އިންސްޓަގްރާމް ފަދައިން ވަޓްސްއެޕުން ވެސް 'ކްލޯސް ފްރެންޑްސް' ފީޗާއެއް ތައާރަފްކުރަނީ

އިންސްޓަގްރާމްގެ ސްޓޯރީތަކުގައި ގިނަ ބަޔަކު ބޭނުންކުރާ 'ކްލޯސް ފްރެންޑްސް' ފީޗާއާ އެއްގޮތް ފީޗާއެއް މަޝްހޫރު މެސެޖިން އެޕްލިކޭޝަން، ވަޓްސްއެޕުން ވެސް ތައާރަފްކުރުމަށް ތައްޔާރުވަމުން އެބަދެއެވެ.

މި އާ ފީޗާގެ ދަށުން، ޔޫޒަރުންނަށް އެ މީހުންގެ ސްޓޭޓަސް އަޕްޑޭޓްތައް ހަމައެކަނި އެ މީހުން ކަނޑައަޅާ ގާތް ރަހުމަތްތެރިންގެ ލިސްޓަކަށް ހިއްސާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މިހާރު ވަޓްސްއެޕްގައި ސްޓޭޓަސްތައް ހިއްސާކުރެވެނީ ހުރިހާ ކޮންޓެކްޓްތަކަކަށް ނުވަތަ އެންމެންނަށެވެ. ނަމަވެސް، މި އާ ފީޗާގެ ސަބަބުން ޔޫޒަރުންނަށް އެ މީހުން އެންމެ ބޭނުންވާ މީހުން ހިމަނައިގެން ލިސްޓެއް އުފައްދައި، އެ ލިސްޓަށް އެކަނި ސްޓޭޓަސްތައް ޝެއާ ކުރުމުގެ އިޚްތިޔާރު ލިބޭނެއެވެ.

ވާބެޓާއިންފޯ އިން ހާމަކޮށްފައިވާ ގޮތުގައި، މިއީ ޔޫޒަރުންނަށް އެ މީހުންގެ ޕްރައިވެސީއަށް އިތުރު ކޮންޓްރޯލެއް ލިބިގެންދާނެ ކަމެކެވެ.

އިންސްޓަގްރާމްގެ 'ކްލޯސް ފްރެންޑްސް' ސްޓޯރީތަކުގައި ފެހި ކުލައިގެ ރިންގެއް ފެންނަ ފަދައިން، ވޮޓްސްއެޕްގެ މި ފީޗާގައި ހިއްސާކުރާ ސްޓޭޓަސްތަކުގައިވެސް ހާއްސަ ވިޝުއަލް އިންޑިކޭޓަރެއް ހުންނާނެކަމަށް ބެލެވެއެވެ. މީގެ އިތުރުން، މި ލިސްޓަށް މީހަކު އިތުރުކުރުމާއި އުނިކުރުމަކީ ވަރަށް ސިއްރު ކަމަކަށް ވާނެއެވެ. ލިސްޓަށް ގެނެވޭ ބަދަލުތަކުގެ އެއްވެސް ނޮޓިފިކޭޝަނެއް އެހެން މީހުންނަށް ނުދާނެއެވެ.

މި ފީޗާ މިހާރު ތަރައްގީކުރަމުން ދަނީ އައިއޯއެސްގެ ވަޓްސްއެޕް ބީޓާ ވާޝަން 25.23.10.80 ގައި ކަމަށް ވާބެޓާއިން ފޯ އިން ފާހަގަކޮށްފައިވެއެވެ.

ވަޓްސްއެޕުން އަދި މި ފީޗާ އާންމުކުރާނެ ރަސްމީ ތާރީޚެއް އިއުލާނުކޮށްފައެއް ނުވެއެވެ. ނަމަވެސް، މިއީ ޔޫޒަރުންގެ ޕްރައިވެސީއާއި ކޮންޓްރޯލް އިތުރުކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު ފިޔަވަޅެކެވެ.

comment ކޮމެންޓް