އެތެރެއިން: ސިޔާސީ މަގާމުތަކުގެ އަދަދަކީ ބޮޑު އޮޅުވާލުމެއް؟

ރައީސް މުއިއްޒާއި ސަރުކާރުގެ ބައެއް ވެރިން: ސަރުކާރުން ބުނަނީ ތިބީ 922 ސިޔާސީ މުވައްޒަފުން ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރަށް ދެ އަހަރުވާން އުޅެނިކޮށް އެންމެ ފަހުން ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކޮށްފިއެވެ. ރޭ 12 ޖެހިފަހުން ރައީސް އޮފީހުން ވަނީ ސަރުކާރުގައި ތިއްބެވީ 922 ސިޔާސީ މުވައްޒަފުން ކަމަށް ބުނެފައެވެ. އެއީ، ވެސް ވައުދުފުޅަށް ވުރެ 222 މުވައްޒަފުން އިތުރު އަދަދެކެވެ. އެކަމަކު، އެއީ ހަގީގަތްތޯ ސުވާލު އުފެދެއެވެ.

ކެމްޕޭން ތެރޭގައި ރައީސް ވައުދުވެލެއްވީ ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށްވުރެ އިތުރުނުކުރުމަށެވެ. އެހެންވެ، މިހާރު ވެސް އެ އޮތީ ވައުދާ ޚިލާފުވެފައެވެ. އެ ކަމަށް އިއުތިރާފުވެފައެވެ.

ދެން އުފެދޭ ސުވާލަކީ ސިޔާސީ މުވައްޒަފުންނަކީ ކޮބައިބާވައެވެ؟ އެއީ، ކޮން ބައެއް ހެއްޔެވެ؟

ސިޔާސީ މުވައްޒަފުން ކިޔާ ބަޔަކު ގާނޫނުއަސާސީއެއް ނުދަނެއެވެ. އެކިއެކި 'ސިޔާސީ މަގާމު'ތަކަށް މުވައްޒަފުން އައްޔަނުކުރަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ޅ. ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ލިބޭ ބާރާއި އިހުތިޔާރުގެ ދަށުންނެވެ. އެ މާއްދާގައި ބުނަނީ، "ވަޒީރުންގެ މަޖިލީހަށާއި، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ވާޖިބު އަދާކުރުމަށްޓަކައި ބޭނުންވާ މަޤާމުތަކަށް، މީހުން ޢައްޔަނުކުރުމާއި، އެ މަޤާމުތަކުން މީހުން ވަކިކުރުމާއި، އެ މީހުންގެ އިސްތިޢުފާ ޤަބޫލުކުރުން" އެއީ ރައީސްގެ ބާރާއި މަސްއޫލިއްޔަތުގެ ތެރެއިންވާ ކަމެކެވެ.

https://sun.mv/208651

އެކަމަކު، ކޮންމެ ރައީސަކު ވެސް އެ ބާރު ބޭނުންކުރެއްވީ ޕާޓީ 'ކުދިން'ނާއި އެކްޓިވިސްޓުންނަށް ވަޒީފާ ދޭށެވެ. ބައެއް ފަހަރު އިދިކޮޅުގައި ތަންކޮޅެއް އަޑުގަދަކުރާ މީހުންނަށް ވެސް ޖާގަ ލިބެއެވެ. 'ސިޔާސީ މަގާމުތައް' ކިޔަނީ އެ މަގާމުތަކަށެވެ. ސިޔާސީ ސަބަބުތަކަށްޓަކައި ނަންގަވާ މުވައްޒަފުންނެވެ.

ރައީސް އޮފީހުން ހާމަކުރި އަދަދުތައް:

  • ވަޒީރުންގެ ގޮތުގައި 20 ބޭފުޅުން
  • ވަޒީރުންގެ ފެންވަރުގައި 14 ބޭފުޅުން
  • ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި 93 ބޭފުޅުން
  • ސްޓޭޓް މިނިސްޓަރުން ފެންވަރުގައި ހަތް ބޭފުޅުން
  • ޑިޕިއުޓީ މިނިސްޓަރުންގެ ގޮތުގައި 216 ބޭފުޅުން
  • ޑިޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި 20 ބޭފުޅުން
  • ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 318 ބޭފުޅުން
  • ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި އަށް ބޭފުޅުން
  • ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 169 ބޭފުޅުން
  • ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި ހަތަރު ބޭފުޅުން
  • އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި ހަތަރު ބޭފުޅުން
  • އެހެނިހެން ސިޔާސީ މަޤާމުތަކުގައި 49 ބޭފުޅުން

"ސިޔާސީ މަޤާމުތަކަށް ޢައްޔަނުކުރައްވާ ބޭފުޅުން ވަކިކުރެއްވުމާއި، އިސްތިޢުފާދެއްވުމާއި އަދި، އަލަށް ބޭފުޅުން ޢައްޔަނުކުރެއްވުމަކީ ކޮންމެ ރިޔާސީ ދައުރެއްގެ ތެރޭގައި ވެސް ހިނގަހިނގާ ހުންނަ ކަމަކަށްވާތީ، ސިޔާސީ މުވައްޒަފުންގެ ޖުމުލަ ޢަދަދަށް އަބަދު ވެސް ބަދަލު އަންނަމުން ދާނެއެވެ،" ރައީސް އޮފީހުން ބުންޏެވެ.

ހަގީގަތަކީ ކޮބާ؟

ކޮންމެ ސަރުކާރަކުން ވެސް ސިޔާސީ މުވައްޒަފުންގެ ތެރޭގައި ހިމަނަނީ މި ސަރުކާރުން ވެސް އެ ދިން ލިސްޓެވެ. އެކަމަކު، ހަގީގަތް އެއަށްވުރެ މާ ބޮޑެވެ. ސިޔާސީ އެކިއެކި ސަބަބުތަކަށްޓަކައި ނަންގަވައިގެން، ދައުލަތުން އެކި ފެންވަރުގެ މުސާރަ ދޭ އެތައް ހާސް މުވައްޒަފުންނެއް މިދިޔަ ސަރުކާރުގައި ވެސް ތިއްބެވިއެވެ.

"މަޖިލީސް އިންތިޚާބާ ގުޅިގެން އެކަނި ވެސް ރަށްރަށުގައި 20 އިން 25 އިން މުވައްޒަފުން ނެގި ފެނަކައާއި އެހެން ކުންފުނިތަކަށް އިއުލާނުނުކޮށް،" މި ސަރުކާރުގެ މަތީ މަގާމެއްގައި ހުންނެވި ބޭފުޅަކު، އެ ބެފުޅާ ވިދާޅުވިކަން އެނގިއްޖެ ނަމަ ދެންވާނެ ގޮތް ހަނދާންކޮށްދެމުން ކިޔައިދެއްވިއެވެ.

"އެއް ބަޔަކު ނުވިޔަސް އެ ރަށްރަށު މީހުން ހެކިވާނެ އެ ކަމަށް،"

https://sun.mv/205473

އެއީ ވެސް ހަމައެކަނި މި ސަރުކާރުން ކުރި ކަމެއް ނޫނެވެ. ނަންބަރުތަކުން އެކަން އެނގެއެވެ. ފެނަކައަށް އެކަނި ބަލައިލުމުން ވެސް އެ ހަގީގަތް ސާފުކޮށް ފެނެއެވެ. ފައިދާއެއްނުވެ، މުޅިން ގެއްލުމުގައި ހިންގާ އެ ކުންފުންޏަށް އަހަރުން އަހަރަށް މުވައްޒަފުން ވަނީ އިތުރެވެ.

އެމްޑީޕީ ސަރުކާރު ނިމުންއިރު ވެސް ފެނަކައިގައި އެކަނި 8،000 އަށްވުރެ ގިނަ މުވައްޒަފުން ތިއްބެވެ. މިހާރު އެ އަދަދު މާ އިތުރުވާނެއެވެ. އެއީ، އެ ކުންފުނީގެ މަސައްކަތްތަކަށް ބޭނުންވާ އަދަދަށްވުރެ މާ ގިނަކަން ސާފުކޮށް އެނގެއެވެ.

ފާއިތުވި އަހަރުތަކުގައި ދައުލަތުގެ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން:

  • 2019 ވަނަ އަހަރު ތިބީ 18,529 މުވައްޒަފުން
  • 2020 ވަނަ އަހަރު ތިބީ 20,313 މުވައްޒަފުން
  • 2021 ވަނަ އަހަރު ތިބީ 22,017 މުވައްޒަފުން
  • 2022 ވަނަ އަހަރު ތިބީ 24,904 މުވައްޒަފުން

މިހާރު އެ އަދަދު ހުރީ 33،000 އަށްވުރެ އިތުރެވެ. އެ ފެންނަނީ އެ ހަގީގަތެވެ. އެއްވެސް ފައިދާއެއްނުވާ ކުންފުނިތަކަށް ބޮޑެތި އަދަދުތަކުން މުވައްޒަފުން ނަގަނީ ހަމައެކަނި ސިޔާސީ ބޭނުމުގައެވެ. ކުންފުންޏަށް މުހިންމުވެގެންނެއް ނޫނެވެ.

https://sun.mv/196226

"ކޮންމެ ރަށެއްގެ ހޮސްޕިޓަލުގައި ވެސް އެބަތިބޭ ސިޔާސީ މަގާމުތަކެއް. ކުދިކުދި ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގައި ވެސް އެބަތިބޭ،" ކުރިން ވެސް ވާހަކަދެއްކި ސަރުކާރުގެ ބޭފުޅާ ހިއްސާކުރެއްވިއެވެ.

އެ އެކަންޏެއް ނޫނެވެ. ރަށްރަށުގައި އެކިއެކި ނަންނަމުގައި މިހާރު ވެސް ކައުންސިލް އިންތިޚާބާ ގުޅުވައި އެކިއެކި މަގާމުތަކަށް އެބަ ބޭފުޅުން އައްޔަންކުރައްވައެވެ. ކޮންމެހެން ސަރުކާރު ނުވަތަ ކުންފުނި ހިންގަން ބޭނުންވާތީއެއް ނޫނެވެ. ސިޔާސީ ގޮތުން އެ ބޭފުޅުންނާއި އެ އާއިލާތަކުގެ ސިޔާސީ ކޮންޓްރޯލް ބޭނުންވާތީއެވެ. އިތުރު އެއްވެސް ސަބަބެއް ނެތެވެ.

"މި ފަހުން މެންބަރު ގޮސްފި ރަށަށް. ގޮސްފައި ހަތަރު މީހުންނަށް ފެނަކައިން ވަޒީފާ ދީފައި އައީ. އިންޖީނު ގޭގައި މިހާރު މީހަކު ގަޑިއިރަކު ޑިއުޓީ ކުރިޔަސް ޑިއުޓީ ކުރެވޭ ވަރަށް މީހުން އެބަތިބި،" އުތުރުގެ ރަށަކަށް ނިސްބަތްވާ 32 އަހަރުގެ ރައްޓެއްސަކު ބުންޏެވެ.

ރައީސް މުއިއްޒު، ޕީއެންސީގެ ހިނގާލުމެއްގައި: އެ ޕާޓީއަކީ އެންމެ މެންބަރުން ގިނަ ޕާޓީ -- ސަން ފޮޓޯ/ މޫސާ ނަދީމް

އެ މީހުންނަށް ސިޔާސީ މުވައްޒަފުން ނުކިޔަންޏާ ސިޔާސީ މުވައްޒަފުން ކިޔަންވީ ކޮން ބަޔަކަށް ހެއްޔެވެ؟

"އެންމެ ހެއްވާ ކަމަކީ، ޓްވީޓް ކުރަން އެ ގެންގުޅޭ ބޭފުޅުން ވެސް އެއީ ސިޔާސީ މުވައްޒަފުންނަކަށް ނުވެއެއްނު މިހާރު އެ އޮތް ލިސްޓަކުން؟ އެކަކަށް އެމްއޭސީއެލްގެ އިސް މަގާމެއް، އަނެކަކަށް އެޗްޑީސީގެ އިސް މަގާމެއް އެއީ ސިޔާސީ މަގާމެއް ނޫނީބާ؟" މިއީ ލިޔަން ރަނގަޅު ވާހަކައެއް ނޫންހޭ ކިޔާފައި ސަރުކާރުގެ ތެރެއިން ބޭފުޅަކު ދެއްކެވި ވާހަކަފުޅެކެވެ.

ހިސާބު ދިމައެއްނުވޭ

މި ވާހަކަ ނަން ޖަހާ ގޮތަށް ދައްކާކަށް ސަރުކާރުގެ އިސް ބޭބޭފުޅުން ބޭނުމެއް ނުވެއެވެ. އެހެންވެ، މި ވާހަކަތައް ދައްކަން ތިއްބެވީ އިދިކޮޅުގައި ތިއްބެވި ބޭފުޅުންނެވެ. އެ ބޭފުޅުން ވެސް އެ ގޮތަށް ކަންކުރައްވާފައި ތިއްބެވީމާ އެނގޭނެތާއެވެ. މިއީ އަލަށް މި ސަރުކާރުން ކޮށްގެން އުޅޭ ކަމެއް ނޫނެވެ.

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ލިޔުއްވި ޕޯސްޓެއްގައިވާ ގޮތުން، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް މި ސަރުކާރުން 2،280 ސިޔާސީ މުވައްޒަފުން އައްޔަނުކޮށްފައިވެއެވެ. އޭގެ ފަހުން، 248 ސިޔާސީ މުވައްޒަފުން ވަކިކުރި ނަމަ 2،032 މީހުން ތިބޭނެ ކަމަށް އޭނާ އަންދާޒާކުރައްވައެވެ.

https://sun.mv/208665

"އޭގެ ފަހުން ވެސް އެތައް މުވައްޒަފުންނެއް ނަގައިފި. ސަރުކާރުން މިހާރު މި ބުނާގޮތަށް ބަލާނަމަ، ރައީސް އޮފީހާއި މުލިއާގެއާއި އަދި ހިލާލީގެ އެއްކޮށް 1،100 އަށް ވުރެ ގިނަ މުވައްޒަފުން ތިބޭނެކަމަށް ލަފާކުރެވޭ. ދެހާސް ތޭވީސް ނިމުނުއިރު މި އަދަދު ހުރީ 409 ގައި،" އަމީރު ލިޔުއްވާފައިވެއެވެ.

ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވި ގޮތުގައި ސިޔާސީ މަގާމުތަކުގެ އަދަދުތައް އަޅާކިރޭނީ ބަޖެޓާއެވެ. ބަޖެޓުގައި ހުރި އަދަދުތަކަށް ބަލާއިރު ސީދާ އަދަދުތައް އުޅެނީ 2،000 އަށް ވުރެ މަތީގައި ކަމަށް އޭނާ ޖެއްސެވި ހިސާބުން ދައްކައެވެ.

"އެހެންވީމާ އަޅުގަނޑަކަށް ހަމަ އެއްގޮތަކަށް ވެސް އޭތި ގަބޫލެއް ނުކުރެވޭ އެއީ ރަނގަޅު އަދަދެއް ކަމަށް،" މައުރޫފް ވިދާޅުވިއެވެ.

އެނގި ޔަގީންވާ ކަމަކީ ސިޔާސީ މުވައްޒަފުންގެ އަދަދަކީ 922 ނޫން ކަމެވެ. އެ އަދަދަކީ ބޮޑު އޮޅުވާލުމެކެވެ. މިއީ ރައްޔިތުންގެ ފައިސާއިން ސަރުކާރުގެ ސިޔާސީ ކޮންޓްރޯލް ބޮޑުކުރަން ކޮންމެ ސަރުކާރަކުން ވެސް ނަގައި މުވައްޒަފުންގެ އަދަދު ރައްޔިތުންނަށް އޮޅުވާލަން ހަމަ ކޮންމެ ސަރުކާރަކުން ހެދި ގޮތެވެ. އެކަމަކު، ރައްޔިތުންނަށް ހަގީގަތް އެނގޭނެއެވެ. އޮޅުވާލައި، ކަންކަން ސިއްރުކުރެވުނު ޒަމާން މާޒީވެއްޖެއެވެ.

comment ކޮމެންޓް