ޕްރޮމޯޝަނެއް ނެތި ޖަސްޓިން ބީބާގެ އާ އަލްބަމެއް

އެއްވެސް ކަހަލަ ޕްރޮމޯޝަނެއް ނެތި އަދި ކުރީން ބައި ޓީޒަރުތަކެއް އާންމު ނުކޮށް ހޮލީވުޑްގެ އެންމެ ބޮޑު އެއް ފަންނާނު ޖަސްޓިން ބީބާ އޭނާގެ އާ ސްޓޫޑިއޯ އަލްބަމް ރިލީޒްކޮށްފިއެވެ

މިދިޔަ ހަފުތާ ބަންދާ ދިމާކޮށް ޖަސްޓިން ބީބާ ވަނީ އޭނާގެ ހަތްވަނަ ސްޓޫޑިއޯ އަލްބަމް "ސްވެގް" ރިލީޒްކޮށްފައެވެ.

ފޭނުންނަށް ބޮޑު ސަޕްރައިޒެއްގެ ގޮތުގައި ރިލީޒްކުރި އަލްބަމްއަކީ އޭނާގެ ސްޓައިލްއަށް ވުރެ ތަފާތުކޮށް ނެރެފައިވާ އަލްބަމެކެވެ. މީގެ ކުރީން ޕޮޕް މިއުޒިކް ގިނައިން ނެރޭ ޖަސްޓިން މި ފަހަރު ނެރެފައިވަނީ ހިޕްހޮޕް ތީމުގެ އަލްބަމެކެވެ.

ޖުމްލަ 21 ލަވަ ހިމެނޭ މި އަލްބަމްގައި ހޮލީވުޑްގެ މި ވަގުތު ގިނަ ބަޔަކު އަޑުއަހާ ފަންނާނުން ފީޗާކޮށްފައިވެއެވެ. އޭގެތެ ރޭގައި ލިލް ބީއާއި ޑްރޫސްކީ އަދި ސެކްސީ ރެޑް ފަދަ ފަންނާނުން ހިމެނެއެވެ.

މި އަލްބަމް ޕްރޮޑިއުސްކޮށްފައިވަނީ ޑެފް ޖޭމް ރެކޯޑިންގެ ދަށުންނެވެ. ސްވެގް ނެރުމާއެކު އޭނާއަށް ވަނީ އެކި ކަހަލަ ފާޑުކިޔުން ވެސް ރައްދުވެފައެވެ. އެއީ، ކަޅު ނަސުލުގެ ބައެއް ސަގާފަތާއި އުޅުންތައް ޖޯކަކަށް ހަދައިގެން އަމިއްލަ ފައިދާއަށް އެ ބޭނުންކުރާކަމުގެ މައްސަލައާ ގުޅިގެންނެވެ.

އާ އަލްބަމްގެ ކޮލިޓީ ވެސް އެހާ ރަނގަޅު ނޫން ކަމަށް ބައެއް ފޭނުން ބުނަމުން އެބަދެއެވެ. އަލްބަމްގައި ހިމެނޭ ގިނަ ލަވަތަކަކީ ވަރަށް ފޫހި ލަވަތަކެއް ކަމުގައި ގިނަ ބަޔަކު ބުނަމުންދެއެވެ.

ބީބާ އަލްބަމެއް ނެރޭއިރަށް ވަގުތުން ޗާޓުތަކުގެ އެއްވަނައަށް އަރާނެއެވެ. ނަމަވެސް، މި ފަހަރު ގިނަ ބަޔަކު އޭނާގެ އަލްބަމް އަޑުއަހަން އެހާ ބޭނުމެއް ނުވެއެވެ.

ސްވެގްގެ ކުރީން އޭނާ އެންމެ ފަހުން އަލްބަމެއް ނެރެފައިވަނީ 2021 ވަނަ އަހަރެވެ. އެއީ "ޖަސްޓިސް ކިޔާ އަލްބަމެކެވެ. މި އަލްބަމް އަކީ ގިނަ ބަޔަކަށް ކަމުދިޔަ އަދި ބޮޑެތި ހިޓުތައް އުފެއްދި އަލްބަމެކެވެ.

comment ކޮމެންޓް