ރާއްޖެއިން ބޭރުން ފަރުވާކުރުމަށް މިދިޔަ މަހު އެންސްޕާއިން 8 މިލިއަން ރުފިޔާގެ އެހީ ދީފި

ސިއްހީ ފަރުވާ ހޯދާ މީހުން: ރާއްޖެއިން ބޭރުން ފަރުވާކުރުމަށް މިދިޔަ މަހު އެންސްޕާއިން 8 މިލިއަން ރުފިޔާގެ އެހީ ދިން ކަމަށް ތަފާސްހިސާބުން ދައްކާ --- ފޮޓޯ/ ފަޔާޒު މޫސާ

ބޭސްފަރުވާގެ ޚަރަދުކުރުމަށް ދަތިވާ ފަރާތްތަކަށް، ރާއްޖެއިން ބޭރުން ފަރުވާ ހޯދައިދިނުމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން މިދިޔަ މަހު 8.1 މިލިއަން ރުފިޔާގެ އެހީ ދީފިއެވެ.

އެންސްޕާއިން އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން، ބޭސްފަރުވާހެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކަށް މިދިޔަ ޖޫންގައި 25.8 މިލިއަން ރުފިޔާގެ އެހީ ދީފައިވެއެވެ. އޭގެ ތެރޭގައި ރާއްޖޭގައި ފަރުވާ ކުރުމަށް އެކި ފަރާތްތަކަށް ޖުމްލަ 17.7 މިލިއަން ރުފިޔާގެ އެހީ ދީފައިވާއިރު، ބާކީ 8.1 މިލިއަން ރުފިޔާއަކީ ރާއްޖޭން ބޭރުން ފަރުވާ ހޯދި މީހުންނަށް ދީފައިވާ އެހީގެ އަދަދެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން، އެންސްޕާގެ އެހީގައި ހޯދި ފަރުވާތަކަށް ބަލާއިރު، އެންމެ ގިނައީ ނޭވާލާ ނިޒާމުގެ ބަލިތަކާއި ނާރުގެ ބަލިތަކެވެ. މި ބަލިތަކަށް ފަރުވާކުރާ ޖުމްލަ 112 މީހަކަށް އެހީދީފައިވެއެވެ.

އެންސްޕާގެ އެހީގައި ދެން އެންމެ ގިނައިން ބޭރުން ފަރުވާ ހޯދާފައިވަނީ މައިބަދައިގެ ބަލިތަކަށެވެ. އެ ބަލިތަކަށް ފަރުވާ ހޯދި މީހުންގެ އަދަދު 111އަށް އަރާއިރު، 104 މީހަކު ކަށީގެ ބަލިތަކަށް ފަރުވާ ހޯދާފައިވެއެވެ.

އެންސްޕާއަކީ ބޭސްފަރުވާގެ އިތުރުން ވެސް އެހެނިހެން މުހިންމު ކަންކަމުގައި އާންމުންނަށް މާލީ އެހީ ފޯރުކޮށްދޭ ސަރުކާރުގެ އޭޖެންސީއެވެ.

https://sun.mv/208582

އެ އިދާރާއިން މިދިޔަ މަހު ކުރި ޚަރަދުތަކުގެ އިތުރު ތަފުސީލުތައް ވެސް މިހާރު ހާމަކޮށްފައިވެއެވެ. އެގޮތުން މިދިޔަ ޖޫން މަހު، 22 ބާވަތެއްގެ ބައްޔަކުން ޖުމްލަ 1،173 ކޭހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު އެންމެ ބޮޑު ޚަރަދެއް ކުރީ ނޭވާލާ ނިޒާމުގެ ބަލިތަކަށާއި ނާރުގެ ބަލިތަކަށްކަން ތަފާސްހިސާބުން ދައްކައެވެ.

މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާއަށް ޚަރަދު ހަމަޖައްސައިދިނުމުގެ ޕްރޮގްރާމްގެ ދަށުން 108 މީހަކަށް 4،055،281 ރުފިޔާ މިދިޔަ މަހު އެ އެޖެންސީން ވަނީ ހަމަޖައްސައިދީފައެވެ. އަދި، ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމްގެ ދަށުން ތެރަޕިއުޓިކް ފަރުވާއަށް 55 މީހަކަށް 385،302 ރުފިޔާ ހަަމަޖައްސައިދީފައިވެއެވެ.

comment ކޮމެންޓް