މަރަކަށް ފަހު މަރެއް: މި ބިރުން އަރައިގަންނަން މި ގޮތް ކިހިނެއް؟

ރޭ ގެއިން ނުކުތީ ބޮޑުތަކުރުފާނު މަގުގައި ހިނގައިގެން އުޅޭ އެކްސިޑެންޓްގެ ޚަބަރާއެކުއެވެ. ބޭރު މަގުން ދުއްވާފައި ދިޔައިރު މުޅި އެ ސަރަހައްދު ބަންދުކޮށްގެން ފުލުހުން އުޅެއެވެ. ނަމަވެސް، މާ ބޮޑު ކަމެއް ވެގެން އުޅޭކަމުގެ އިހުސާސެއް ނުކުރެވެއެވެ. މާފަންނުގެ ރެސްޓޯރެންޓަކަށް ވަތްއިރު މުޅި އެތަނުގައި އޮތީ އުފާވެރިކަމެވެ. ކުއްލިއަކަށް އެކަން ބަދަލުވެގެން ދިޔައީ ރޭގެ 21:28 ކަންހާއިރު އެ އެކްސިޑެންޓްގައި 17 އަހަރުގެ ކުއްޖަކު މަރުވި ޚަބަރު ނޫސްތަކަށް އަރަން ފެށުމުންނެވެ. ހުރިހާ މޭޒަކަށް އެ ވާހަކަ ފެތުރި އެންމެންގެ މޫނުމަތިން ހާސްކަން ފެނުނެވެ. އެ ހާސްކަން އިތުރަށް ބޮޑުވީ އެ އެކްސިޑެންޓްގައި މަރުވީ މަޝްހޫރު ދެ ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ)އާއި މަރިޔަމް އަޝްފާގެ ހުރި ހަމައެކަނި ދަރިފުޅު ޔޫސުފް އަލްސަން މުޙައްމަދުކަން އެނގުނު ހިސާބުންނެވެ.

އެތަނުން ނުކުމެ ގެއަށް ދިޔައީ ވެސް ބޭރު މަގުން ދުއްވާފައެވެ. ހަމަ އަޑުއިވުނު އެންމެން ކަހަލަ ގޮތަކަށް ތިބީ އެ ވާހަކައިގައެވެ. މުޅި ސޯޝަލް މީޑިއާގައި ވެސް އެ ހިތާމައެވެ. ހުރިހާ ނޫހެއްގައި ވެސް އެ ވާހަކައެވެ. ސަތާރަ އަހަރުގެ ކުއްޖަކު މަރުވެ, 16 އަހަރާއި 40 އަހަރުގެ ދެ މީހުން މަރާ ހަނގުރާމަ ކުރަމުންދާއިރު ހަމަގައިމު ވެސް ރޭގެ އެކްސިޑެންޓުން މުޅި ގައުމަށް އަސަރުކޮށްފިއެވެ. އެތައް ބަޔަކު ރޮއްވާލައި, ހަމަ ނިދި ގެއްލުނެވެ.

ނަމަވެސް، ސުވާލަކީ މިކަން ވެސް ވާނީ ހަމަ އެހެން ގިނަ ކަންކަންވެސް ވާގޮތަށްތޯއެވެ؟ ދެތިން ދުވަސް ފަހުން މިކަން ވެސް ހަނދާން ނެތޭނީތޯއެވެ؟ އެހެންވެއްޖެ ނަމަ މި ކަމަށް ހައްލެއް ނެތެވެ. ސްވީޑަން ފަދަ ގައުމުތައް ނަމޫނާއަކަށް ބަލައިފިނަމަ ހައްލު ހޯދޭނެއެވެ. ނަމަވެސް، ތަފާސްހިސާބުން ފެންނަނީ އެކަން އަދި ނުކުރެވޭ ތަނެވެ.

https://www.sun.mv/208555

ދެހާސް ބާވީސް ވަނަ އަހަރު އެކަނި ފުލުހުންނަށް 1615 އެކްސިޑެންޓްގެ މައްސަލަ ހުށަހެޅިއެވެ. ޖެހިގެން އައި 2023 ވަނަ އަހަރު އެފަދަ 2300 މައްސަލައެވެ. އަދި، މިދިޔަ އަހަރު 2885 މައްސަލައެވެ. އަހަރަކަށް ފަހު އަހަރެއް ފަތުއަޑު ކިޔާފައި އެ ދަނީ އިތުރުވަމުންނެވެ. މި އަހަރު އަދި ދެބައިވިއިރު 1614 އެކްސިޑެންޓް ހިނގައިފިއެވެ. މި އެކްސިޑެންޓްތަކުގައި ދެ ޖިންސުގެ ކުޑަކުދިންނާއި ޒުވާނުންގެ އިތުރުން އުމުރުން ދުވަސްވީ އެތައް ބައެއްގެ ފުރާނަ ގެއްލިފައި އެބަހުއްޓެވެ. ބޮޑެތި އަނިޔާތައްވެ، މީހުން ނުކުޅެދުންތެރިކަން ހުންނަ ހާލަތަށް ވެސް ގޮސްފައި އެބަހުއްޓެވެ.

"މި ފަހުން އެކްސިޑެންޓުވި މީހަކަށް ވިޒިޓްކޮށްލީމާ ބުނީ، ކަލޭމެން ކުދިން ވެސް ބަލައިގެން އުޅޭށޭ. އެކަމަކު، މީގައި އެންމެ ދެރަކަމަކީ ކުށެއް ނެތް މީހުންނަށް ވެސް އަނިޔާވަނީއޭ. ތިމަންނަ މިއީ ކަސްރަތަށް ނުކުމެ އުޅުނު މީހެކޭ. ނުބަލާ ފަރުވާކުޑަކޮށް އުޅޭ މަދު ބައެއްގެ ސަބަބުން ބަލައިގެން ގަވާއިދުން އުޅޭ މީހުންނަށް ވެސް އެއްވެސް ރައްކާތެރިކަމެއް ނެތް," މިއަދު ހެނދުނު ބައްދަލުވި 21 އަހަރުގެ އެކުވެރިއަކު ބުންޏެވެ.

ސްވީޑަންއަކީ މިސާލެއް, ރާއްޖެއަށް ވެސް ވާނެ

މީގެ 65 އަހަރު ކުރިއަށް ޖެހިލާއިރު ސްވީޑަންގެ މަގުތައް ވެސް ރާއްޖެއެކޭ އެއްފަދައެވެ. ގެއިން ބޭރަށް ނުކުމެއްޖެ ނަމަ ސަލާމަތުން ނާދެވޭނެކަމުގެ ބިރު ވަރަށް ބޮޑެވެ. އިޖުތިމާއީ ކުރިއެރުމާއި ދިރިއުޅުމުގެ ފެންވަރު މަތިކަމަށް އޭރު ވެސް މަޝްހޫރުވި ނަމަވެސް, ޔޫރަޕުގެ އެ ތަރައްގީ ގައުމުގައި ޓްރެފިކް އެކްސިޑެންޓްތަކުގެ ސަބަބުން އަހަރަކު 1300 އަށް ވުރެ ގިނަ މީހުން މަރުވަމުން ދިޔައެވެ. އޭރު ސްވީޑަންގެ އާބާދީއަކީ 7.8 މިލިއަން މީހުން ކަމަށްވާއިރު, ކޮންމެ އަހަރަކު އެއް ލައްކަ މީހުންގެ ތެރެއިން 17 އަށްވުރެ ގިނަ މީހުން މަރުވަމުންދިޔައީ މަގުމަތީގެ އެކްސިޑެންޓްތަކުގައެވެ.

އެކަކު އަނެކަކު, އެއް މުއައްސަސާއިން އަނެއް މުއައްސަސާ ކުށްވެރިކޮށްގެން މައްސަލަ ހައްލު ނުވާނެކަން އެނގޭތީ ސްވީޑަންއިން ސިޔާސަތެއް އެކުލަވާލިއެވެ. އެއީ، 1997 ވަނަ އަހަރު ސްވީޑަންގެ ގާނޫނު ހަދާ މަޖިލީހުގެ އިއްތިފާގުން ފާސްކުރި, "ވިޝަން ޒީރޯ", ފްރޭމް ވޯކެވެ. އެ ފްރޭމްވޯކުގެ އަމާޒަކީ މަގުމަތީ އެކްސިޑެންޓެއްގައި މީހުން މަރުވުން މަދުކުރުމެވެ. ސީރިއަސް އަނިޔާތައް މަދުކުރުމެވެ.

ސްވިޑެންގެ މަގެއްގައި ރައުންޑްއެބައުޓް.
ހަމަ އެކަނި ރާއްޖޭގައި ހަދާ ގޮތަށް ސިޔާސަތެއް ހަދައި ބޭއްވީއެއް ނޫނެވެ. އެކަން ތަންފީޒު ވެސް ކުރީއެވެ. އެކަން ކުރުމަށްޓަކައި ގިނަ ބަދަލުތަކެއް ގެނައެވެ. އެންމެން ބައިވެރިކޮށްގެންނެވެ. އެގޮތުން، މަގުތައް ޑިޒައިން ކުރާ މީހުންނާއި ވެހިކަލް އުފައްދާ މީހުންނާއި ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ގާނޫނު ތަންފީޒުކުރާ މީހުން އެއް މޭޒަކަށް ގެނެސްގެން އެކުގައި މަސައްކަތް ފެށިއެވެ. މި ފްރޭމްވޯކުގެ މައިގަނޑު އެއް އަސާސަކީ އިންސާނުންނަކީ ގޯސް ހެދޭނެ ބައެއްކަން ގަބޫލުކުރުމެވެ. އިންސާނުން ގޯސްތައް ހެދި ނަމަވެސް އެކްސިޑެންޓްތަކުން ލިބޭ ގެއްލުންތައް ކުޑަވާ ގޮތަށް ހުރިހާ ކަމެއް ބަދަލުކުރުމެވެ.

އެގޮތުން، އެންމެ އިސްކަން ދީގެން ކުރި އެއް ކަމަކީ މަގުތަކުގެ ޑިޒައިންތައް ބަދަލުކުރުމެވެ. އެގޮތުން، މަގުތައް އަލުން ޑިޒައިންކޮށް, ތަރައްގީކުރަން ފެށީ ބާރު ސްޕީޑުގައި ދުއްވުންފަދަ ގޯސްތައް ޑްރައިވަރުން ހެދި ނަމަވެސް ލިބޭނެ ގެއްލުން ކުޑަވާނެ ގޮތަށެވެ. ގިނަ މަގުތަކެއްގައި ރައުންޑްއެބައުޓް ހަދަން ފެށިއެވެ. މަގުތަކުގެ އެކި ހިސާބުތަކުގައި ވަށައިގެން ބުރު ހަދައިގެން ރައުންޑްއަބައުޓްތައް ހަދަނީ ވެހިކަލްތަކުގެ ދުވެލި ދަށްކުރުމުގެ ބޭނުމުގައެވެ. އަދި، ރައްކާތެރިކަމާ އެކު މަގުގެ އެއް ފަޅިން އަނެއް ފަޅިއަށް ބަދަލުވުމަށްޓަކައެވެ.

ސްވީޑަންގެ މަގުތަކަށް ގެނައި އަނެއް ބަދަލަކީ މީޑިއަން ބެރިއާތައް ހެދުމެވެ. އެއީ، ހައިވޭތަކުގެ އެއް ފަޅިން އަނެއް ފަޅިއަށް ނުދެވޭނެ ގޮތަށް ދެފަޅި ވަކިކުރަން މަގު މެދުގައި ބަހައްޓާ ބެރިއާތަކެވެ. ދެން ކުރި ކަމަކީ ޕެޑެސްޓްރިއަން އައިލެންޑްތައް ހެދުމެވެ. އެއީ، މަގު ހުރަސްކުރާ މީހުންގެ ރައްކާތެރިކަމަށްޓަކައި ކަފިހިހުރަހުގެ މެދުން މަގުގެ މެދަކާ ހިސާބުގައި ވެސް ރައްކާތެރިކަމާ އެކު މަޑުކޮށްލާނެ ޖާހަގައެއް ކަނޑައަޅާފައި ބެހެއްޓުމެވެ. ދެން ގެނައި ބަދަލަކީ ޓްރެފިކް ލައިޓްތައް ގިނަ ކުރުމެވެ.

ހަމައެއާއެކު ގާނޫނާއި ގަވާއިދުތައް ހަރުކަށިކުރުމާ އެކު ތަންފީޒުކުރުން ހަރުދަނާކުރުމަކީ ވެސް ސްވީޑަންގައި އެކްސިޑެންޓްތައް މަދުކުރެވުނު އެއް ސަބަބެވެ. ބާރަށް ދުއްވާ މީހުން ދެނެގަންނަން އޮޓޮމޭޓެޑް ސްޕީޑް ކެމެރާގެ ވަރަށް ފުރިހަމަ ނެޓްވޯކެއް އެ ގައުމުގައި ގާއިމުކުރިއެވެ. އޭގެ އެހީގައި މަގުތަކުގައި ގަވާއިދާ ހިލާފަށް އުޅޭ މީހުން ވަގުތުން މޮނީޓާކުރެވެއެވެ. އަދި، ރާބޮއެ, މަސްތުވެގެން ވެހިކަލް ދުއްވުން ހުއްޓުވުމުގެ އުސޫލު ހަރުދަނާ ކުރިއެވެ. ހަމައެއާއެކު ގާނޫނު ތަންފީޒުކުރާ މީހުންނަށް ގިނަ ބާރުތަކެއް ދިނެވެ.

ދެން އެޅީ ވެސް މުހިންމު ފިޔަވަޅެކެވެ. އެއީ، އުޅަނދުތައް އުފައްދާ މީހުންނަށް އަންގައިގެން އާއްމުންގެ ސަލާމަތަށްޓަކައި އުޅަނދުތަކަށް ބަދަލު ގެނައުމެވެ. އެގޮތުން، އުޅަނދުތަކުގެ ބުރެކި ސިސްޓަމް ވަރުގަދަ ކުރުމާއި އެއާބޭގްގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އުޅަނދުތަކަށް ޒަމާނީ ބަދަލުތައް ގެނައެވެ. އަދި، ހިނގާބިނގާވެ އުޅޭ މީހުންނަށް ރައްކާތެރި އެކިއެކި ފީޗާތައް ވެސް އުޅަނދުތަކަށް ގެނައެވެ. އޭގެ ތެރެއިން އެއް ކަމަކީ އުޅަނދުތަކުގައި ކްރަމްޕަލް ޒޯންތައް ހެދުމެވެ. އާއްމުގޮތެއްގައި އުޅަނދުގެ ފަހަތާއި ކުރީކޮޅުގައި ހުންނަ ކްރަމްޕަލް ޒޯންސް ފަރުމާކޮށްފައިވަނީ, އެއްޗެއް ނުވަތަ މީހެއްގެ ގައިގައި ޖެހޭއިރު, ބާރުމިން ދަށްކޮށްދޭ ގޮތަށެވެ. އަދި، ވެހިކަލްތަކުން މީހުންގެ ގައިގައި ޖެހުމުން ލިބޭ ގެއްލުން ކުޑަކުރަން ވެސް ފީޗާތައް ހެދިއެވެ. އެއާއެކު ތިމާއާއި އެހެން މީހުންނަށް ރައްކާތެރި އުޅަނދު ގަތުމަށް ބާރު އެޅިއެވެ.

އެކްސިޑެންޓްތަކުން ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި އާއްމުކޮށް އެކްސިޑެންޓްވާ ސަރަހައްދުތަކުގެ ޑިޒައިންނަށް ބަދަލުތައް އެ ގައުމުގައި ގެނައެވެ. އަދި، ސްކޫލުތަކާއި ކޮލެޖުތައް ފަދަ ތަންތަން ކައިރިން ދަތުރުކުރާއިރު ދުވެލި މަޑުކުރަން މަޖުބޫރި ކުރުވިއެވެ. ހަމައެހެންމެ އެކަންކަން ތަންފީޒުކުރުމުގެ ބާރާއި ވަސީލަތްތައް ކަމާބެހޭ އިދާރާތަކަށް މައި ސަރުކާރުން ފޯރުކޮށްދިނެވެ. ކިޔަވާ ކުދިންނާއި ބެލެނިވެރިން ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. ޕަބްލިކް ޓްރާންސްޕޯޓް ނުވަތަ އާއްމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް އަމިއްލަ ވެހިކަލް މަދު ކުރުމަށް ވެސް ގިނަ ފިޔަވަޅުތަކެއް އެ ގައުމުގެ ސަރުކާރުން އެޅިއެވެ.

މި ހުރިހާ ކަމެއްގެ ނަތީޖާ ވަރަށް ވެސް ރަނގަޅެވެ. ސްވީޑަންގެ ބިރުވެރި މަގުތައް އަމާންވިއެވެ. އެ ސިޔާސަތު ތަންފީޒުކުރަން ފެށިތާ 20 އަހަރުގެ ތެރޭގައި, އެ ގައުމުގައި މަގުމަތީގެ އެކްސިޑެންޓްތަކުގައި މީހުން މަރުވާ ނިސްބަތް ވަނީ 80 ޕަސެންޓަށް ދަށްވެފައެވެ. ސްވީޑަންގެ ޓްރާންސްޕޯޓް އެޑްމިނިސްޓްރޭޝަންގެ ތަފާސްހިސާބުތައް ދައްކާގޮތުން މަގުމަތީ އެކްސިޑެންޓްތަކުގައި 1965 އަހަރު އެ ގައުމުން 1313 މީހުން މަރުވިއިރު 1997 ވަނަ އަހަރު މި ސިޔާސަތު ތަންފީޒުކުރަން ފެށުމާއެކު އެ އަހަރު އެ އަދަދު ވަނީ 541 އަށް ދަށްވެފައެވެ. އަދި، 2021 ވަނަ އަހަރު އެ އަދަދު ހުރީ 210 ގައެވެ. އަދި، 2023 ވަނަ އަހަރާ ހަމައަށް އައިއިރު ސްވީޑަންއަކީ މުޅި ދުނިޔޭގައި ވެސް މަގުމަތީގައި މަރުވާ މީހުންގެ ނިސްބަތް އެންމެ ދަށް އެއް ގައުމެވެ. މި އުފާވެރި, ބޮޑު ކާމިޔާބީ އެ ގައުމުން ހޯދީ, އާބަން ސޭފްޓީ ޕްލޭނިން ހަރުދަނާކޮށްގެންނެވެ.

https://www.sun.mv/206427

އެއީ މިއަދު ދުނިޔެ ބަލައިގެންފައިވާ މޮޑެލްއެކެވެ. އެމެރިކާގެ ނިއުޔޯކް ސިޓީގައި 2014 ވަނަ އަހަރު މި މޮޑެލް ތަންފީޒުކުރަން ފެށުމާއެކު ފަސް އަހަރުގެ ތެރޭގައި ހިނގާބިނގާވެ އުޅޭ މީހުން އެކްސިޑެންޓްތަކުގައި މަރުވާ ނިސްބަތް 36 ޕަސެންޓް ދަށްކުރެވުނެވެ. އަދި، ނޯވޭގެ އޮސްލޯގައި 2019 ވަނަ އަހަރުވަނީ މި މޮޑެލް ތަންފީޒުކުރަން ފެށުމާއެކު ހިނގާބިނގާވެ އުޅޭ މީހުންނާއި ވެހިކަލް ދުއްވާ މީހުން އެކްސިޑެންޓްތަކުގައި މަރުވުން ހުއްޓިފައެވެ. އަދި، ނެދަލޭންޑްސްއާއި ޖަރުމަނުވިލާތުން ވެސް ދަނީ މިފަދަ ރައްކާތެރި ނިޒާމުތައް ފުޅާ ދާއިރާއެއްގައި ތަންފީޒުކުރަމުންނެވެ. ދިވެހީން މިކަމުން ނަމޫނާ ލިބިގަންނަން ޖެހެއެވެ.

މަރުވަނީ އިތުރު, ލަސް ކުރެވޭކަށް ނެތް

ރާއްޖޭގައި އެކްސިޑެންޓްތައް ގިނަވެ, މީހުންގެ ފުރާނަ ގެއްލުން އާއްމުވެފައިވަނީ އެއްކަމެއް ދެ ކަމެއްގެ ސަބަބުންނެއް ނޫނެވެ. ވަށާޖެހި ލާމެހިފައިވާ އެތައް ކަމެއްގެ ސަބަބުންނެވެ. އޭގެ ތެރޭގައި ބާރު ސުޕީޑުގައި ދުއްވުމާއި ހެލްމެޓް ނޭޅުމާއި މަގުތަކުގެ އަޑިގުޑަންކަމާއި ގާނޫނު ތަންފީޒުކުރުން ބަލިކަށިވުން ހިމެނެއެވެ.

ސަބް އިންސްޕެކްޓާ އޮފް ޕޮލިސް ހުސައިން އަސްލަހު ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގައި ޓްރެފިކް އެކްސިޑެންޓުތައް އިތުރުވާން މެދުވެރިވާ މައިގަނޑު ސަބަބުތަކަކީ، ސަރަހައްދަށް އެކަށީގެންނުވާ ވަރަށް ވެހިކަލްތަކުގެ އަދަދު ގިނަވުމާއި، އެ ވެހިކަލްތައް ދުއްވާ ފަރާތްތަކުގެ ފަރުވާކުޑަ އަމަލުތަކުގެ ސަބަބުންނެވެ.

ޚާއްސަ ގޮތެއްގައި އެންމެ ބޮޑު މައްސަލައަކީ ދެ އުޅަނދު ދެމެދު ހުންނަންޖެހޭ ދުރުމިން ނުބަހައްޓާ ދުއްވުން ކަމަށް އަސްލަހު ވިދާޅުވިއެވެ.

"އެކްސިޑެންޓެއް ވެއްޖިއްޔާ ދެން ހަމަ ފަހަތުން ބަރިއަކަށް އެބަދޭ. އެހެން އެ ވަނީ ގަވައިދުގައި އެ ބުނާ ދުރުމިން ނުބަހައްޓާ ދުއްވޭތީ. ދެ އުޅަނދު ވެސް މަގުގެ ކަނާއަތް ފަޅިއަށް ޖެހިގެން ސެންޓާއިން ދުއްވައިގެން ދެ އުޅަނދު ދެމެދު ޖެހިގެން މި ކަހަލަ އެކްސިޑެންޓުތައް ވެސް ހިނގާފައި އެބަހުރޭ،" އަސްލަހު ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް އިތުރުވަނީ އަޅުގަނޑު މި ބުނިހެން އެކަށީގެންނުވާ އަދަދަކަށް ވެހިކަލްތައް ގިނަވުމާއި، މި ދުއްވާ ފަރާތްތަކުގެ ފަރުވާކުޑަ އަމަލުގެ ސަބަބުން،"

ހުޅުމާލެ ހައިވޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ކާރަށް ގެއްލުންވެފައި --- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހަފީޒް

ހަމައެކަނި ނަމަކަށް ކަމެއް ކުރުމުގެ ބަދަލުގައި, ސްވީޑަންގެ މޮޑެލްފަދަ ހަރުދަނާ, އަދި ވަށައިޖެހޭ ހައްލުތަކެއް ރާއްޖެ ބޭނުންވެއެވެ. މިހާރު ވެސް އެފަދަ ބައެއް ބަދަލުތައް ގެނެސްފައި އެބަހުއްޓެވެ. އޭގެ ތެރެއިން އެއް ކަމަކީ ހުޅުމާލޭ މަގުތަކުގައި މި ފަހުން ހެދި ރައުންޑްއެބައުޓްތަކެވެ. ހުޅުމާލޭ ހަތަރު އަނގޮޅި ކަންމަތިތަކުގައި ބުރުތައް ހެދި ފަހުން އުޅަނދު ދުއްވަން ފަސޭހަވެ، އެކްސިޑެންޓުތައް ވެސް މަދުވެފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ މިފަދަ މޮޑެލްތައް ރާއްޖޭގައި ވެސް ރަނގަޅަށް ތަންފީޒުކުރެވޭނަމަ ހެޔޮ ނަތީޖާ ފެންނާނެކަމުގެ ހެއްކެކެވެ.

އެކްސިޑެންޓްތައް މަދުކުރަން ވިސްނާއިރު ރާއްޖޭގައި ވެސް އެންމެ އިސްކަން ދޭން ޖެހޭ އެއްކަމަކީ ސްވީޑަންއެކޭ އެއްފަދައިން އިންސާނުން ހަދާ ގޯސްތަކުން ވެސް ގެއްލުން ކުޑަވާނެ ގޮތަށް މަގުތަކުގެ ޑިޒައިނަށް ބަދަލު ގެނައުމެވެ. މިހާރު ވެރިރަށް މާލެ ހިމެނޭ ގޮތަށް ރާއްޖޭގެ ގިނަ ރަށްތަކެއްގެ މަގުތަކެކޭ އޮށްވަޅު ގޮނޑިއެކޭ ތަފާތެއް ނެތެވެ. ޗައިނާ ސަރުކާރުގެ އެހީގައި މާލޭގެ މަގުތައް މުޅިން އަލުން ހަދަން ނިންމާފައިވާކަން މި ސަރުކާރުން އިއުލާނުކޮށްފައިވާއިރު އެކަން ކުރާއިރު އެކްސިޑެންޓްތައް މަދުކުރަން ވަރަށް ބޮޑަށް އަމާޒުކުރަން ޖެހެއެވެ. ބާރު ބޮޑު ސަރަހައްދުތަކުން މަގު ހުރަސްކުރަން، މަތީ މަގު ހެދުމާއި ސްޕީޑް ބަމްޕަރުތައް އިތުރުކުރުންފަދަ ބަދަލުތައް މުހިންމެވެ. ސްވީޑަން ނަމޫނާއަކަށް ބެލިދާނެއެވެ.

އެކްސިޑެންޓްތަކުގައި ގިނަ މީހުން މަރުވަނީ ބޮލަށް ލިބޭ އަނިޔާތަކުގައެވެ. އެހެންކަމުން ކުރު ދަތުރުތަކުގައި ވެސް ހެލްމެޓް އެޅުން މަޖުބޫރު ކުރެވިދާނެއެވެ. އޭރަށް ލިބޭ ގެއްލުން ކުޑަވާނެއެވެ. ހަމައެހެންމެ ސްޕީޑް މޮނީޓާ ކުރުމަށް ޒަމާނީ ވަސީލަތްތައް ބޭނުންކުރަން ފެށުން މުހިންމެވެ. ހަމައެހެންމެ ބާރު ސުޕީޑާއި ގަވާއިދާ ހިލާފަށް ދުއްވާ މީހުން ހުއްޓުވަން ޚާއްސަ ފުލުހުން މަގުތަކުގައި ގިނަ ކުރަން ޖެހެއެވެ.

އަސްލަހު ވިދާޅުވި ގޮތުގައި މަގުމަތީގައި ހިނގާ އެކްސިޑެންޓުތައް މަދުކުރުމަށްޓަކައި، ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާ މީހުންނަށްދޭ އަދަބު މިހާރަށް ވުރެ ހަރުކަށިކުރަން ޖެހެއެވެ. ދެހާސް ހަވަނަ އަހަރު "ނައިޓް ކޯޓް" ހަދައިގެން ވަގުތުން އަދަބު ދެމުންދިޔައިރު އެ ނަތީޖާ ފެނުނު ކަމަށް އަސްލަހު ވިދާޅުވިއެވެ.

ނަމަވެސް، 2009ވަނަ އަހަރުން ފެށިގެން މިހާ ހިސާބަށް އައިއިރު، ގަވައިދާ ޚިލާފުވެގެން ތަކުރާރުކޮށް ޖޫރިމަނާކޮށްގެން ކުށް މަދުވިތަން ނުފެންނަ ކަމަށް އަސްލަހު ވިދާޅުވިއެވެ.

"ދެން އޭރު ހަމަ ވަރަށް ބޮޑަށް [ނުރައްކާތެރިކޮށް ދުއްވާ މީހުން] ކޮންޓްރޯލްވި. އޭރު ދެން މި އަންނަނީ ޖަލު ހުކުމްތަކަކާއި ޖޫރިމަނާތަކާ މިފަދަކަންތައްތަކެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިފަދަ ހަރުދަނާ ނިޒާމެއް މިހާރު ވެސް އަންނަން ޖެހޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ނުރައްކާތެރިކޮށް މިއުޅޭ ފަރާތްތަކަށް މިފަދަ [ހަރުކަށި އަދަބު]ތަކެއް އަންނަން ޖެހޭ," އަސްލަހު ވިދާޅުވިއެވެ.

މިހާރު ވެސް ފުލުހުން އަންނަނީ ކިޔަވާ ކުދިންނާއި ބެލެނިވެރިންނަށް ޚާއްސަކޮށްގެން މަގުމަތީގެ އަދަބުތައް ކިޔައިދިނުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތް މިއަށް ވުރެ ފުޅާކުރަން ޖެހޭކަން މި ހިނގާ ކަންކަމުން އެބަ އެނގެއެވެ. ހަމަ އެހެންމެ ހިސާބު ޖަހައިގެން ކަންކަން ކުރަން ޖެހެއެވެ. ސްވީޑަންގައި އަމަލު ކުރިގޮތަށް މިކަން ނިސްބަތްވާ އެންމެން އެއް މޭޒެއްގައި ތިބެ، ސިޔާސަތު ހަދައި ތަންފީޒުކުރަން ޖެހެއެވެ. އެއްކަމެއް ކޮށްފައި އަނެއް ކަމެއް ދޫކޮށްލާ ގޮތަކަށް ނޫނެވެ. ހުރިހާ ކަމެއް ވަށައިޖެހޭ ގޮތަށެވެ. ހައްލުކުރެވޭނީ އޭރަށެވެ.

ހަމަ ގައިމު ވެސް އިއްޔެ ކުރި އަސަރު ނުފިލާނެއެވެ. ނަމަވެސް، ވަގުތާއެކު އެކަން ބަދަލުވާނެއެވެ. ހަނދާން ވެސް ނެތޭނެއެވެ. މިފަދަ ހިތާމަވެރި ކަންކަން ތަކުރާރު މިވަނީ އެހެންވެއެވެ. އިބުރަތެއް ހާސިލުކޮށް މިކަން ހައްލުކުރަން އުޅެފިނަމަ ހައްލުވާނެއެވެ. ސްވީޑަންއަކީ އެފަދަ މިސާލެކެވެ. އެތައް ފުރާނައެއް ގެއްލުމުގެ ކުރިން އެކަމާ އުޅެން ހިނގާށެވެ.

comment ކޮމެންޓް