ސިޔާސީ ދާއިރާގައި އުޅުމަކީ 'ހޮބީ'އެއްގެ ގޮތުގައި ކުރާ މަސައްކަތެއް ކަމަށް ވިޔަސް އެއީ މަންފާއެއް ނުލިބޭ އެހެނަސް ޚަރަދު އެހާ ބޮޑު ދާއިރާއެއް ކަމަށް ބަތަލާ ކަންގަނާ ރަނައުތު ބުނެފިއެވެ.
ބޮލީވުޑްގައި ކާމިޔާބު ފިލްމީ ކެރިއަރެއް ބިނާކުރުމަށް ފަހު ދާދިފަހުން ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާން ފެށި ބަތަލާ ބުނެފައިވަނީ، މަޖިލިސް މެންބަރެއްގެ ގޮތުގައި އޭނާ މަސައްކަތްކުރި ނަމަވެސް އެ މަސައްކަތުން ލިބޭ އާމްދަނީއަށް އެކަނި ބަރޯސާވެގެން ދިރިއުޅުމުގެ ޚަރަދުތައް ފޫނުބެއްދޭ ކަމަށެވެ.
ޕާލަމަންޓްގައި މަސައްކަތްކުރާ ގިނަ މެންބަރުންނަކީ މިހާރު ވެސް އިތުރު ގޮތްގޮތުން އާމްދަނީ ހޯދާ މެންބަރުން ކަމަށް ކަންގަނާ ވަނީ ބުނެފައެވެ. އެގޮތުން، ކަންގަނާ ދަންނަ ވަރަށް ގިނަ ޕާލަމަންޓު މެންބަރުންނަކީ އަމިއްލަ ވިޔަފާރިއެއް ފަށާފައިވާ މީހުން ކަމަށާއި ބައެއް މެންބަރުންނަކީ މިހާރު ވެސް ވަކީލުންގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މީހުން ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ބަތަލާ ކަންގަނާ ނިއުންސް ކޮންފަރެންސެއްގައި ބައިވެރިވަނީ--ފޮޓޯ/ޓެލެގްރާފްއިންޑިއާ
އިންޑިއާގެ ޕާލަމަންޓުގައި މަސައްކަތް ކުރާ މެންބަރުންގެ އާމްދަނީއަކީ މަހެއްގެ މައްޗަށް ގާތްގަނޑަކަށް 1.24 ލައްކަ ރުޕީސް (އެއީ 1494 އެމެރިކާ ޑޮލަރު) ކަމަށް ކަންގަނާ ވަނީ ބުނެފައެވެ. އެހެންކަމުން ތެދު ތެދަށް ބުނާނަމަ ޕާލަމަންޓް މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރި ނަމަވެސް އާމްދަނީ ލިބޭނެ އިތުރު މަސައްކަތެއް ކޮންމެ މީހަކު ވެސް ކުރަން މަޖުބޫރުވާ ކަމަށް ހިމާޗަލް ޕްރަދޭޝްގެ މަންޑީ ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައިވާ ބަތަލާ ވަނީ ބުނެފައެވެ.
ސިޔާސީ ދާއިރާއަށް ކަންގަނާ ނުކުތީ އާއްމުންނަށް ޚިދުމަތްކުރުމަށް ކަމަށާއި ގިނަ ރައްޔިތުން އޭނާގެ ގާތަށް އަންނަނީ އާއްމު ދިރިއުޅުމުގައި ދިމާވާ ޒަރޫރީ ޚިދުމަތްތަކާ ގުޅޭ މައްސަލަތައް ހިފައިގެން ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
ޔޫޓިއުބް ޗެނަލް "އާތުމަން އިން ރަވީ"އަށް ދިން އިންޓަވިއުގައި ކަންގަނާ ބުނީ، އެފަދަ މައްސަލަތަކަކީ ހަގީގަތުގައި ސްޓޭޓް ސަރުކާރުގެ މައްސަލަތައް ކަމަށެވެ. ނަމަވެސް، އެ މައްސަލަ ހުށަހަޅާ މީހުން ގަބޫލުކުރާ ގޮތުގައި އެކަން ކަމަށް ހައްލު ހޯދައިދީ އެކަން ކަމަށް ޚަރަދު ކުރަންޖެހެނީ ކަންގަނާ ކަމަށާއި އެހެންވެ މިހާރު ސިޔާސީ ދާއިރާގައި އުޅުނަސް ހަގީގަތުގައި އުފަލެއް ނުލިބޭ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
ކުރިމަގުގައި ސަރުކާރުގެ ކެބިނެޓް މިނިސްޓަރެއްގެ ގޮތުގައި ފެނިދާނެތޯ ސުވާލުކުރުމުން ކަންގަނާ ބުނެފައިވަނީ މިހާތަނަށް މުނިފޫހިފިލުވުމުގެ ދާއިރާއިން ޤައުމަށް ކޮށްދެވުނު ޚިދުމަތްތަކާ އެކު ލިބިފައިވާ އެވޯޑުތަކާއި ޤައުމީ އިނާމުތަކަށް ބަލާއިރު ބަތަލާ އެފަދަ މަޤާމަކަށް ކުފޫ ހަމަވާކަމަށް ގަބޫލުކުރާ ކަމަށެވެ.
ހަތަރު ފަހަރަށް ނެޝަނަލަ އެވޯޑު ކާމިޔާބުކޮށްފައިވާ ބަތަލާގެ އެންމެ ފަހުން ރިލީޒްކުރި ފިލްމަކީ މި އަހަރުގެ ޖަނަވަރީ މަހު ރިލީޒްކުރި ފިލްމު "އިމަޖެންސީ"އެވެ.
ސިޔާސީ ދާއިރާއާ ނުކުތުމަށް ފަހު ފިލްމީ މަސައްކަތް ނުކުރާނެކަމަށް މީގެ ކުރިން ބުނެފައިވާ ބަތަލާ އަންނަނީ ސައިކޮލޮޖިކަލް ތުރިލާއެއްގެ މަސައްކަތް ކުރަމުންނެވެ. އިއުލާނު ނުކުރާ މި ފިލްމުގެ ނަން އަދި ހާމަކޮށްފައެއް ނުވެއެވެ.