ގޫގުލްގެ ފްލެގްޝިޕް ޕިކްސެލް 10 ސީރީޒް އިޢުލާނުކުރުމުގެ ހަފުލާ އަންނަ މަހު އޮގަސްޓު 20 ގައި ބޭއްވުމަށް ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
މި ހަފުލާ އޮންނާނީ ރާއްޖޭ ގަޑިން ރޭގަނޑު 10:00 ގައެވެ.
މި ހަފުލާގައި ގޫގުލްއިން އެ ކުންފުނީގެ ޕިކްސެލް ޑިވައިސްތަކުގެ އާ އެޑިޝަންތައް ތަޢާރަފުކުރާނެ ކަމަށް ބެލެވެއެވެ. މީގެ ތެރޭގައި، ޕިކްސެލް 10 ސީރީޒްގެ ހަތަރު މޮޑެލް ހިމެނޭނެ ކަމަށް ލަފާކުރެވެއެވެ. އެއީ، ގޫގުލް ޕިކްސެލް 10، ޕިކްސެލް 10 ޕްރޯ، ޕިކްސެލް 10 ޕްރޯ އެކްސްއެލް، އަދި ޕިކްސެލް 10 ޕްރޯ ފޯލްޑްއެވެ.
ފޯނުތަކުގެ އިތުރުން، ޕިކްސެލް ވޮޗް 4 އަދި ޕިކްސެލް ބަޑްސް 2އޭ ވެސް މި ހަފުލާގައި ތަޢާރަފުކުރާނެ ކަމަށް ބެލެވެއެވެ. ޕިކްސެލް ވޮޗް 4 ގައި ކުރީގެ މޮޑެލްތަކާ އެއްގޮތަށް ސްނެޕްޑްރެގަން W5 ޖެން 1 ޗިޕް ހުންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި، މި ސްމާޓްވޮޗް ދެ ސައިޒުން ލިބެން ހުންނާނެ ކަމަށާއި 459 މިލީއެމްޕަޔަރުގެ ބޮޑު ބެޓެރީއެއް ހުންނާނެ ކަމަށް ވެސް ލަފާކުރެވެއެވެ.
ޕިކްސެލް ބަޑްސް 2a އަކީ އަގުހެޔޮ އޮފާއެއްގެ ގޮތުގައި ޕިކްސެލް 10 ފޯނުތަކާ އެކު ތަޢާރަފުކުރާނެ ކަމަށް ބެލެވޭ ޓްރޫ-ވައިރަލެސް-ސްޓީރިއޯ ޕްރޮޑަކްޓެކެވެ. މި ބަޑްސްގެ އަގު 149 ޔޫރޯ (ގާތްގަނޑަކަށް 2670 ރުފިޔާ) ކަމަށް ލަފާކުރެވެއެވެ.
ގޫގުލްއިން މި ފަހަރުގެ ޕިކްސެލް ހޭންޑްސެޓްތަކަށް ބާރުދޭނެ ޓެންސަރު G5 ޗިޕްސެޓް އުފެއްދުމަށް ސެމްސަންގް ފައުންޑްރީ ބަދަލުގައި ޓީއެސްއެމްސީ ބޭނުންކުރާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
މި ހަފުލާ ގޫގުލްގެ ޔޫޓިއުބް ޗެނަލް، ސޯޝަލް މީޑިއާ އެކައުންޓްތައް، އަދި ވެބްސައިޓް މެދުވެރިކޮށް ވަގުތުން ދުރަށް ދައްކާނެއެވެ.