މީހެއްގެ މުދަލެއް ވަގަށް ބޭނުންކުރާނަމަ 2 މިލިއަނާ ހަމައަށް ޖޫރިމަނާކުރެވޭ ބިލެއް

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: މީހެއްގެ މުދަލެއް ވަގަށް ބޭނުންކުރާނަމަ 2 މިލިއަނާ ހަމައަށް ޖޫރިމަނާކުރެވޭ ބިލެއް ހުށަހަޅައިފި -- ފޮޓޯ/ މަޖިލިސް

އެހެން މީހެއްގެ މުދަލެއް ވަގަށް ބޭނުންކޮށް، އޭގެ ވިޔަފާރިކުރާނަމަ އެއް ލައްކަ ރުފިޔާއިން ފެށިގެން ދެ މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭ ގޮތަށް 'ޓްރޭޑްމާކްގެ ބިލު' ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ޒާހިރު މިއަދު ހުށަހެޅުއްވި ބިލުގެ ބަހުސް މިއަދު ވަނީ މަޖިލީހުގައި ފަށައިފިއެވެ.

އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާހައުލެއް ގާއިމުކުރުމަށްޓަކައި ޓްރޭޑްމާކް ރަޖިސްޓްރީކޮށްދިނުމާ ގުޅޭ ނިޒާމެއް ގާއިމުކުރުމެވެ. އަދި, ކަމާ ގުޅޭ މައިގަނޑު އުސޫލުތައް ކަނޑައަޅައި، ރަޖިސްޓްރީކުރެވޭ ޓްރޭޑްމާކާ ގުޅިގެން ޓްރޭޑްމާކްގެ ވެރިފަރާތްތަކަށް ލިބޭނެ ހައްގުތަކުގެ ދާއިރާ ބަޔާންކުރުމާއި، ޓްރޭޑްމާކްގެ ހައްގަކަށް އަރައިގަންނަ އަމަލުތަކާ ގުޅިގެން ފިޔަވަޅު އެޅޭނެ އުސޫލުތައް ބަޔާންކުރުމެވެ.

'ޓްރޭޑްމާކް'އަކީ އެއް ފަރާތުގެ މުދާ ނުވަތަ ޚިދުމަތްތައް އަނެއް ފަރާތުގެ މުދަލާއި ޚިދުމަތްތަކާ ތަފާތުކުރާ ނިޝާނެވެ. އެގޮތުން، އަމިއްލަ ނަން، ނުވަތަ އަކުރު، ނުވަތަ ނަންބަރު، ނުވަތަ ފިގަރެޓިވް އެލެމެންޓްތަކާއި ކުލަތަކުގެ ތަފާތު އެތުރުންތަކާއި އެފަދަ ނިޝާންތަކުގެ ތަފާތު އެތުރުން ހިމެނެއެވެ.

ބިލުގައި ބުނެފައިވާ ގޮތުގައި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާން ކުރާ މިންގަޑުތަކަށް އެ މާކް ފެތެންވާނެއެވެ. އެގޮތުން، މާކްގެ ގްރެފިކް ރެޕްރެޒެންޓޭޝަނެއް ހުށަހެޅުމަށް ލާޒިމުކޮށް، މާކްގެ ޚާއްސަ ސިފައެއްގެ ގޮތުގައި އޭގެ ކުލަ ކަނޑައެޅުމަށް ބޭނުންވާނަމަ އެކަން އަންގައިދޭ ބަޔާނެއް ހުށަހަޅަން ޖެހޭނެއެވެ. އަދި، މާކްގެ ތަރުޖަމާއާއި މާކް ބޭނުންކުރަން ގަސްދުކުރާ މުދަލާއި ޚިދުމަތުގެ ލިސްޓެއް ހުށަހަޅަންޖެހެއެވެ.

ޓްރޭޑްމާކްގެ އެކްސްކްލޫސިވް ހައްގު ލިބޭނީ ގާނޫނުގައިވާ ގޮތުގެ މަތީން އެ މާކް ރަޖިސްޓްރީކުރުމުންނެވެ. ބިލުގައިވާ ގޮތުން ރާއްޖޭގައި ޓްރޭޑްމާކެއް ރަޖިސްޓްރީކޮށްދޭނީ 10 އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި، މި މުއްދަތު ހަމަވުމުން އިތުރު 10 އަހަރަށް އިތުރުކުރުމުގެ ފުރުސަތު އޮންނާނެއެވެ.

ބިލުގެ ހަވަނަ ބާބުގައި ޓްރޭޑްމާކާ ގުޅޭ ހައްގަކަށް އަރައިގަތުމުގެ އަމަލުތަކާއި ތަންފީޒީ ފިޔަވަޅުތައް ވަނީ ތަފުސީލުކޮށްދީފައެވެ. އެގޮތުން ވެރިފަރާތުގެ ހުއްދަނެތި ގަސްތުގައި ކުރުން މަނާކަންކަން:

  • މާކެއް ކައުންޓަފީޓްކުރުން.
  • މުދަލެއްގައި ކައުންޓަފީޓް މާކެއް ބޭނުންކުރުން ނުވަތަ ޚިދުމަތަކާ ގުޅުވައިގެން އެފަދަ މާކެއް ބޭނުންކުރުން.
  • މާކެއް ކައުންޓަފީޓްކުރުމަށް ބޭނުންކުރާ ތަކެތީގެ ބޭނުމަކީ މުދަލުގައި ކައުންޓަފީޓްކުރި މާކެ ޖެހުން ކަމަށް ބެލެވޭފަދަ ތަކެތި ގެންގުޅުން.
  • ކައުންޓަފީޓްކޮށްފައިވާ މުދާ ރާއްޖެއަށް އިމްޕޯޓުކޮށް ނުވަތަ އެކްސްޕޯޓުކުރަން އުޅުން.
  • ކައުންޓަފީޓްކޮށްފައިވާ މުދަލުން ވިޔަފާރިކުރުން.

ބިލުގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 100،000 ރުފިޔާއާއި، 2،000،000 ރުފިޔާއާ ދެމެދުގެ އަދަކަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

ހަމައެއާއެކު ޓްރޭޑްމާކުގެ ހައްގަށް އަރައިގަތުމުގެ އަމަލެއް ހުއްޓުވުމަށް ނުވަތަ އެފަދަ މައްސަލައަކާ ގުޅުންހުރި ހެކި ރައްކާތެރިކުރުމަށް ވަގުތީ އަމުރު ނެރުމުގެ ބާރު ވެސް ކޯޓަށް ލިބިގެންވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް