ބިދޭސީން އުޅޭ ފުލެޓުގައި ރޯވި ހާދިސާއާ ގުޅިގެން 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފި

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުރި ޗައިނާ ފުލެޓެއްގައި މިއަދު ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު މި ހާދިސާއާ ގުޅިގެން 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފިއެވެ.

އަލިފާނުގެ ހާދިސާ ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވަނީ, އަޒީޒާ މިސްކިތް ކައިރީގައި ހުރި 94 ނަންބަރު ފުލެޓުގައެވެ. އެއީ، 11 ބިދޭސީން ދިރިއުޅޭ އެޕާޓްމަންޓަކަށެވެ. އަލިފާން ރޯވިއިރު އެ ތަނުގައި އެއްވެސް މީހަކު ނެތެވެ.

https://www.sun.mv/208525

އެހެންވެ، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ނެޝަނަލް ޑިޒާސްޓާސް މެނޭޖުމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މިއަދު ބުނީ، މި ހާދިސާގެ ސަބަބުން ދުމާއި، ފެނުގެ އަސަރުކޮށްގެންނާއި އަލިފާނުގެ ސަބަބުން އެކިވަރުގެ ގެއްލުން ލިބިގެން ހަތަރު އެޕާޓްމަންޓެއްގެ 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

އިތުރު ތަފުސީލެއް ނުދެއެވެ.

އަލިފާން ރޯވި އެޕާޓްމަންޓަށް މި ހާދިސާގައި ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ޗައިނާ ސަރުކާރުގެ އެހީގައި ހަދާފައި ހުންނަ މި ފްލެޓްތަކަކީ ބޯހިޔާވަހިކަން ދަތިވެފައިވާ ދިވެހީން ދިރިއުޅުމަށް ދީފައިވާ ތަންތަނެވެ. ނަމަވެސް، މި ފްލެޓް މި ވަނީ ބިދޭސީން އުޅުމަށް ކުއްޔަށް ދީފައެވެ. އިންތިހާއަށް ބޯހިޔާވަހިކަން ދަތި އެތައް އާއިލާއަކަށް އަދިވެސް ފްލެޓް ނުލިބިވާއިރު ސަރުކާރުން ދީފައިވާ މި ފަދަ ފްލެޓްތައް ކުއްޔަށް ދީގެން އާމްދަނީ ހޯދުމަކީ ވަރަށް ގިނަ ބަޔަކު ކޮށް އުޅޭ ކަމެކެވެ. އަދި، ފްލެޓްތަކަށް ސަރުކާރަށް ދައްކަން ޖެހޭ ކުލި ނުދައްކާ އުޅުމަކީ ވެސް އާއްމު ކަމެކެވެ.

comment ކޮމެންޓް