ.