ހުޅުމާލޭ ފުލެޓެއްގައި ރޯވެ، ބޮޑެތި ގެއްލުންތަކެއް

ހުޅުމާލޭގައި ހިނގި އަލިފާނުގެ ހާދިސާ: އަލިފާން މިހާރު ވަނީ ކޮންޓްރޯލްކޮށްފައި -- ސަން ފޮޓޯ/ މުހައްމަދު ޝިހާމް

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުރި ޗައިނާ ފުލެޓެއްގައި ރޯވެ، އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހި، އަޒީޒާ މިސްކިތް ކައިރީގައި ހުރި 94 ނަންބަރު ފުލެޓުގެ ދެވަނަ ފަންގިފިލާގައެވެ.

ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދުގައި މި ވަގުތު ހުރި މީހަކު 'ސަން'އަށް މައުލުމާތު ދިން ގޮތުގައި އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލްކޮށްފައެވެ. ސިފައިން ވެސް ވަނީ އަލިފާންގަނޑު ކޮންޓްރޯލްކުރި ކަމަށް ބުނެފައެވެ.

އެނގިފައިވާ ގޮތުގައި އެ އެޕާޓްމަންޓުގައި ދިރިއުޅެނީ 11 ބިދޭސީންނެވެ. އަދި، ހާދިސާ ހިނގި އެޕާޓްމަންޓަށް ވަނީ ވަރަށް ބޮޑެތި ގެއްލުންވެފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާނުވާ ކަމަށް ސިފައިން ވަނީ ބުނެފައެވެ.

ސިފައިން ހިއްސާކުރި ފޮޓޯއިން ފެންނަ ގޮތުގައި ހާދިސާ ހިނގި އެޕާޓްމަންޓްގެ ކޮޓަރިއަށް ވަނީ ބޭނުންނުކުރެވޭ ވަރުގެ ގެއްލުންތައް ވެފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

އަލިފާނުގެ ހާދިސާތައްދ ދޭތެރެއަކުން ހިނގައެވެ. އެ ފަދަ ހާދިސާތަކުގައި މީގެ ކުރިން އެތައް ބައެއްގެ ފުރާނަ ވެސް ގެއްލިފައި އެބަހުއްޓެވެ.

comment ކޮމެންޓް