ސުވަރުގޭގައި ކުންނާރުގަސް ހުންނާނެ!

ކުންނާރު --

މުއުމިނުންގެ ދާއިމީ ގޮވަތި ކަމުގައި ވާ ސުވަރުގޭގައި ކުންނާރުގަސް ހުންނާނެކަން ކީރިތި ޤުރުއާނުންނާއި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ ފަރާތުން ރިވާވެފައި އޮތް ޞައްޙަ ޙަދީޘަކުން އެނގެން އެބަ އޮތެވެ.

ސުވަރުގޭގައި މި ދުނިޔޭގެ މޭވާއާ އެއްގޮތް މޭވާ ހުންނާނެކަން ކީރިތި ޤުރުއާނުން އެނގެއެވެ. އެހެނަސް އެ ތަކެތި ދެ ދުނިޔޭގައި ތަފާތުވެގެން ވާނޭކަން ވެސް ޤުރުއާނުން އެނގެން އެބައޮތެވެ. މާތް ﷲ ވަޙީކުރައްވައި އެންގެވިއެވެ. ‎﴿كُلَّمَا رُزِقُوا مِنْهَا مِن ثَمَرَةٍ رِّزْقًا قَالُوا هَـٰذَا الَّذِي رُزِقْنَا مِن قَبْلُ وَأُتُوا بِهِ مُتَشَابِهًا﴾ (البقرة: ٢٥)‏ މާނައީ: "އެ ސުވަރުގެތަކުން ރޯއްޖެއްގެ ގޮތުގައި މޭވާގެ ކޮންމެވެސް ބާވަތެއް، އެއުރެންނަށް ލިބޭ ކޮންމެ ފަހަރަކު، އެއުރެން ބުނާނެތެވެ. މިއީ ކުރިންވެސް އަހަރެމެންނަށް ލިބުނު މޭވާއެވެ. އެއުރެންނަށް އެފަދަ މޭވާ ދެއްވާހުށީ (ބޭރުފުށުން) އެއްވައްތަރުވާ ޙާލުގައެވެ."

ދުނިޔޭގެ ނިޢުމަތްތަކުގެ މިސާލުން ސުވަރުގޭގެ ނިޢުމަތް މާތް ﷲ ސިފަކޮށްދެއްވަނީ، އިންސާނުންނަށް ވިސްނަވައިދެއްވުމަށް ޓަކައެވެ. އަދި ހަމަ އެހެންމެ ދުނިޔޭގައި ދެއްވައިފައި މިވާ ނިޢުމަތްތަކަކީ، އާޚިރަތުގެ ނިޢުމަތާ އަޅާ ބަލާއިރު އަގުމަގުގެ ގޮތުންނާއި ގިންތީގެ ގޮތުން ވަރަށް ފެންވަރު ދަށް އެއްޗެތިކަން ބަޔާންކޮށްދެއްވުމެވެ. އަދި ހަމައެހެންމެ ސުވަރުގޭގައި ލިބެން އޮތް ނިޢުމަތުގެ މަތިވެރިކަމާއި މާތްކަން ވެސް ބަޔާންކޮށްދެއްވުމެވެ.

މިފަދަ މިސާލެއްގެ ގޮތުން ކުންނާރުގަހެއްގެ ވާހަކަ ވެސް ބަޔާންވެފައި އެބަ އޮތެވެ. އަދި އެ ގަހަކީ ކަނާތްފަރާތުގެ އަހުލުވެރިންނަށް ހުރި ގަހެއްކަން ވެސް އެނގެއެވެ. އެ ބަހީ ސުވަރުގޭގައި ލައްވައިފައި ހުރި ގަހެކެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. وَأَصْحَابُ الْيَمِينِ مَا أَصْحَابُ الْيَمِينِ ‎﴿الواقعة: ٢٧﴾ މާނައީ: "ކަނާތްފަރާތުގެ މީހުންނެވެ. ކަނާތްފަރާތުގެ މީހުންނީ، ކޮންބަޔެއްހެއްޔެވެ؟" ﴿فِي سِدْرٍ مَّخْضُودٍ﴾ ‎(الواقعة: ٢٨) މާނައީ: "(އެއުރެންވަނީ) ކަށިނެތް، ކުންނާރު ގަސްތަކުގެ ތެރޭގައެވެ."

ކީރިތި ޤުރުއާނުގެ މި އާޔަތާ ބެހޭގޮތުން އަޢުރާބީއަކު ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَއާ ސުވާލު ދެންނެވިއެވެ. އަލްއިމާމް އަލް ބައިހަޤީ އެކަލޭގެފާނުގެ ކިތާބުލް ބައްޘި ވައްނުޝޫރީގައި މި ވާހަކަ ގެންނަވައިފައި ވެއެވެ. އަބޫ އުމާމާގެ އަރިހުން ރިވާކުރައްވައިފައި އޮތް މި ޙަދީޘުގައި ވަނީ؛ އަޢުރާބީއަކު ރަސޫލުﷲ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ އަރިހަށް އައިސް ދެންނެވިއެވެ. "ގެއްލުން ލިބޭ ގަހެއްގެ ވާހަކަ ޤުރްއާނުގައި އެބަ އޮތެވެ. އެހެނަސް އެ ގަހަކުން އެއްޗެއް ބޭނުންކުރާ މީހާއަށް ގެއްލުން ލިބޭނެ ގަހެއް ސުވަރުގޭގައި ހުންނާނެ ކަމަށް އަހުރެންގެ ބުއްދި ޤަބޫލެއް ނުކުރެއެވެ. (ނޯޓް: އަޢުރާބީންނަކީ ރަށްފުށުގެ މީހުންނެވެ. އޭރުގައި ތަރައްޤީވެފައި ހުރި މުދުނު (ސިޓީ)ތަކައި ދުރުގައި އުޅުނު މީހުންނެވެ. އެ މީހުން އެއްޗެތި ފަހުމުވުމަށް ޓަކައި ގިނައިން ސުވާލުކޮށް އޮޅުންފިލުވައި އުޅެއެވެ.)

އައުރާބީގެ މި ވާހަކައަށް ޖަވާބުދެއްވަމުން އިތުރު އެކަލޭގެފާނު އޭނާއާ ސުވާލުކުރެއްވިއެވެ. "އެއީ ކޮން ގަހެއް ހެއްޔެވެ؟" އޭނާ ދެންނެވިއެވެ. "ކުންނާރު ގަހެވެ. އޭގައި ކަށި ހުރެއެވެ." އިތުރު އެކަލޭގެފާނު ޙަދީޘުކުރެއްވިއެވެ. މާތް ﷲ [﴿فِي سِدْرٍ مَّخْضُودٍ﴾ ‎(الواقعة: ٢٨) މާނައީ: "(އެއުރެންވަނީ) ކަށިނެތް، ކުންނާރު ގަސްތަކުގެ ތެރޭގައެވެ."] މިފަދައިން ވަޙީނުކުރައްވާ ހެއްޔެވެ؟ އެ ގަހުގެ ކަށި ހުންނަ ތަންތަނުގައި މޭވާއެއް، އެކަލާނގެ ލެއްވިއެވެ. ދެން އެ ގަހުގެ މޭވާއިން ހަތްދިހަ ކުލައިގެ ކާނާ ނެރުއްވަތެވެ. އޭގައި އެއް ކުލަ އަނެއް ކުލަޔާ އެއްގޮތް ނުވެތެވެ."

ސުވަރުގޭގައި ހުންނަ ކުންނާރު ގަހުގައި ކަށިނުހުންނާނެކަން އެކަލޭގެފާނު އަޢުރާބީ ކަލޭގެއަށް ތަފްސީލުކޮށްދެއްވީއެވެ. އަދި ކަށީގެ ބަދަލުގައި ﷲ ދެއްވާ ފުރިހަމަ މޭވާގެ ސިފަ ވެސް ކޮށްދެއްވީއެވެ.

އަޅުގަނޑުމެންނަށް ދުނިޔޭގައި މި ކުރާ ހެޔޮ ޢަމަލުތަކަށް ސަވާބު ދެއްވުމަށް ﷲ އުފައްދަވައިފައި ވާ ސުވަރުގޭގެ މަތިވެރިކަމާއި ފުރިހަމަކަން އެނގުމަކީ ހެޔޮ ޢަމަލުކުރުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ. ސުވަރުގޭގެ ވަރަށް ގިނަ ސިފަކުރުންތައް އަޅުގަނޑުމެން ދަންނަމުއެވެ. އަދި އެ ތަނުގެ ތަންތަނުގެ ސިފަ ބަޔާންކުރައްވައިފައި ވާ އެތައް އެއްޗެއް އަޅުގަނޑުމެން އާދީ ޙަޔާތުގައި ބޭނުން ވެސް ކުރަމެވެ. އެހެނަސް އެ ތަކެތި ބޭނުންކުރާ ކޮންމެ ފަހަރަކު ސުވަރުގެ މަތިން ހަނދާން ވޭބާއެވެ؟

ގިނަގިނައިން ސުވަރުގެ ހަނދާން ކުރުމަކީ އެ ތަނަށް ދިޔުމަށް ގަދައަޅާ މަސައްކަތްކުރުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ. އެ ސުވަރުގެއަށް އަމާންކަމާއި ސަލާމާތްތެރިކަމާ އެކު ވަދެވޭ ބަޔަކު ކަމުގައި އަޅަމެން ލައްވާނދޭވެ! آمين

comment ކޮމެންޓް