ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުރި ޗައިނާ ފުލެޓެއްގައި މިއަދު ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު އެއީ 11 ބިދޭސީން ދިރިއުޅޭ ތަނެއް ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
މިއަދު ހެނދުނު އެ ހާދިސާ ހިނގީ ހުޅުމާލޭ ފުރަތަމަ ފިޔަވަހި، އަޒީޒާ މިސްކިތް ކައިރީގައި ހުރި 94 ނަންބަރު ފުލެޓުގެ ތިންވަނަ ބުރީގައެވެ. އަލިފާން ރޯވިތާ ބައިގަޑިއިރެއްހާއިރު ތެރޭގައި ސިފައިން ވަނީ އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައެވެ.
އެ ސަރަހައްދުގައި ހުރި ސަންގެ ނޫސްވެރިޔާ ބުނީ، އެ ފްލެޓްގައި ކުއްޔަށް ދިރިއުޅެނީ ހުސް ބިދޭސީން ކަމަށާއި ރޯވިއިރު އެ ތަނުގައި މީހަކު ނެތް ކަމަށް އަލިފާން ނިއްވަން ހަރަކާތްތެރިވި ސިފައިން ބުނި ކަމަށެވެ.

މިއަދު ހިނގި އަލިފާނުގެ ހާދިސާގައި އެ ފްލެޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި-- ފޮޓޯ: އެމްއެންޑީއެފް
އެހެންކަމުން އެ ހާދިސާގައި މީހަކަށް އަނިޔާ ނުވާ ކަމަށާއި ނަމަވެސް ތިން ކޮޓަރީގެ އެ ފްލެޓަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް އޭނާ ބުންޏެވެ.
އެގޮތުން، ބަންކު ބެޑް ބަހައްޓާފައި ހުރި, އެއް ކޮޓަރި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ. އަދި، މުޅި އެ އެޕާޓްމަންޓަށް ވަނީ ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައެވެ.
ސިފައިން ބުނީ، 11 ބިދޭސީން ދިރިއުޅޭ އެ އެޕާޓްމަންޓަށް ދުމުގެ އަސަރުކޮށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.
އެ ތަނުގައި އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ނޭނގެއެވެ.

ހުޅުމާލޭގައި އަލިފާނުގެ ހާދިސާ ހިނގި އެޕާޓްމަންޓު: އެ ތަނުގައި ދިރިއުޅެނީ 11 ބިދޭސީން -- ސަން ފޮޓޯ/ މުހައްމަދު ޝިހާމް
ޗައިނާ ސަރުކާރުގެ އެހީގައި ހަދާފައި ހުންނަ މި ފްލެޓްތަކަކީ ބޯހިޔާވަހިކަން ދަތިވެފައިވާ ދިވެހީން ދިރިއުޅުމަށް ދީފައިވާ ތަންތަނެވެ. ނަމަވެސް، މި ފްލެޓް މި ވަނީ ބިދޭސީން އުޅުމަށް ކުއްޔަށް ދީފައެވެ. އިންތިހާއަށް ބޯހިޔާވަހިކަން ދަތި އެތައް އާއިލާއަކަށް އަދިވެސް ފްލެޓް ނުލިބިވާއިރު ސަރުކާރުން ދީފައިވާ މި ފަދަ ފްލެޓްތައް ކުއްޔަށް ދީގެން އާމްދަނީ ހޯދުމަކީ ވަރަށް ގިނަ ބަޔަކު ކޮށް އުޅޭ ކަމެކެވެ. އަދި، ފްލެޓްތަކަށް ސަރުކާރަށް ދައްކަން ޖެހޭ ކުލި ނުދައްކާ އުޅުމަކީ ވެސް އާއްމު ކަމެކެވެ.
ހުޅުމާލޭގެ ގިނަ ފްލެޓްތަކަކީ ވަރަށް ގާތްގާތުގައި ހުންނަ ތަންތަނަށް ވާއިރު މިގޮތަށް ހިނގާ އަލިފާނުގެ ހާދިސާތަކުގައި ބޮޑެތި ނުރައްކާތެރި ކަންކަން ހިނގުމުގެ ފުރުސަތު ވަރަށް ބޮޑެވެ.