ދުނިޔޭގެ އެންމެ ދުވަސްވީ، މެރަތަން ދުވުންތެރިޔާ ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ

ދުނިޔޭގެ އެންމެ ދުވަސްވީ މެރަތަން ދުވުންތެރިޔާ ކަމަށް ބެލެވޭ, ފައުޖާ ސިންގް އުމުރުން 114 އަހަރުގައި ކާރަކުން ޖެހި ހިނގި އެކްސިޑެންޓެއްގައި އިއްޔެ މަރުވެއްޖެއެވެ.

މި ނުރައްކާތެރި އެކްސިޑެންޓް ހިނގާފައިވަނީ އާއްމު އުސޫލުން ކަސްރަތަށް ނުކުމެ އުޅެނިކޮށް, ފައުޖާގެ އުފަން ސަރަހައްދު ކަމަށްވާ, އިންޑިއާގެ ޕަންޖާބުގެ ބިޔަސް ޕިންޑްގައެވެ. އިނގިރޭސި ވިލާތުގެ ރަށްވެހިކަން ހޯދާފައިވާ ފައުޖާ މަރުވެފައި ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށް ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ދުނިޔޭގެ އެންމެ ދުވަސްވީ މެރަތަން ދުވުންތެރިޔާ ފައުޖާ---

"އޭނާ މަރުވީ ގޭ ދޮށުން މަގު ހުރަސްކުރަމުން ދަނިކޮށް ހިނގި އެކްސިޑެންޓެއްގައި ލިބުނު ޒަހަމްތަކަކާ ގުޅިގެން," ދުވުމަށާއި ޗެރިޓީގެ ކަންކަމަށް ފައުޖާ ލަންޑަންގައި ހިންގާ "ސިކްސް އިން ދަ ސިޓީ" ކުލަބުން ސޯޝަލް މީޑިއާގައި ލިޔެފައިވެއެވެ.

ޕަންޖާބުގައި ދަނޑުވެރިއެއްގެ ގޮތުގައި އުޅުނު ފައުޖާ ލަންޑަންގެ އިލްފޯޑަށް ދިރިއުޅުން ބަދަލު ކުރީ މީގެ 33 އަހަރު ކުރިން 1992 ވަނަ އަހަރުއެވެ. އޭނާ ބުނި ގޮތުގައި އޭނާގެ އުފަން ތާރީޚަކީ އޭޕްރީލް 1، 1911 އެވެ. އޭރު އިންޑިއާ އޮތީ އިނގިރޭސީންގެ ބާރުގެ ދަށުގައި ކަމަށް އޭނާ އޭރު ބުނެފައިވެއެވެ.

ފައުޖާ ދުވަން ފެށީ އުމުރުން 83 އަހަރުގައެވެ. އެކަން އޭނާ ފެށީ އޭނާގެ ފަސް ވަނަ ދަރިފުޅު މަރުވުމުގެ ހިތާމައިން އަރައި ގަތުމަށް އެހީއެއް ހޯދުމުގެ ގޮތުންނެވެ.

މީޑިއާ އާއި އާއްމުންގެ ސަމާލުކަން އޭނާއަށް ލިބުނީ 2000 ވަނަ އަހަރު އުމުރުން 90 އަހަރާ ގާތް ކޮށްފައި ވަނިކޮށް, ލަންޑަން މެރެތަން ހަ ގަޑިއިރާއި 54 މިނެޓުން ނިންމައިގެންނެވެ. އޭގެ ފަހުން އޭނާ އައީ ދުނިޔޭގެ އެކި ހިސާބުތަކުގައި ބާއްވަމުން ދިޔަ ދުވުންތަކުގައި ބައިވެރިވެ, އެކި ރެކޯޑްތައް މުގުރަމުންނެވެ.

އޭނާ އެންމެ އަވަހަށް މެރެތަންއެއް ނިންމީ ފަސް ގަޑިއިރާއި 40 މިނެޓުތެރޭ، 2012 ވަނަ އަހަރެވެ.

މެރެތަންއެއް ޖެހުމަކީ 42 ކިލޯމީޓަރުގެ ރާސްތާއަކަށް ދުވުމެވެ. މިއީ ދިގު ދުވުންތެރީންގެ ތެރޭގައި ވަރަށް މަގުބޫލު ކަމެކެވެ.

comment ކޮމެންޓް