އިންޑިއާގެ މަޝްހޫރު ރިއަލިޓީ ޝޯ "ބިގް ބޮސް"ގެ 16 ވަނަ ސީޒަންގައި ބައިވެރިވެ ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި އަބްދުލް ރޮޒިކް, ދުބާއީ އެއާޕޯޓުގެ ސެކިއުރިޓީ ބަލަހައްޓާ ފުލުހުން ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ތަޖިކިސްތާނުގެ ލަވަކިޔުންތެރިޔާ އަދި ސޯޝަލް މީޑިއާގައި ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ އަބްދުލް, ދުބާއީގެ އެއާޕޯޓުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް ހައްޔަރުކޮށްފައި ނުވާކަމަށް އަބްދުލްގެ ޓީމުން ވަނީ ބުނެފައެވެ.
ބައެއް މީޑިއާތަކުން އަބްދުލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހައްޔަރުކުރި ކަމަށް ބުނެ ޚަބަރު ފެތުރުމުން އޭނާގެ މެނޭޖްމަންޓް ޓީމުން އެކަން ވަނީ ދޮގުކޮށްފައެވެ.

އަބްދުލް ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާންއާ އެކު--ފޮޓޯ/ފިލްމުފެއަ
އަބްދުލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ކޮން ސަބަބަކާހުރެ ކަމެއް އޭނާގެ ޓީމުން ހިއްސާކޮށްފައެއް ނުވެއެވެ. ދުބާއީގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން އެއާޕޯޓުގައި އަބްދުލް ހިފަހައްޓާފައި ވަނީ މިދިޔަ ހަފްތާ ބަންދުގައި މޮންޓެނީގްރޯ އިން ދުބާއީއަށް ދިޔަ ތަނުން މިދިޔަ ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.
ދުބާއީގެ ނޫހެއް ކަމަށްވާ ޚަލީޖް ޓައިމްސްގައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ އަބްދުލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ވައްކަމުގެ މައްސަލައެއްގައި ކަމަށެވެ.
ވަރަށް ގިނަ އިރުތަކެއް ވަންދެން އޭނާ ވަނީ އެއާޕޯޓުގައި ހިފަހައްޓާފައި ކަމަށާއި އަބްދުލްއާ ސުވާލުކުރެވުނީ ކޮން މައްސަލައަކާ ގުޅިގެންކަން މިހާތަނަށް ރަސްމީ އެއްވެސް ފަރާތަކުން ހާމަކޮށްފައި ނުވާ ކަމަށް ޚަލީޖް ޓައިމްސްގައި ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން އަބްދުލްގެ ޓީމުން ވަރަށް އަވަހަށް ރަސްމީ ބަޔާނެއް ނެރެން ނިންމާފައިވާ ކަމަށާއި އަބްދުލްއާ ގުޅިގެން ދޮގު ޚަބަރުތައް ފަތުރަމުން އަންނަ މީޑިއާތަކާ މެދު އޭނާގެ ޓީމުން ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
އުމުރުން 21 އަހަރުގެ އަބްދުލް ވަނީ "ބިގް ބޮސް"ގެ އިތުރުން ކަލަސް ޗެނަލްއިން ގެނެސްދިން "ހަތުރޯން ކޭ ކިލާޅީ"ގައި ވެސް ބައިވެރިވެ އާއްމުންގެ ސަމާލުކަން ހޯދާފައެވެ. މިދިޔަ އަހަރު ދުބާއީގެ މީހަކާ އެންގޭޖްވެފައިވާ އަބްދުލް ދިރިއުޅެމުން އަންނަނީ މިހާރު ޔޫއޭއީގައެވެ.