ސިނާނަށް ހުކުމް ފޮނުވި މެސެޖު ކީ، އެކަމަކު ވިދާޅުވީ ހުކުމް ނުކިޔާ ކަމަށް

ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާން: އޭނާއަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކުރުމަށް ފަހު ޖެހިގެން އައި ދުވަހު ކޯޓުން ފޮނުވި މެސެޖު ބެލި، ސިނާންގެ ވަކީލު ވިދާޅުވަނީ ސިނާން ހުކުމް ނުބެއްލެވި ކަމަށާއި ހުކުމެއް އޮތްކަން އެނގިވަޑައިގަތީ މިދިޔަ ޖެނުއަރީ 22 ގައި ކަމަށް -- ފޮޓޯ/ މަޖިލިސް

އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް ދެއްކުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މިދިޔަ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު ހުކުމްކުރިކަމާއި، އެއާ ޖެހިގެން އައި ދުވަހު ވައިބާއިން އޭނާއަށް ފޮނުވި ހުކުމުގެ މެސެޖު ބެއްލެވިކަން ހާމަވެއްޖެއެވެ.

ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމި މައްސަލައިގައިވާ ގޮތުން، ސިނާންގެ އިތުރުން އައްޑޫ ހިތަދޫ، ވާދޫގެ، އަހްމަދު ވަހީދާއި ހަމަ އެ އަވަށުގެ ވިހަލަގޮޑިމާގެ މުހައްމަދު ސަލީމް ބައިވެރިވެގެން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ން ނެގި ސޭލް އެންޑް ލީސްބެކް ފައިނޭންސިންގެ ދަށުން އެ ތިން މީހުން އެ ބޭންކަށް 2.52 މިލިއަން ރުފިޔާ ދައްކަން ޖެހެއެވެ. އޭގެ ތެރޭ ހިމެނެނީ އެ ފެސިލިޓީގެ ބާކީގައި ހުރި 2.44 މިލިއަން ރުފިޔާއާއި ޗެރިޓީގެ ގޮތުގައި އަރާފައިވާ 75،789.01 ރުފިޔާއެވެ.

އެހެންވެ، އެ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވާތީ، ޗެރިޓީގެ ގޮތުގައި އަރަމުންދާ ފައިސާ އާ އެކު ހުކުމްކުރި ދުވަހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކަށް ޖެހޭ އަދަދަށް ވުރެ މަދުނޫން އަދަދެއް އެމްއައިބީއަށް ދައްކަމުން ގޮސް އެ ފައިސާ އެއްކޮށް ދައްކައި ނިންމަން ވަނީ އަންގައިފައެވެ.

ނޫން ނަމަ އެ ފެސިލިޓީ އާ ގުޅިގެން ރަހުނުކޮށްފައިވާ ސިނާނުގެ "ރޯދި" ދޯންޏާއި ސަލީމްގެ "ޕްރެޝަސް" ގޯއްޗާއި އެ ގޯތީގައިވާ އިމާރާތްތަކާ ގުޅޭ ރަހުނު އެއްބަސްވުންތަކުގައިވާ ކަންކަން ތަންފީޒުކޮށް އެ ފެސިލިޓީއަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ހޯދުމުގެ ބާރު އެމްއައިބީއަށް ލިބޭނެ ކަމަށް، މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމުގައިވެއެވެ.

އެ މައްސަލައިގައި އޭނާގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިދޭން ސުޕްރީމް ކޯޓަށް މިދިޔަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ހުށަހެޅުއްވި ޣާލިބު ސަލީމްގެ، ވަކީލު އިބްރާހީމް ޝިޔާމް ވިދާޅުވީ، މައިގަނޑުގޮތެއްގައި ސިނާންގެ ފަރާތުން ފާހަގަކުރި ކަމަކީ މައްސަލައިގައި ހުކުމްކުރިކަން އެނގިފައިނުވާކަން ކަމަށެވެ.

ނަމަވެސް، ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހުށަހެޅި ލިޔުމަށް ބެލުމުން މައްސަލައިގެ ހުކުމްކުރި ތާރީހުގައި ވައިބާ މެދުވެރިކޮށް ސިނާނަށް ހުކުމް ލިޔުމުން އަންގާފައިވާ ކަމަށާއި، ހަމަ އެ ދުވަހު "ގޮޓް އިޓް، ތޭންކް ޔޫ." މިހެން ޖެހުމަށް ފަހު މެސެޖުކޮށްފައިވާކަން ކޯޓުގެ ލިޔެކިއުންތަކުން އެނގޭ ކަމަށް ޝިޔާން ވިދާޅުވިއެވެ.

މި މައްސަލައިގައި ވައިބާގެ އިތުރުން އެހެނިހެން ގޮތްގޮތަށް މެސެޖުތައް ރައްދުކުރަން މަސައްކަތްކުރިކަން އެނގޭ ކަމަށް ޝިޔާން ވިދާޅުވިއެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ، ތިން މީހެއްގެ މައްޗަށް ކުރި ހުކުމެއްގެ ތެރެއިން އެކަކު ކޯޓަށް ހާޒިރުވެ ލިޔެކިއުންތައް ނަގާފައިވުމާއި، އެއް ފަރާތަށް ހުކުމްކުރާ ހިސާބުން އަނެއް ފަރާތަށް އެކަން އެންގުމަކީ އާންމު އުސޫލުން ކުރާނެ ކަންތައްތައް ކަމަށް ވާތީއެވެ.

ކޯޓުން ކުރި ހުކުމާއެކު ފައިސާ ދެއްކެވި ކަމަށް ވިދާޅުވެ، ސިނާން ހަގީގަތާ ހިލާފު ވާހަކައެއް ދައްކަވާފައިވާ ކަމަށް ވެސް ޝިޔާން ވިދާޅުވިއެވެ. އެގޮތުން، ސިނާންގެ ބޭންކް ސްޓޭޓްމެންޓަށް ބަލައިފިނަމަ އޭނާ ފައިސާ ދެއްކި ތާރީހު އެނގެން އެބައޮތް ކަމަށާއި، އޭނާ ފައިސާ ދެއްކި ކަމަށް ބޭންކް ސްޓޭޓްމަންޓުން ދައްކަނީ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު 1.7 މިލިއަން ރުފިޔާ ކަމަށް ޝިޔާން ވިދާޅުވިއެވެ.

ހުކުމާ އެއްގޮތަށް ސިނާން ފައިސާ ދެއްކި ކަމަށް ގަބޫލުކުރެވޭނީ ޝިޔާން ވިދާޅުވި ގޮތުގައި، ސާބިތު ދަރަންޏެއް އޮވެމެ، ހުކުމްގެ މުއްދަތުގައި ފައިސާ ދައްކައި ޚަލާސްކުރެވިފައިވާ ނަމައެވެ.

"ޑިފޯލްޓެއް އައިސްފައިވާކަން އަޅުގަނޑުމެންނަށް އެނގޭ ކަމަކީ ބޭންކުން ނޮވެމްބަރު 20 ގައި އަދި ނޮވެމްބަރު 21 ގަ ސިޓީ ފޮނުވައި މެއިލްކޮށްފައިވާކަން އަޅުގަނޑުމެންނަށް ހުށަހަޅާފައި ހުރި ލިޔެކިއުންތަކުން އެނގެން އެބަވޭ،" މިއަދުގެ އަޑުއެހުމުގައި ވާހަކަދައްކަވަމުން ޝިޔާން ވިދާޅުވިއެވެ.

އެއަށް ފަހު ޝިޔާން ހުށަހެޅުއްވި ޓައިމްލައިންގައިވާ ގޮތުން:

  • 14 އޮކްޓޯބަރު: ސިނާނަށާއި ވަހީދަށާއި ސަލީމަށް މެޖިސްޓްރޭޓް ކޯޓުން ހުކުމްކުރުން
  • 15 އޮކްޓޯބަރު: ހުކުމް ވައިބާއިން ފޮނުވާފައިވޭ، ސިނާން ވަނީ ހުކުމް ލިބިފައިވާކަން ކަށަވަރުކޮށްދެއްވާފައި
  • 20 އަދި 21 ނޮވެމްބަރު: ހުކުމް ތަންފީޒަށް ހުށަހަޅާނެ ވާހަކަ ބަޔާންކޮށް ބޭންކުން ސިނާނަށް ސިޓީ އާއި އީމެއިލެއް ފޮނުވާފައިވޭ
  • 16 ޑިސެމްބަރު: ހުކުމް ތަންފީޒުކުރުމަށް މެޖިސްޓްރޭޓް ކޯޓުން ހުށަހެޅީ މި ތާރީހުގައި
  • 22 ޖެނުއަރީ: ހުކުމް ތަންފީޒަށް ފަހު ފެސިލިޓީ ރީޝެޑިއުލްކޮށްދޭން ސިނާން ހުށަހެޅި
  • 13 ފެބްރުއަރީ: ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅުމުން ސިނާން 1.7 މިލިއަން ރުފިޔާ ދައްކާފައިވޭ
  • 16 ފެބްރުއަރީ: ސިނާންގެ ފަރާތުން އެދުނީ ބާކީ ދެ މަހުގެ ޕޭމަންޓް ފަސްކޮށްދޭން
  • 17 ފެބްރުއަރީ: ބޭންކުން ސިނާން ގާތު އެދުނީ ހުކުމާ އެއްގޮތަށް ފައިސާ ދެއްކުމަށް

އެމްއައިބީން ސިނާނަށް ދިން ޖަވާބުން އޭނާގެ ޕޭމަންޓް ދެއްކުމަށް އެއްވެސް ލުޔެއް ދީފައިނުވާ ކަން އެނގެން އެބައޮތް ކަމަށާއި، އޭގެ ފަހުން ދެވަނަ މަސް ހިނގުމުގެ ކުރިން މިދިޔަ އޭޕްރިލް މަހުގެ 14 ވަނަ ދުވަހު ސިނާންގެ ފަރާތުން ފައިސާ ދައްކާފައިވީ ނަމަވެސް، ގަވައިދުން ފައިސާ ދައްކަމުން ނުދާތީ އޭނާ ހުރީ ޑިފޯލްޓްވެފައި ކަމަށް ޝިޔާން ވިދާޅުވިއެވެ.

އިތުރަށް ޝިޔާން ވިދާޅުވީ، ސިނާންގެ ބޭންކް ސްޓޭޓްމަންޓުން އެނގެން އޮތް ގޮތުގައި ސިނާން ފައިސާ ދައްކާފައިވަނީ ހަވަނަ މަސް ކައިރިވީތަނާ ހެނެވެ.

"އެހެންކަމުން އިއްޒަތްތެރި ފަނޑިޔާރު، އަޅުގަނޑުމެން އެދެނީ މި މައްސަލައިގަ އަޅުގަނޑުމެން އެދިފަ ވާ ކަމަށް މުހައްމަދު ސިނާންގެ ގޮނޑި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން މުހައްމަދު ސިނާން ވަކިވެފައިވާ ކަމަށް ކަނޑައަޅައިދީ މި މައްސަލައިގަ ގޮތެއް ނިންމަވައި އަދި ގޮތެއް ކަނޑައަޅައިދެއްވުން އެދޭ ވާހަކަ ދަންނަވާލަން،" ޝިޔާން ވިދާޅުވިއެވެ.

ޝިޔާނަށް ފަހު ސިނާންގެ ފަރާތުން އޭނާގެ ވަކީލު މޫސާ އަލީމް ވިދާޅުވީ، ސިނާނަށް ހުކުމެއް އޮތްކަން އެނގިވަޑައިގަތީ މިދިޔަ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު ކަމަށާއި އެ ދުވަހު ފައިސާ ދައްކާނެ ގޮތް ރީސްޓްރަކްޗާކުރަން އެމްއައިބީއަށް ސިނާން މެއިލްކުރެއްވި ކަމަށެވެ.

އޭގެ ކުރިން ދަންނަވައިގެން އީމެއިލް ޗެކްކުރެއްވިއިރު މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ބޭންކުން ސިނާނަށް ފޮނުވި މެއިލް ފެނިވަޑައިގެންނެވި ކަމަށާއި އެކަމަކު އޭގެ ކުރިއަށް އޭނާ އެ މެއިލް ބައްލަވާފައިނުވާ ކަމަށް އަލީމް ވިދާޅުވިއެވެ.

"[15 އޮކްޓޯބަރުގަ] މެސެޖެއް ކުރައްވާފައި ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ގުޅުއްވާފައި ވިދާޅުވީ ސިނާން އޭ، މެސެޖެއް އޮންނާނެއޭ، އޭތި އެކްނޮލެޖްކޮށްދެއްވާށޭ، ތިމަންނާ އެކްނޮލެޖްކުރީމޭ، ތިމަންނާ އޭތި ނުއެއް ބަލަމޭ، އެހެންވީމާ ތިމަންނާއަށް ހުކުމެއް އޮތްކަން އެނގިފައެއް ނެތޭ އެހާ ހިސާބަކަށް، ހުކުމެއް އޮތްކަން މި އެނގެނީ 22 ޖެނުއަރީ 2025 ގައޭ،"

އެހެންކަމުން ސުޕްރީމް ކޯޓާ ހަގީގަތާ ހިލާފު މައުލޫމާތު ހިއްސާކުރެއްވި ކަމަށް ގަބޫލުނުކުރައްވާ ކަމުގައި އަލީމް ވިދާޅުވިއެވެ.

އިތުރަށް އަލީމް ވިދާޅުވީ، ގާތްގަނޑަކަށް އެއްފަހަރާ ހަތަރު މަހުގެ ފައިސާ ދައްކާ ނަމަ ތަންފީޒީ މައްސަލަ ކުރިއަށް ގެންދިއުން ހުއްޓާލާނެ ކަމަށް އެމްއައިބީން ބުނި ކަމަށެވެ. އަދި ފައިސާ ހަމަޖެހުމާއެކު 1.7 މިލިއަން ރުފިޔާ މިދިޔަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ދެއްކެވި ކަމަށާއި ބާކީ ހުކުމުގައިވާ ހަ މަހުގެ ކުރިއަށް ހުރިހާ ފައިސާއެއް ސިނާން ދައްކަވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެހެންވީމާ އެ ފައިސާ އެއްފަހަރާ ދެއްކީ، އެކަމަށް ވަގުތުކޮޅެއް ނެގި ފައިސާ ހަމަޖެއްސުމަށްޓަކައި،" އަލީމް ވިދާޅުވިއެވެ.

މި މައްސަލައިގެ އަޑުއެހުންތައް މިއަދު މި ވަނީ ނިންމާލައިފައެވެ. ދެން އޮންނާނީ މި މައްސަލައިގައި ހުކުމް އިއްވުމެވެ.

ސުޕްރީމް ކޯޓުގައި ސިނާންގެ ގޮނޑިއާ ގުޅޭ މައްސަލަ ބައްލަވަނީ ފަނޑިޔާރު އައިޝާ ސުޖޫންއާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ.

comment ކޮމެންޓް