ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ޑްރޯން ޝޯއެއް ބާއްވަނީ 6.5 މިލިއަން ޑޮލަރުގެ އަގަކަށް ކަމަށާއި، އެއީ ގާތްގަނޑަކަށް ފަސް ރަށުގެ ފެނާއި ނަރުދަމާ އެޅޭ އަގު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްޣަފޫރު މޫސާ މިއަދު ވިދާޅުވެއްޖެއެވެ.
ވީއައިއޭގެ އާ ޓާމިނަލް ހުޅުވުން ޖުލައި 26ގައި ބާއްވަން ހަމަޖެހިފައިވާއިރު، އެ ރަސްމިއްޔާތުގައި ޑްރޯން ޝޯއެއް ބާއްވާކަމުގެ އަޑުތައް މިފަހުން ވަނީ ފެތުރިފައެވެ.
މިއަދުގެ ޖަލްސާގައި 'ޓްރޭޑްމާކްގެ' ބިލަށް ބަހުސްކުރައްވައި ވާހަކަދައްކަވަމުން ޣަފޫރު ވަނީ ދައުލަތުގައި ފައިސާ ނެތްއިރު އަދިވެސް ޑްރޯން ޝޯ ބާއްވަން ފައިސާ ހުރި ކަމަށް ވިދާޅުވެ ނުރުހުން ފާޅުކުރައްވައިފައެވެ.
ހަމައެކަނި އެއްގަޑިއިރުގެ ޑްރޯން ޝޯއެއް ބާއްވާލަން 6.5 މިލިއަން ޑޮލަރު ޚަރަދުކޮށްލަނީ ތީ. ޖުލައި 26ގައި އެއާޕޯޓު ހުޅުވަން. 130 މިލިއަން ރުފިޔާ! ކުޅުދުއްފުށި ހޮސްޕިޓަލުގައި އެތަނަށް ބޭނުންވާ ޑޮކްޓަރުންނާ ބޭސް ނެތީމާ އެކަމެއް ނުކޮށްދެވޭ. އެވާހަކަ މިދައްކަނީ! ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ
ޣަފޫރުގެ ވާހަކަ މެދުކަނޑާލައި، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ އެ ވަގުތު މައުޟޫއަށް ވާހަކަދެއްކުމަށް އެދިވަޑައިގެންފައެވެ.
ބިލުގެ މައުޟޫއަކީ 6.5 މިލިއަން ޑޮލަރު ޚަރަދު ކުރީމާ 130 މިލިއަން ރުފިޔާއޭ އެއީ. އެއީ ފަސް ރަށުގެ ފެނާއި ނަރުދަމާ އަޅާނެ ލާރިއޭ! ކީއްވެހޭ ދައުލަތުން ލާރި ނެތް ވާހަކަ ދައްކާފައި ބޭކާރު ޚަރަދު މިކުރަނީ. މިއީ ޔޫރަޕްގެ ގައުމެއްގައި ވެސް މިކަހަލަ މުނާސަބަތެއް ފާހަގަކުރަން އެއްގަޑިއިރަށް ޚަރަދުކުރާނެ ފައިސާހެއްޔޭ؟ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ
ޣަފޫރު ވަނީ އެކަން އެގޮތަށް ނުކުރުމަށް ސަރުކާރަށް ގޮވާލައިފައެވެ.
ދެހާސް ސޯޅަވަނަ އަހަރު ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ސައޫދީ ފަންޑުގެ ދަށުން އެ ގައުމުގެ ބިން ލާދިން ކުންފުންޏާ ހަވާލުކުރީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައެވެ.
އޭގެ ފަހުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ވެސް އާ ޓާމިނަލްގެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވެއެވެ. އެކަމަކު ސޯލިހުގެ ވެރިކަމުގައި ޓާމިނަލްގެ މަޝްރޫއު ކުރިއަށް ގެންދިޔައީ އިމާރާތުގެ ފަރުމާއަށް ބަދަލު ގެނައުމަށް ފަހުގައެވެ.
ވީއައިއޭގެ އާ ޓާމިނަލް، އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށް ފަރުމާކޮށް، މި މަހުގެ 26 ވަނަ ދުވަހު ހުޅުވަން އެމްއޭސީއެލުން އަންނަނީ ތައްޔާރުވަމުންނެވެ.