50 ދުވަހުގެ ތެރޭގައި އެއްބަސްވުމަށް ނާދެވިއްޖެނަމަ، ރަޝިޔާއިން ނަގާ ޓެރިފް އިތުރުކުރާނަން: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ކ) އާއި ނޭޓޯގެ ވެރިޔާ މާކް ރޫޓޭއާ (ވ) ބައްދަލުކުރައްވަނީ. ފޮޓޯ/ރޮއިޓާސް

ނޭޓޯގެ ގައުމުތައް މެދުވެރިކޮށް ޔޫކްރޭނަށް އެންމެ ޒަމާނީ ހަތިޔާރު ފޯރުކޮށްދޭނެ ކަމަށާއި، 50 ދުވަހުގެ ތެރޭގައި ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، ރަޝިޔާއިން ނަގާ ޓެރިފް އިތުރުކުރާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް އެގޮތަށް ވިދާޅުވެފައި ވަނީ ވޮޝިންޓަންގައި ނޭޓޯގެ ވެރިޔާ މާކް ރޫޓޭއާ އެކު އިއްޔެ ބޭއްވި ބައްދަލުވުމަކަށް ފަހުއެވެ.

ހަތިޔާރު ފޯރުކޮށްދޭނެ ކަމަށް ޓްރަމްޕް ވިދާޅުވިއިރު، މީގެ ހަފްތާއެއް ކުރިން އެމެރިކާގެ އަސްކަރީ އިދާރާ، ޕެންޓެގަން އިން ވަނީ ޔޫކްރޭނަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލާނެކަން އިއުލާނުކޮށްފައެވެ.

އެމެރިކާއިން ނިންމާފައި ވަނީ ނޭޓޯ މެދުވެރިކޮށް ޔޫކްރެއިން ބޭނުންވާ ކަންކަން ފޯރުކޮށްދިނުން ކަމަށް ރޫޓޭއާ ވަނީ ވިދާޅުވެފައެވެ.

ޔޫކްރޭނަށް ފޮނުވާ ހަތިޔާރާ ބެހޭ ގޮތުން ރޫޓޭ ވެސް އަދި ޓްރަމްޕް ވެސް ތަފްސީލެއް ނުދެއްވި ނަމަވެސް ރޫއްޓޭ ވިދާޅުވީ މިސައިލް އާއި ވަޒަން ހިމެނޭ ކަމަށެވެ.

އެކަމާ ގުޅިގެން ޔޫކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ އެކްސްގައި ވިދާޅުވީ ރޫޓޭއާ ބައްދަލުކުރެއްވުމަށް ފަހު ޓްރަމްޕާ ވާހަކަ ދެއްކެވި ކަމަށާއި، "ޔޫކްރޭނަށް ތާއީދު ކުރައްވައި، ހަމަލާތައް ހުއްޓުވައި ދާއިމީ ސުލްހައެއް ގާއިމް ކުރުމަށް ގުޅިގެން މަސައްކަތް ކުރައްވާތީ އެކަމަށްޓަކައި ޝުކުރު އަދާކުރައްވާ ކަމަށެވެ.

ޓެރިފް ނެގުމާ ބެހޭގޮތުން ޓްރަމްޕް ވިދާޅުވީ 50 ދުވަހުގެ ތެރޭގައި ޔޫކްރޭނާއެކު ސުލްހައިގެ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، ރަޝިޔާގެ އުފެއްދުންތަކުން 100 އިންސައްތަ ޓެރިފް ނަގާނެ ކަމަށާއި، އެގައުމުގެ އުފެއްދުންތައް ގަންނަ އެހެން ގައުމަތަކަށް ވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށެވެ.

އޭގެ ސަބަބުން ރަޝިޔާއާއެކު ވިޔަފާރިކުރާ ކޮންމެ ގައުމަކުން ވެސް އެމެރިކާއަށް އުފެއްދުންތައް ވިއްކަން ބޭނުންނަމަ، ޓެކްސް ދައްކަން ޖެހޭނެއެވެ.

އޭގެ އަސްލު މަގްސަދަކީ ރަޝިޔާގެ އިގްތިސާދު ހަލަބޮލި ކޮށްލުމެވެ. ރަޝިޔާއަށް އެހެން ގައުމުތަކަށް އެ މީހުންގެ އުފެއްދުންތައް ވިއްކައިގެން ފައިސާ ނުލިބޭނަމަ، ޔޫކްރޭންގައި ކުރާ ހަނގުރާމައަށް ހޭދަކުރާ ފައިސާ ވެސް މަދުވާނެއެވެ.

ރަޝިޔާ އާއި ޔޫކްރޭނާ ދެމެދު ކުރަމުންދާ ހަނގުރާމަ ހުއްޓާލުމާގުޅޭ މަޝްވަރާތައް މިއަހަރު ކުރީކޮޅު ދެ ބުރެއްގެ މަތިން ކުރިއަށް ދިޔަ ނަމަވެސް އޭގެފަހުން އިތުރު ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައެއް ނުވެއެވެ.

comment ކޮމެންޓް