މަކަރާއި ހީލަތުގެ އެކި މައްސަލަތަކުގައި ހައްޔަރުކޮށް ތަކުރާރުކޮށް ދޫކޮށްލާފައިވާ ގ. ސިނަމާލެ 1 05-13, ޒައިދާން މުހައްމަދު ހާޝިމް (28އ) މިފަހަރު ދޫކޮށްލީ ސިއްހީ ފަރުވާއަށް ބޭރަށް ފުރަން ޑޮކްޓަރުން އޭނާއަށް ލަފާ ދީފައިވާތީ ކަމަށް، ފުލުހުން މިއަދު ބުނެފިއެވެ.
ފޭކް ސްލިޕް ފޮނުވައިގެން ލައްކައަކަށް ވުރެ ގިނަ ރުފިޔާގެ ވިޔަފާރިކުރި ކަމުގެ ތުހުމަތަށް ފުލުހުން އެންމެ ފަހުން ޒައިދާން ހައްޔަރުކުރީ މިދިޔަ ޖޫން މަހުގެ 17 ވަނަ ދުވަހުގައެވެ. އެ މައްސަލައިގައި ހިމެނޭ 80،000 އަށް ވުރެ ގިނަ ރުފިޔާ އަނބުރާ ވެރިފަރާތަށް ހޯދައިދީފައިވާ ކަމަށާއި، އެއީ، ފޭކް ސްލިޕް ފޮނުވައިގެން ފިހާރަތަކުން ނެގި މުދަލަށްވާ ފައިސާ ކަމަށް ފުލުހުން އޭރު ބުނެފައިވެއެވެ.
މި މައްސަލައަކީ މޭ މަހުގެ އެކި ދުވަސްމަތިން ހުޅުމާލޭގައި ހުންނަ ފިހާރައަކަށް ފޭކް ސްލިޕް ފޮނުވައިގެން މުދާ ގަނެފައިވާ ކަމަށް ބުނެ އެ މަހު 16 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި މައްސަލައެކެވެ.
އެ ތަހުގީގުގެ ތެރެއިން މާލެއާއި ހުޅުމާލޭގެ އެކި ފިހާރަތަކުން ސައްހަ ނޫން ސްލިޕް ފޮނުވައިގެން މަކަރާއި ހީލަތުން މުދާ ހޯދިކަން އެނގިފައިވާ ކަމަށާއި، އެ މައްސަލައިގައި ހިމެނޭ ޒައިދާން ކުއްޔަށް ހިފާފައިވާ ހިޔާ ފްލެޓުގެ އެޕާޓްމަންޓަށް ވެސް ފޭކް ސްލިޕް ފޮނުވައިގެން މުދާ ވައްދާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށް ފުލުހުން އޭރު ބުންޏެވެ. އެ އެޕާޓްމަންޓު ބަލައި ފާސްކޮށް ފުލުހުން ވަނީ ތަހުގީގަށް ހެކި ހޯދައިފައެވެ.
ޒައިދާންގެ އިތުރުން ދެން ހައްޔަރުކުރީ އޭނާގެ އަންހެނުން އަފްރިން އަކްތަރު، ބަންގްލަދޭޝް، (30އ) އެވެ. ދެ މީހުން ވެސް 15 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް ފަހު ވަނީ ދޫކޮށްލައިފައެވެ.
އެކަމަކު އެ ދެ މީހުން ބަންދުން ދޫކޮށްލި ސަބަބު ފުލުހުން އޭރު ނުބުނެއެވެ.
ޒައިދާން ހައްޔަރުކުރުމަށް ފަހު ތަކުރާރުކޮށް ދޫކޮށްލާތީ "ސަން" އިން ސުވާލުކުރުމުން ފުލުހުން މިއަދު ބުނީ، ޒައިދާން ދޫކޮށްލީ ސިއްހީ ފަރުވާއަށް ރާއްޖޭން ބޭރަށް ފުރަން ޑޮކްޓަރުން ލަފާ ދީފައިވާތީ ކަމަށެވެ.
"ޒައިދާން ދޫކޮށްލާފައިވަނީ މެޑިކަލް ޓްރީޓްމަންޓަކަށް އާޖެންޓްކޮށް ރާއްޖޭން ބޭރަށް ފުރަން ޑޮކްޓަރު ލަފާ ދެއްވާފަ ވާތީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރުމަށް ފަހު އެކަމަށް އޮންނަ އުސޫލުގެ ތެރެއިން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ނަމަވެސް ޒައިދާން ދޫކޮށްލީ ކިހާ މުއްދަތަކަށް ކަން ފުލުހުން ނުބުނެއެވެ.
މި މައްސަލަ ހިމެނޭހެން، ޒައިދާން މަކަރާއި ހީލަތުން ފައިސާ ހޯދާކަމަށް ތުހުމަތުކުރެވޭ 12 މައްސަލައެއް ފުލުހުން ދަނީ ބަލަމުންނެވެ. އަދި އިތުރު ދެ މައްސަލައެއްގެ ޝަރީއަތް މިހާރު ވެސް ކުރިއަށް ދެއެވެ.