ވަޓްސްއެޕުން އޭއައި ބޭނުންކޮށްގެން ޖަވާބުދޭ ސަޕޯޓް ޗެޓެއް ތަޢާރަފުކޮށްފިއެވެ.
ވަޓްސްއެޕްގެ އައިއޯއެސް ޔޫޒަރުންނަށް އާ ފީޗާއެއްގެ ގޮތުގައި، އެ އެޕްލިކޭޝަންގެ ތެރެއިން ސީދާ އެހީތެރިކަން ހޯދޭނެ "ވަޓްސްއެޕް ސަޕޯޓް"ގެ ނަމުގައި ޗެޓެއް ތަޢާރަފުކޮށްފައިވާއިރު، މި ޗެޓް މެދުވެރިކޮށް ވަޓްސްއެޕަށް ފޮނުވާ ސުވާލުތަކަށް ޖަވާބު ދޭނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެންނެވެ.
މިއީ ވަޓްސްއެޕް ބޭނުންކުރުމުގައި ދިމާވާ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެކެވެ.
އެޕްލިކޭޝަންގެ އާ ފީޗާތަކާ ބެހޭ މަޢުލޫމާތު ހިއްސާކުރާ ވާބެޓާއިންފޯ އިން ފުރަތަމަ ފާހަގަކުރި މި ފީޗާ، މިހާރު ވަޓްސްއެޕްގެ އެންމެ ފަހުގެ ސްޓޭބަލް ވާޝަން ބޭނުންކުރާ އައިއޯއެސް ޔޫޒަރުންނަށް ލިބެން ފަށާފައިވާކަން ވަނީ ޔަގީންކޮށްދީފައެވެ. ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ހުރިހާ ޔޫޒަރުންނަށް މި ފީޗާ ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
މި ޚިދުމަތް އެކްޓިވޭޓް ވުމުން، ވަޓްސްއެޕް ސަޕޯޓްގެ ނަމުގައި އޮންނަ މި ޗެޓްގެ ނަމުގެ ކައިރީގައި މެޓާ ވެރިފައިޑް ނޫކުލައިގެ ޗެކް މާކެއް ފެންނަން ހުންނާނެއެވެ. މިއީ ވަޓްސްއެޕްގެ ރަސްމީ ސަޕޯޓް އެކައުންޓްކަން އަންގައިދޭ ފާހަގައެކެވެ.
މި ޗެޓް ހުޅުވުމަށް، ވަޓްސްއެޕްގެ ސެޓިންގްސްއަށް ގޮސް، ހެލްޕް > ހެލްޕް ސެންޓަރު > ކޮންޓެކްޓް އަސް، އަށް ފިތާލުމުން، ވަޓްސްއެޕް ސަޕޯޓާއެކު އާ ޗެޓެއް ހުޅުވޭނެއެވެ.
މިފީޗާ މެދުވެރިކޮށް ޔޫޒަރަކު ސުވާލެއް ފޮނުވުމާއެކު، އޭއައި އިން ވަގުތުން ޖަވާބުދީ، އެ މައްސަލައަށް ޚާއްސަ ސަޕޯޓް ޓިކެޓް ނަންބަރެއް ވެސް ދެއެވެ. ނަމަވެސް، ވަޓްސްއެޕުން ވަނީ އޭއައިގެ ޖަވާބުތަކަކީ ބައެއް ފަހަރު ސައްޙަ ނޫން ނުވަތަ ނުގުޅޭ ޖަވާބުތަކަކަށް ވެދާނެ ކަމުގެ އިންޒާރު ދީފައެވެ. އެގޮތުން އޭއައި އިން ދޭ ކޮންމެ ޖަވާބެއްގެ މެސެޖް ބަބުލްގެ ތިރީ ކަނާތްފަރާތުގައި "މެޓާ އޭއައި" މިހެން ލިޔެފައި ހުންނާނެއެވެ.
މި ޗެޓް މެދުވެރިކޮށް އަވަސް ޖަވާބުތައް ލިބުނު ނަމަވެސް، ސީދާ އިންސާނީ އެހީތެރިއަކާ (ހިއުމަން ސަޕޯޓް ސްޓާފް) ގުޅޭނެ ގޮތެއް އަދި ފެންނާކަށް ނެތެވެ. ވަޓްސްއެޕްގެ މުވައްޒަފެއްގެ އެހީއަށް އެދުމުން، އޭއައި އިން ދެނީ، "މި ޗެޓް މޮނިޓާ ކުރެވެމުންދާ ކަމަށާއި، ބޭނުންވެއްޖެ ހާލަތެއްގައި" މުވައްޒަފުން އެހީތެރިވާނެ ކަމުގެ އޮޓޮމޭޓެޑް ޖަވާބެކެވެ.
މި ފީޗާ ވަރަށް އަވަހަށް އެންޑްރޮއިޑް ޔޫޒަރުންނަށް ވެސް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އެގޮތުން، އެންޑްރޮއިޑްގެ އެންމެ ފަހުގެ ބީޓާ ވާޝަންގައި މިހާރު ވެސް މި ފީޗާ ޓެސްޓް ކުރެވެމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ.
ވަޓްސްއެޕުން މިފަދަ އޭއައި ފީޗާއެއް ތަޢާރަފްކުރުމަކީ، ޓެކްނޮލޮޖީގެ ދުނިޔޭގައި މިހާރު ހިނގަމުންދާ ބޮޑު އޮއިވަރެއްގެ ތެރެއިން އެޅިފައިވާ ފިޔަވަޅެކެވެ.
ވަޓްސްއެޕްގެ މައި ކުންފުނި ކަމަށްވާ މެޓާ އިން ދަނީ އެ ކުންފުނީގެ ހުރިހާ ޕްލެޓްފޯމެއްގައި، ޚާއްޞަކޮށް "މެޓާ އޭއައި" ގެ ނަމުގައި، އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީގެ ބޭނުން ހިފުން ފުޅާކުރަމުންނެވެ. މިގޮތުން، ފޭސްބުކް، އިންސްޓަގްރާމް، އަދި މެސެންޖާފަދަ އެޕްލިކޭޝަންތަކުގައި މި ޚިދުމަތް ދަނީ ތަޢާރަފް ކުރަމުންނެވެ.
ކަސްޓަމަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންސާނުން ބޭނުންކުރުމުގެ ބަދަލުގައި އޭއައި ބޭނުންކުރުމަކީ، ވަޓްސްއެޕް ފަދަ ބިލިއަނެއްހާ ޔޫޒަރުން ބޭނުންކުރާ ޕްލެޓްފޯމަކަށް ޚަރަދު ކުޑަކޮށް، އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެކެވެ.