ގޫގުލްއިން ދާދިފަހުން ތައާރަފްކުރި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ އެހީގައި އީމެއިލްތައް ޚުލާސާކޮށްދޭ ޖީމެއިލްގެ އާ ފީޗާއެއް ކަމަށްވާ "ސަމަރައިޒް ދިސް އީމެއިލް" ގެ ބޭނުން ހިފައިގެން ޖީމެއިލްތަކަށް ހެކަރުން ހަމަލާދޭން ފަށާފައިވާ ކަމަށާއި، މިކަމަށް ހުރިހާ އެންމެން ވެސް ސަމާލުވުމަށް ގޫގުލްއިން އެ ކުންފުނީގެ ޖީމެއިލް ބޭނުންކުރާ ދެ ބިލިއަނަށްވުރެ ގިނަ މީހުންނަށް އާދަޔާ ޚިލާފު އިންޒާރެއް ދީފިއެވެ.
މޮޒިއްލާގެ ދިރާސާވެރިންގެ ނެޓްވޯކެއް ކަމަށްވާ "ޒީރޯ-ޑޭ އިންވެސްޓިގޭޓިވް ނެޓްވޯކް އޮޑިން" އިން ހާމަކޮށްފައިވާ ގޮތުގައި، ހެކަރުން މިހާރު "އިންޑައިރެކްޓް ޕްރޮމްޕްޓް އިންޖެކްޝަން" ގެ ނަން ދީފައިވާ އުކުޅެއް ބޭނުންކުރެއެވެ. މީގެ މާނައަކީ، އީމެއިލްގެ ތެރޭގައި އޭއައި އަށް އަމާޒުކޮށް، އާދައިގެ ލޮލަށް ނުފެންނާނެހެން، މަކަރުވެރި އަމުރުތަކެއް ފޮރުވުމެވެ. މިސާލަކަށް، ހުދު ކުލައިގެ އަކުރުތައް ހުދު ބެކްގްރައުންޑެއްގައި ލިޔެފައި ހުރުމުން، އީމެއިލް ލިބޭ މީހާއަކަށް އެ ލިޔުންކޮޅެއް ނުފެންނާނެއެވެ.
ނަމަވެސް، ޖީމެއިލްގައިވާ އޭއައި ވަސީލަތް ކަމަށްވާ "ޖެމިނައި"އަށް މި ފޮރުވާފައިވާ ލިޔުންކޮޅު ފެނެއެވެ. އަދި އީމެއިލް ލިބޭ މީހާ "މި އީމެއިލް ޚުލާސާ ކޮށްދީ" އަށް ފިތާލުމުން، ޖެމިނައި އޭއައި އިން ހެކަރުން ފޮރުވާފައިވާ އަމުރަށް ކިޔަމަންވެ، އީމެއިލްގެ ޚުލާސާގެ ތެރޭގައި "ތިބާގެ އެކައުންޓް ނުރައްކަލުގެ ތެރޭގައި"، ނުވަތަ "ތިބާގެ ޕާސްވޯޑް ވަގަށް ނަގާފައި" ކަހަލަ ގޫގުލް އިން ފޮނުވާފައިވާ ކަމަށް ހީވާފަދަ ނުރައްކާތެރި އިންޒާރެއް ދައްކައެވެ.
މިފަދަ އިންޒާރެއް ފެނުމުން، ގިނަ ބަޔަކު އެއީ ހަގީގަތުގައި ވެސް ގޫގުލްއިން ފޮނުވި އިންޒާރެއް ކަމަށް ހީކޮށް، ހާސްވެ، އެ އިންޒާރާ އެކު ދީފައިވާ ލިންކަކަށް ފިތާލުން ނުވަތަ ފޯނު ނަންބަރަކަށް ގުޅުން އެކަށީގެންވެއެވެ. މިއީ ޔޫޒަރުންގެ އެކައުންޓްތަކުގެ މައުލޫމާތު ވަގަށް ނެގުމަށް ހެކަރުން ޖަހާފައިވާ ދަންތުރައެކެވެ.
އެހެންކަމުން، ސެކިއުރިޓީ އާ ބެހޭ ތަޖުރިބާކާރުން އިރުޝާދު ދެނީ، އޭއައި އިން ތައްޔާރުކޮށްދޭ އީމެއިލް ޚުލާސާތަކުގައިވާ އެއްވެސް "ސެކިއުރިޓީ އިންޒާރަކަށް" އިތުބާރު ނުކުރުމަށެވެ. ގޫގުލް އިން އެފަދަ އިންޒާރުތައް ދެނީ އެ ނޫން ގޮތްތަކަށެވެ.
އެހެންކަމުން ތިބާގެ ޖީމެއިލްގެ އޭއައި ޚުލާސާއަކުން، ގޫގުލް އިން ފޮނުވާފައިވާ ކަމަށް ބުނާ ސެކިއުރިޓީ އިންޒާރެއް ފެނިއްޖެނަމަ، އެއީ ހެކަރުންގެ ދަންތުރައެއްކަން ދަނެ، އެއްވެސް ލިންކަކަށް ނުފިތައި، ވަގުތުން އެ އީމެއިލް ޑިލީޓްކޮށްލާށެވެ.
އީމެއިލް ރައްކާތެރިކުރުމަށް އަޅާނެ ފިޔަވަޅުތައް
މިއަދު އަޅުގަނޑުމެންގެ އީމެއިލްއަކީ ހަމައެކަނި މެސެޖު ފޮނުވާ ވަސީލަތެއް ނޫނެވެ. ބޭންކް އެކައުންޓުން ފެށިގެން ސޯޝަލް މީޑިއާ އެކައުންޓްތަކާއި، ވަޒީފާގެ މުހިންމު މައުލޫމާތާއި، އާއިލީ ފޮޓޯތައް ފަދަ އެތައް އެއްޗެއް އީމެއިލްއާ ގުޅިފައިވެއެވެ. އެހެންކަމުން އީމެއިލެއް ހެކްވުމަކީ މުޅި ޙަޔާތް ހުއްޓުމަކަށް އަތުވެދާނެ ކަމެކެވެ. ތިރީގައި މިވަނީ ތިބާގެ ޖީމެއިލް އެކައުންޓް ރައްކާތެރިކުރުމަށް އަޅާނެ، އާދައިގެ މީހަކަށް ވެސް ފަސޭހައިން ތަންފީޒު ކުރެވޭނެ ފިޔަވަޅުތަކެކެވެ.
1. ވަރުގަދަ، ތަފާތު ޕާސްވޯޑެއް ބޭނުންކުރުން
ޕާސްވޯޑްގެ ސިފަތައް: ތިބާގެ ޕާސްވޯޑަކީ އަކުރު (ކެޕިޓަލް އަދި ސިމްޕަލް)، ނަންބަރު، އަދި (%#@$) ފަދަ ސިމްބަލްސް އެކުލެވޭ، މަދުވެގެން 12 އަކުރުގެ ދިގު ޕާސްވޯޑަކަށް ހަދާށެވެ.
އެއް ޕާސްވޯޑް އެތައް އެކައުންޓެއްގައި ބޭނުން ނުކުރާށެވެ. ޖީމެއިލް އަށް ޚާއްސަ ޕާސްވޯޑެއް ބޭނުންކުރާށެވެ.
ތަފާތު އެތައް ޕާސްވޯޑެއް ހަނދާނުގައި ބެހެއްޓުމަށް އުނދަގޫނަމަ، "ޕާސްވޯޑް މެނޭޖަރ" އެޕްލިކޭޝަނެއް ބޭނުންކުރެވިދާނެއެވެ.
2. ޓޫ ސްޓެޕް އޯތެންޓިކޭޝަން ސެކިއުރިޓީ އޮންކުރުން
މިއީ ތިބާގެ އެކައުންޓަށް ވަންނަން މަސައްކަތްކުރާ ކޮންމެ ފަހަރަކު، ޕާސްވޯޑުގެ އިތުރުން، ތިބާގެ ފޯނަށް އަންނަ ކޯޑެއް ޖަހަންޖެހޭ ނިޒާމެކެވެ. މިއީ އެންމެ ވަރުގަދަ އެއް ރައްކާތެރި ނިޒާމެވެ.
މިކަންކުރާނެ ގޮތް:
ގޫގުލް އެކައުންޓްގެ ސެކިއުރިޓީ ޕޭޖަށް (myaccount.google.com/security) ދާށެވެ.
"Signing in to Google" ބައިގެ ދަށުން "2-Step Verification" އަށް ފިތާލާށެވެ.
އެއަށްފަހު ސްކްރީނުގައިވާ އިރުޝާދުތަކާ އެއްގޮތަށް، ތިބާގެ ފޯނު ނަންބަރު ނުވަތަ އޮތެންޓިކޭޓާ އެޕެއް (Authenticator App) ބޭނުންކޮށްގެން މި ފީޗާ އޮންކުރާށެވެ.
3. އެކައުންޓް ރިކަވަރީ މައުލޫމާތު އަޕްޑޭޓްކުރުން:
ތިބާގެ ޕާސްވޯޑް ހަނދާން ނެތިއްޖެ ހާލަތެއްގައި އެކައުންޓް އަނބުރާ ހޯދުމަށް މިއީ ވަރަށް މުހިންމު ކަމެކެވެ.
މިކަންކުރާނެ ގޮތް:
ގޫގުލް އެކައުންޓްގެ ސެކިއުރިޓީ ޕޭޖަށް (myaccount.google.com/security) ދާށެވެ.
"Ways we can verify it's you" ބައިގެ ދަށުން "Recovery phone" އަދި "Recovery email" ގައި ތިބާގެ ފޯނު ނަންބަރާއި، އިތުރު އީމެއިލް އެޑްރެހެއް ޖަހާފައިވާކަން ޔަގީންކުރާށެވެ.
4. ތިބާގެ އެކައުންޓާ ގުޅިފައިވާ އެޕްތަކާއި ޑިވައިސްތައް ރިވިއުކުރުން:
ތިބާގެ ޖީމެއިލް އެކައުންޓް ބޭނުންކޮށްގެން އެކި އެޕްތަކަށާއި ވެބްސައިޓްތަކަށް ލޮގިންވެވިދާނެއެވެ.
މިކަންކުރާނެ ގޮތް:
ސެކިއުރިޓީ ޕޭޖް ގައި "Third-party apps with account access" ބައި ބަލާށެވެ.
ތިބާއަށް ނޭނގޭ، ނުވަތަ ބޭނުންނުކުރާ އެއްވެސް އެޕަކަށް އެކްސެސް ދެވިފައިވާނަމަ، އެ އެކްސެސް ވަގުތުން އުނިކޮށްލާށެވެ.
ހަމައެއާއެކު "Your devices" ބައިން، ތިބާގެ އެކައުންޓަށް ލޮގިންވެފައިވާ ޑިވައިސްތައް ބަލާ، ނޭނގޭ ޑިވައިސްއެއް އުޅޭނަމަ އެ ޑިވައިސްއަކުން އެކައުންޓް ސައިން އައުޓްކޮށްލާށެވެ.
5. ގޫގުލް ސެކިއުރިޓީ ޗެކަޕް ހެދުން:
ގޫގުލް އިން ފޯރުކޮށްދޭ މި ވަސީލަތުން ތިބާގެ އެކައުންޓްގެ ރައްކާތެރިކަން ވަރަށް ފަސޭހައިން ޗެކްކޮށް، ރަނގަޅުކުރަންޖެހޭ ކަންކަން ދެނެގަނެވޭނެއެވެ. އެގޮތުން ހަފްތާއަކު އެއްފަހަރު ނުވަތަ މަދުވެގެން މަހަކު އެއްފަހަރު security.google.com/settings/security/checkup އަށް ޒިޔާރަތްކޮށްލުމަކީ ބުއްދިވެރިކަމެކެވެ.