މެލޭޝިޔާގައި އިތުރުކުރި ޓެކުހަށްވާ ފައިސާ ހޯދަން ދަރިވަރުންނަށް ހުޅުވާލައިފި

ސްކޫލް ނިންމި ދިވެހި ދަރިވަރުންތަކެއް: މެލޭޝިޔާގައި އިތުރުކުރި ޓެކުހަށްވާ ފައިސާ ހޯދަން ދަރިވަރުންނަށް ވަނީ ފުރުސަތު ދީފައި -- ފޮޓޯ/ ރައީސް އޮފީސް

ދިވެހީން ގިނަ އަދަދަކަށް މަތީ ތައުލީމު ހާސިލުކުރުމަށް ދާ މެލޭޝިއާގައި، ބޭރުގެ ދަރިވަރުން ކިޔަވާ އަމިއްލަ ސްކޫލްތަކާއި ޔުނިވާސިޓީތަކުން ނަގަންފެށި ހަ ޕަސެންޓުގެ ސާވިސް ޓެކުހަށްވާ ފައިސާއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މެލޭޝިއާގެ މި އަހަރުގެ ބަޖެޓުގައިވާ ގޮތުގެ މަތިން، ސޭލްސް އެންޑް ސާވިސް ޓެކްސް (އެސްއެސްޓީ)އަށް ގެންނަ ބަދަލެއްގެ ދަށުން، ކޮންމެ ދަރިވަރަކަށް އަހަރަކު 60،000 ރިންގިޓް (218,542.95 ރުފިޔާ)އަށް ވުރެ ބޮޑު އަދަދެއް ޓިއުޝަން ފީއަށް ނަގާ ޕްރައިވެޓް ސްކޫލްތަކުން އެސްއެސްޓީއަށް ރެޖިސްޓާކުރަން ޖެހޭނެއެވެ. އަދި މަތީ ތައުލީމު ފޯރުކޮށްދޭ ކޮލެޖުތަކާއި ޔުނިވާސިޓީތަކުން ބޭރުގެ ދަރިވަރުންނަށް ފުރުސަތު ދޭ ނަމަ، ރެޖިސްޓާ ކުރަން ޖެހޭނެއެވެ. ނަމަވެސް އެ ޓެކްސްއިން މެލޭޝިއާގެ ރައްޔިތުން އިސްތިސްނާ ވާނެއެވެ.

މި ކަމާ ގުޅިގެން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވީ، އެ ގައުމުގައި ދަރިވަރުންގެ އަތުން އިތުރު ޓެކުހެއް ނެގިޔަސް، ދަރިވަރުންނަށް އެ ކަން ބުރައަކަށް ނުވާގޮތަށް ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށެވެ. އަދި މިނިސްޓްރީން ފަހުން ވަނީ، ސްކޮލާޝިޕާއި ލޯނުން ކިޔަވާ ދިވެހި ދަރިވަރުންނަށް އެ ޓެކްސް ދައްކައިދޭނެ ކަމަށް ބުނެފައެވެ.

އެ މިނިސްޓްރީންވަނީ، ސަރުކާރުގެ ޚަރަދުގައި މެލޭޝިޔާގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން، އިތުރުކުރި ޓެކުހަށްވާ ފައިސާ ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައެވެ. މި ކަމަށް އެދި ހުށަހެޅޭނީ މިނިސްޓްރީން ތައްޔާރުކޮށްފައިވާ ގޫގްލް ފޯމު މެދުވެރިކޮށެވެ.

މެލޭޝިއާއަކީ މެޑިސިންއާއި އިންޖިނިއަރިން ފަދަ ދާއިރާތަކުން ގިނަ އަދަދެއްގެ ދިވެހީން ތައުލީމު ހާސިލުކުރާ އަދި ގިނަ ދިވެހީން ދިގު މުއްދަތަކަށް ދިރިއުޅެން ވެސް ޚިޔާރުކުރަމުން އަންނަ ގައުމެކެވެ.

އެ ގައުމުގައި ކިޔަވާ ބޭރު ދަރިވަރުންގެ އަތުން ހަ ޕަސެންޓުގެ ޓެކުހެއް ނަގަން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. މި ބަދަލާއެކު ދިވެހި ސަރުކާރުންވަނީ ސަރުކާރުގެ ޚަރަދުގައި މެލޭޝިޔާގައި ކިޔަވާ ދަރިވަރުންނަށް ފޯރުކޮށްދޭ ފައިސާ އިތުރުކޮށްދީފައެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާ ގޮތުގައި ދައުލަތުގެ ސްޓޫޑެންޓް ލޯން ސްކީމަށް 768 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާއިރު، އޭގެ ތެރެއިން މިދިޔަ މަހުގެ 26ގެ ނިޔަލަށް ޚަރަދުކޮށްފައިވަނީ 252 މިލިއަން ރުފިޔާއެވެ. އެއާ އަޅައިބަލާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ސްޓޫޑެންޓް ލޯނަށް 308.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

comment ކޮމެންޓް