އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އިސްވެރިން އިއްޔެ ބައިވެރިވެވަޑައިގެންނެވި, ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ ސިއްރު ކުރިއިރު އެ ކޮމިޝަނުން މަޖިލީގައި އެދުނީ, 'ސީރިއަސް ފްރޯޑް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް'ގެ ނަމުގައި ޚާއްސަ ތަހުގީގުތަކަށް ޑިޕާޓްމަންޓެއް ހެދުމަށްޓަކައި ބޭނުންވާ ފައިސާ ހަމަޖައްސައިދޭންކަން "ސަން" އަށް އެނގިއްޖެއެވެ.
އޭސީސީން އެދިގެން އިއްޔެ ބޭއްވި ކޮމިޓީގެ އެޖެންޑާގައި އޮތީ އޭސީސީގެ މަސައްކަތްތައް ނިންމުމަށް ހުރި ދަތިތަކާ ގުޅޭގޮތުން ކޮމިޓީއާ މަޝްވަރާކުރުމެވެ. އެ ކޮމިޓީ ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ. ކޮމިޓީގެ ބައްދަލުވުން ސިއްރުކުރާ ވަކި ސަބަބެއް ހާމައެއް ނުކުރެއެވެ.
'ސަން' އަށް މައުލޫމާތުދެއްވައި މާލިއްޔަތު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރަކު ވިދާޅުވީ އެ ކޮމިޝަނުން އެދުނީ 'ސީރިއަސް ފްރޯޑް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް'ގެ ނަމުގައި މައްސަލަތައް ތަހުގީގުކުރަން ޑިޕާޓްމަންޓެއް އުފައްދަން ބޭނުންވާ ފައިސާ ހަމަޖައްސައިދޭންށެވެ. އަދި އެ ކޮމިޝަންގެ ބަޖެޓުގެ ދަތިކަން ހުރުމުން އެކަން ކުރުމަށް އިތުރު ފައިސާ ބޭނުންވާކަމަށް ބުނެފައިވާ ކަމަށް ވެސް މެންބަރު ވިދާޅުވިއެވެ.
އޭސީސީގައި ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ނުބެލި، އެއްވެސް ފިޔަވަޅެއް ނޭޅި، ކަންތައްތައް ދޫވެގެން ދާ މައްސަލައަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. ކޮންމެ ސަރުކާރަކުން ވެސް ވެރިކަމަށް އައުމުގެ ކުރިން ދައްކާ އެއް ވާހަކައަކީ އޭސީސީ މިނިވަންކަމާއެކު ހިންގާނެ ވާހަކައާއި ގައުމުގައި ހުރި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ބަލާނެ ވާހަކައެވެ. ނަމަވެސް މިހާތަނަށް އެކަން އޭގެ އެންމެ އެދެވޭ ގޮތަށް ހިނގާފައެއް ނުވެއެވެ.

އޭސީސީގެ ރައީސާއި މެންބަރުން -- ފޮޓޯ/ އޭސީސީ
މިހާރު ވެސް އޭސީސީއަށް ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ވަނީ ހުށަހެޅިފައެވެ.
ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކޮރަޕްޝަންގެ މައްސަލަ ކަމަށްވާއިރު އެކަންކަން ބަލައި ހުއްޓުވުމަށް އޭސީސީއަށް ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން 40 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރެއެވެ. ނަމަވެސް ކޮރަޕްޝަންގެ ގޮތުގައި ގެއްލޭ ފައިސާގެ ތެރެއިން އަނބުރާ ހޯދެނީ ވަރަށް ކުޑަ އަދަދެކެވެ.
މިދިޔަ އަހަރުގެ ބަޖެޓުގައި ވެސް 48 މިލިއަން ރުފިޔާ އަދި އޭގެ ކުރީ އަހަރުގެ ބަޖެޓުގައި 50 މިލިއަން ރުފިޔާ އޭސީސީއަށް ހަމަޖައްސާފައިވެއެވެ. މިއަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގައި ވެސް އޭސީސީގެ ޚަރަދުތަކަށް 50 މިލިއަނެއްހާ ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
މިހާރު އޭސީސީއަށް ދީފައިވާ ބަޖެޓުން ވެސް މާ ބޮޑު ނަތީޖާއެއް ނުނެރެވޭކަމުގެ ކަންބޮޑުވުން ފާހަގަކުރައްވައި އިއްޔެގެ ކޮމިޓީގައި ވެސް މެންބަރުން އެ ކޮމިޝަންގެ އިސްވެރިންނަށް ސުވާލުތައް ކުރިމަތިކުރުވިއެވެ. ކަން އެހެން އޮއްވައި އެ ކޮމިޝަނުން މިވަނީ އިތުރު ފައިސާއަށް އެދިފައެވެ.
އޭސީސީން އެންމެ ފަހުން އާއްމުކުރި އެ ކޮމިޝަންގެ 2024ގެ އަހަރީ ރިޕޯޓުން އެނގޭ ގޮތުގައި 15 މައްސަލައެއްގައި ހިމެނޭ 74 މިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ކޮމިޝަނުން ނިންމިއެވެ.
އޭގެ ތެރެއިން ހޯދުމަށް އިދާރާތަކުގައި އެދުނީ، 50.3 މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް، މިހާތަކަށް އެގެތެރެއިން ލިބިފައި ވަނީ 234،531 ރުފިޔާކަމަށް ރިޕޯޓުގައިވެއެވެ. މިއީ ފަސް މައްސަލައެއްގައި ހިމެނޭ ފައިސާކަމަށް އޭސީސީން ބުންޏެވެ.
އޭސީސީ)އަށް އެ ކޮމިޝަންގެ ޒިންމާ އަދާނުކުރެވޭ ކަމަށާއި، ރާއްޖޭގައި ހިނގާ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ނުބެލި ދޫވެގެން ދާތަން ބަލަން ނުތިބެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މީގެ ކުރިން ވެސް ވަނީ ވިދާޅުވެފައެވެ. އަދި އޭސީސީ އޮތީ އެންމެ ރަނގަޅު މޮޑެލްގެ ގޮތުގައި ކަމަށް މިހާރު ގަބޫލުނުކުރެއްވޭ ކަމަށާއި، މައްސަލައަކީ ނިންމުންތައް ނިންމުމުގައި ފަސްޖެހުން ކަމަށް ވެސް ނާޒިމް 'ސަން'ގެ އެޑިޓަރު ސުވާލު ޕްރޮގްރާމްގައި މީގެ ކުރިން ވިދާޅުވެފައިވެއެވެ.