އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އޭވްސެކަމް) އޮފިސަރުންގެ މަސައްކަތު ވަގުތުން ދެ ގަޑިއިރު އުނިކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ ސިވިލް ސާވިސްގެ ދަށުން މަސައްކަތްކުރާ އޭވްސެކަމް އޮފިސަރުންގެ މަސައްކަތު ގަޑިއާއި، ޗުއްޓީ އަދި ބަންދު ދުވަސްތަކާއި ހިންގުމުގެ އިސްފަންތީގެ މުވައްޒަފުން އަމަލުކުރަންޖެހޭ ގޮތުގެ ގަވައިދަށް ގެނައި އެއްވަނަ އިސްލާހުގައެވެ.
މި އިސްލާހުގައި ވަނީ އޭވްސެކަމް އޮފިސަރުންގެ ރަސްމީ މަސައްކަތު ވަގުތަކީ އަށްގަޑިއިރު ކަމަށް ބުނާ މާއްދާ، ހަ ގަޑިއިރަށް އިސްލާހުކޮށްފައެވެ.
އަަދި ކުރިން ގަވައިދުގައި އޮންނަހެން، ރަމަޟާން މަހު، ލުއިވާނެހެން މަސައްކަތު ވަގުތު އިންތިޒާމުު ކުރެވޭނެ ކަމަށް ވެސް އިސްލާހުގައިވެއެވެ.
އެއާއެކު އިތުރު ވަގުތު ނުވަތަ އޯޓީގެ ގޮތުގައި ހިސާބުކުރާނީ ދުވާލަކު ހަގަޑިއިރަށްވުރެ އިތުރަށް މަސައްކަތްކުރަން ޖެހި، ހުއްދަ ލިބިގެން މަސައްކަތް ކުރި ވަގުތަށެވެ.
އަދި އެ ދުވަހަކު މަސައްކަތަށް ހާޒިރުވާންޖެހޭ ވަގުތަށްވުރެ ތިން ގަޑިއިރު ލަސްވެއްޖެނަމަ އެއީ މަސައްކަތްނުކުރާ ދުވަހެއްގެ ގޮތުގައި ބަލައި، މަސައްކަތް ނުކުރުމުގެ ހުއްދަ ދެވޭނެއެވެ.
މިހާރު ވެސް ބައެއް އިދާރާތައް ފިޔަވައި، ސިވިލް ސާވަންޓުންގެ ރަސްމީ މަސައްކަތު ވަގުތަކީ ހަ ގަޑިއިރެވެ.
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަކީ ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ މުއައްސަސާއެކެވެ. މިއީ ރާއްޖޭގެ ވައިގެ ބަނދަރުތަކުން ދަތުރުކުރާ ފަސިންޖަރުން ބަލައި ފާސްކޮށް، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރާ މުއައްސަސާއެކެވެ.