މިހާތަނަށް އުފެދުނު އެންމެ ބޮޑު އެއް ބޭންޑު ކަމަށްވާ "ބީޓްލްސް"ގެ ކުރީގެ މެންބަރު ޕޯލް މެކާޓްނީ އަލުން ޓުއާއަށް ދާން ތައްޔާރުވެފައިވާކަން އިއުލާނުކޮށްފިއެވެ.
އުމުރުން 83 އަހަރުގެ މެކާޓްނީ ދާދިފަހުން އޭނާގެ ސޯލޯ ޓުއާ އިއުލާނުކޮށްފައިވަނީ ސޯޝަލް މީޑިއާގައެވެ. އޭނާ ސޯޝަލް މީޑިއާގައި ހާމަކޮށްފައިވަނީ އަލަށް ފަށާ ޓުއާއަކީ 2022 ވަނަ އަހަރުގައި އޭނާ ފެށި "ގޮޓް ބެކް" ޓުއާގެ އިތުރު ބައެއް ކަމަށެވެ.
އެމެރިކާގެ ބޮޑު ބައެއް ކަވަރުކުރާގޮތަށް ކުރިއަށް ގެންދާ މި ޓުއާ ފެށުމަށް ހަމަޖެހިފައިވަނީ ކެލިފޯނިއާއިންނެވެ. އެއަށް ފަހު ޖުމްލަ 29 ރެއަކު އޭނާ ޕަފޯމްކުރުމަށް ހަމަޖެހިފައިވެއެވެ.
ސެޕްޓެމްބަރުގައި ފަށާ މި ޓުއާގެ އެމެރިކާގެ ބައި ނިންމާލާނީ މި އަހަރުގެ ނޮވެންބަރު މަހު ފަހުކޮޅުގައެވެ. އަދި، އެމެރިކާގެ އެންމެ ފަހުގެ ޝޯ ދިނުމަށް ހަމަޖެހިފައިވަނީ ޝިކާގޯއިންނެވެ. އެމެރިކާގައި ޝޯތައް ނިންމާލުމަށް ފަހު ޓުއާ ނިންމާލާނީ ކެނެޑާއިން ކަމަށް އޭނާ މައުލޫމާތުދެއެވެ.
މި ޓުއާގެ ޝޯތަކުގެ ޓިކެޓުތައް ބުކިން ހެދުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. އަދި، ޓިކެޓުތައް ރަސްމީކޮށް ދޫކުރަން ފަށާނީ އަންގާރަ ދުވަހެވެ.
މެކާޓްނީގެ 2022 ވަނަ އަހަރުގެ ޓުއާގައި ވެސް އެމެރިކާގެ ގިނަ ސަރަހައްދެއްގައި ޕަފޯމްކޮށްފައިވާއިރު ޔޫރަޕުގެ ބައެއް ސަރަހައްދުތަކުގައި ޝޯ ދީފައިވެއެވެ. މި އަހަރުގެ ޓުއާގެ ސެޓްލިސްޓު އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މި ސެޓުގައި ވެސް 2022 ވަނަ އަހަރުގެ ލަވަތައް ހިމެނޭނެއެވެ. އެގޮތުން، އެ އަހަރުގެ ސެޓުލިސްޓުގައި 37 ލަވަ ޕަފޯމް ކޮށްފައިވެއެވެ. އޭގެ ތެރޭގައި، "ކާންޓް ބައި މައި ލަވް" އާއި "ލެޓިން ގޯ" އާއި "ގެޓިން ބެޓާ" ފަދަ ލަވަތައް ހިމެނެއެވެ.