ރައީސް އޮފީހުގެ ޚާއްސަ ބޭނުންތަކަށް ގެންނަން ބޭނުންވާ މާ، ކުރިޔަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން މިއަދު އިއުލާން ކޮށްފިއެވެ.
މައުލޫމާލު ޝީޓްގައި ބުނެފައިވާގޮތުގައި އެ އޮފީހަށް ބޭނުން ވަނީ, ތިރިކޮށް, އޯވަލް ޝޭޕަށް ހުންނަ މަލެވެ. އެ މާ ފޯރުކޮށްދޭން ވާނީ ތިން ދުވަސް ވަންދެން މޯޅިނުވެ ހުންނަ ގޮތަށް ކަމަށް ވެސް އެ އޮފީހުން ބުނެއެވެ.
ގެންނަ މާ ބޮނޑިއެއްގެ ދިގު މިނުގައި 18 އިންޗި ހުންނަން ޖެހޭއިރު އެތަކެތި އެ އޮފީހަށް ގެންނަން ޖެހޭނީ ހަފުތާއަކު ދެ ދުވަހު ކަމަށް ޝީޓްގައިވެއެވެ. އޭގެން ކޮންމެ ދުވަހަކު ހަ މާބޮނޑި ބޭނުންވާނެ ކަމަށް އިއުލާންގައިވެއެވެ.
ރައީސް އޮފީހުން ބުނީ މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން، އަންނަ އާދީއްތަ ދުވަހުގެ 10:00 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީ ވުމަށްފަހު، އަންނަ ބުރާސްފަތި ދުވަހުގެ 10:00 އަށް އެ އޮފީހަށް ހާޒިރުވެ އަންދާސީހިސާބު ހުށަހަޅަން ޖެހޭނެ ކަމަށެވެ.
މި ބީލަން ދިނުމުގައި ރައީސް އޮފީހުން އެންމެ އިސްކަމެއް ދޭނީ އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށެވެ. އެއީ 80 މާކްސްއެވެ. މަސައްކަތު ތަޖުރިބާއަށް 10 މާކްސް ދޭއިރު މަސައްކަތު ފެންވަރަށް ވެސް ދެނީ 10 މާކްސްއެވެ.
ރާއްޖޭގެ އޮފީސްތަކަށް ބަލާއިރު ރައީސް އޮފީހަކީ ވަރަށް ޒީނަތްތެރިކޮށް ބަލަހައްޓާތަނެކެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެކަން އޮންނަ ގޮތަކީ އެއީއެވެ.