ދުވަސްވީ ދެމަފިރިން އެކަނި އުޅެނިކޮށް, އަބްދުއްރަހުމާން މަރާލީ ބޮލަށް ދިން ހަމަލާއެއްގައި

އއ. މާޅޮހުގައި މަރައިލި އެ ރަށު އޯކިޑުމާގެ، އަބްދުއްރަހްމާން އާދަމް --

އއ. މާޅޮހުގައި މަރައިލި އެ ރަށު އޯކިޑުމާގެ، އަބްދުއްރަހްމާން އާދަމުގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމާއި، ހަމަލަ ދިން ވަގުތު ގޭގައި އުޅުނީ އޭނާއާއި އޭނާގެ އަންހެނުން އެކަނިކަން އެނގިއްޖެއެވެ.

ފުލުހުން ބުނި ގޮތުގައި އުމުރުން 65 އަހަރުގެ އަބްދުއްރަހްމާނަށް ފަރުވާ ދޭން ސިއްހީ މަރުކަޒަށް ގެންދިޔަކަމުގެ މައުލޫމާތު ލިބުނީ ދަންވަރު 01:50 ހާއިރެވެ. މާޅޮހު ސިއްހީ މަރުކަޒުގައި ފަރުވާ ދެނިކޮށް އޭނާ މަރުވީ ރޭ ފަތިހުގެ ވަގުތެއްގައެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ރަހުމްކުޑަ ގޮތަކަށް ހަމަލަ ދީފައިވަނީ އަބްދުއްރަހްމާނުގެ ބޮލަށެވެ. ވަަރަށް ބޮޑަށް ބޯ ޒަޚަމްކޮށްލައިފައިވާކަން ވަނީ އެނގިފައެވެ.

https://sun.mv/208515

"ސަން"އާ ވާހަކަދައްކަވަމުން އެ ރަށު ކައުންސިލުގެ މެންބަރު މުޙައްމަދު ނާފިޒް ވިދާޅުވީ، އަބްދުއްރަހްމާނަކީ މަހަށް ގޮސް އުޅޭ މީހެއްކަމުން، އޭނާއަކީ އާންމުކޮށް ރަށުގައި ދިރިއުޅޭ މީހެއް ވެސް ނޫން ކަމަށެވެ. މާޅޮހަކީ މަސްވެރި ރަށެއް ނޫންކަމުން، އޭނާ މަހަށް ގޮސް އުޅުނީ އެހެން ރަށްރަށުގެ ދޯނިފަހަރުންނެވެ. އޭނާ ރަށުގައި އުޅޭކަން އެނގުނީ ވެސް މި ހާދިސާއާއެކު ކަމަށް ނާފިޒް ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި އަބްދުއްރަހްމާނުގެ ތިން ދަރިން ތިބެއެވެ. އޭގެ ތެރެއިން ދެ ދަރިން ދިރިއުޅެނީ ރަށުން ބޭރުގައެވެ. ރަށުގައި ދިރިއުޅެނީ ސިއްހީ މަރުކަޒުގެ އެމްބިއުލާންސް ޑްރައިވަރަކަށް މަސައްކަތްކުރާ މީހެކެވެ. ނަމަވެސް މި ވަގުތު އޭނާ ވެސް ހުރީ ރަށުން ބޭރުގައެވެ.

އެހެންކަމުން އަބްދުއްރަހްމާނު، އޭނާގެ ގޭގައި ދިރިއުޅެމުން އައީ އޭނާގެ އަނބިމީހާއާ އެކުގައި އެކަންޏެވެ. ޒަަޚަމްތަކާއެކު ފެނުމުން މަރުކަޒަށް ގުޅައި އެމްބިއުލާންސް ގެނައީ ވެސް އަންހެނުން ކަމަށް މައުލޫމާތު ލިބެއެވެ.

އޭނާގެ އަންހެނުން ނާޒިމާ އިބްރާހީމް އުޅެނީ, އެ ރަށު ކައުންސިލްގެ އެސިސްޓެންޓެއްގެ ވަޒީފާގައެވެ.

ނަމަވެސް އަބްދުއްރަހްމާނަށް އެހާ ބޮޑު ޒަޚަމެއް ލިބުނުއިރު، އެ ވަގުތު އޭނާގެ އަންހެނުން ހުރީ ކޮންތަނަކު ކަމެއް ޔަގީންވާ ގޮތެއް އަދި ނުވެއެވެ.

އެ ރަށު މީހުން ބުނާ ގޮތުން ނަމަ އަބްދުއްރަހްމާނަކީ އާދައިގެ ދިރިއުޅުމެއް އުޅޭ މީހެކެވެ. އަދި އޭނާއާމެދު ޒާތީ ހަސަދައެއް ނުވަތަ ނަފްރަތުކަމެއް އޮވެދާނެ މީހަކު ހުރެދާނެކަމަށް ފާހަގަނުވާކަމަށް ބުނެއެވެ.

ފުލުހުން އަންނަނީ މި ހާދިސާ ތަހުގީގުކުރަމުންނެވެ. އަދި މާލެއިން ޚާއްސަ ތަހުގީގު ޓީމެއް ވެސް އަންނަނީ އެ ރަށަށް ދަތުރުކުރަމުންނެވެ.

comment ކޮމެންޓް