ސިރާތުމަގު ހުރަސްކުރާއިރު މީހުންގެ ހާލު

ސިރާތަކީ ނަރަކައިގެ މަތިގައި ބޭއްވޭ މަގެކެވެ. (އެ މަގުގެ ބިރުވެރިކަމުން އަޅަމެން ސަލާމަތްކޮށްދެއްވާނދޭވެ!) މީހުން އެ މަގު ހުރަސްކުރާނީ އެ ބައެއްގެ ޢަމަލުތަކާ ގުޅޭ ނިސްބަތަކުންނެވެ. އަވަސްއަވަހަށް ހަރުދުވެލީގައި ގޮސް އެ މަގު ހުރަސްކުރާ ބަޔަކާއި ވަރަށް ލަސްލަހުން އެ މަގު ހުރަސްކުރާނެ ބަޔަކު ތިބޭނެއެވެ.

ސިރާތުމަގުން ހުރަސްކުރާ މީހުންގެ ދުވެލި ބައިބަޔަށް ބެހިގެން ވަނީ އެ މީހުންގެ ތަޤުވާވެރިކަމާއި ހެޔޮ ޢަމަލުގެ މައްޗަށެވެ. ބައެއް މީހުން އެސްފިޔަ ޖަހާހައި އަވަހަށް އެ މަގު ހުރަސްކުރާނެއެވެ. އަނެއް ބަޔަކު އަލި ވިދުވަރެއް ފަދައިން އެ މަގު ހުރަސްކުރާއިރު ވައިރޯޅިއެއް ފަދައިން އެ މަގު ހުރަސްކުރާ ބަޔަކު ވެސް ތިބޭނެއެވެ. އަނެއް ބަޔަކީ ބާރު ދުވެލީގައި ދުވާ އަހެއް ފަދައިން ސިރާތުމަގު ހުރަސްކުރާނެ މީހުންނެވެ. ދުވަމުން އެ މަގު ހުރަސްކުރާ ބަޔަކާއި ހިނގަމުން އެ މަގު ހުރަސްކުރާ ބަޔަކު ވެސް ތިބޭނެއެވެ. އެ މަގުގެ މައްޗަށް ވެއްޓި ބަނޑުލައި ލޫދެމުން ދާ ބަޔަކު ވެސް ސިރާތުމަގު ހުރަސްކުރާ މީހުންގެ ތެރޭގައި ވާނެއެވެ. ސިރާތުމަގުގެ ދަށުގައި އޮންނަ ނަރަކައިން އަންނަ ބުޅިތަކަކުން ދަމައިގަނެގެން އޭގެ ބައެއް މީހުން ނަރަކައިގެ ތެރެއަށް ވައްޓައިލާނެއެވެ.

އަބޫ ސަޢީދް އަލް ޚުޟްރީގެ އަރިހުން އަލްއިމާމު ބުޚާރީ އާއި އަލްއިމާމު މުސްލިމް ރިވާކުރެއްވި ދިގު ޙަދީޘްފުޅެއްގައި އޮތް ވާހަކައިން ބައެއް ޒިކުރުކޮށްލާނަމެވެ. "... ދެން ސިރާތުމަގު ގެނެސް ނަރަކައިގެ މަތީގައި ބޭއްވޭނެއެވެ." ތިމަންމެން ސުވާލު ދެންނެވީމެއެވެ. "އޭ ﷲގެ ރަސޫލާއެވެ. "ސިރާތަކީ ކޮން އެއްޗެއްތޯއެވެ؟" އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ސިރާތަކީ ކައްސާ ޒާތުގެ މަގެކެވެ. އެ މަގުގައި ބުޅިތަކެއް ވެއެވެ. އެ ބުޅިތައް ހުންނާނީ އެއްކޮޅު ފުޅާކޮށް އަނެއްކޮޅު ހިމަކޮށެވެ. އަދި އޭގެ ކޮޅުތައް ހުންނާނީ ލެނބިފައެވެ. ނަޖުދު ކަރައިގައި މި ޒާތުގެ ކަށިތަކެއް ފަޅާފައި ހުންނަ ގަހެއް ހުރެއެވެ. އޭގެ ނަމަކީ ސަޢްދާނެވެ. މުއުމިނުންގެ ބައެއް މީހުން ލޮލުގެ އެސްފިޔަ ޖަހާހައި އަވަހަށް އެ މަގު ހުރަސްކޮށް ދާނެއެވެ. އަނެއް ބަޔަކު އަލި ވިދުވަރެއް ފަދައިންނެވެ، އަނެއް ބަޔަކު ބާރު ވައިރޯޅިއެއް ފަދައިންނެވެ. އަނެއް ބަޔަކު ބާރަށް ދުވާ އަހެއް ފަދައިންނެވެ. އަނެއް ބަޔަކު އަންހެން ޖަމަލެއް ފަދައިންނެވެ. ފަހެ ބައެއް މީހުން އެއްވެސް ގެއްލުމެއް ހާނީއްކައެއް ނުލިބި އެ މަގު ހުރަސްކޮށް ހިނގައިދާނެއެވެ. އަދި އެއް ބަޔަކަށް އެ މަގު ހުރަސްކުރެވޭއިރު ތިބޭނީ ކަށިތަކުން ވަކިއެޅި އަނިޔާ ލިބިފައެވެ. އަދި ބައެއް މީހުން ނަރަކައިގެ އަލިފާނުގެތެރެއަށް ވެއްޓޭނެއެވެ. އެންމެ ފަހުން ސިރާތުމަގު ހުރަސްކުރާ މީހާ ދާހުށީ އެ މަގުގައި ބަނޑުލައި ލޫދެމުންނެވެ."

ސަޢްދާން ގަހުގެ ފޮޓޮއެއް

އިމާމު މުސްލިމް އެކަލޭގެފާނުގެންނެވި ރިވާޔަތުގައި އިތުރަށް ލިޔުއްވައިފައި ވެއެވެ. އަބޫ ސަޢީދު ވިދާޅުވިއެވެ. "ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. ސިރާތުމަގަކީ އިސްތައްޓަކަށްވުރެ ހިމަ، ކަނޑިއަކަށްވުރެ ތޫނު މަގެކެވެ."

އިމާމު ނަވަނީ (ރަހިމަހު ﷲ) އެކަލޭގެފާނުލިޔުއްވި ޝަރަޙުއް ނަވަވީ ޢަލަލް މުސްލިމި ފޮތުގައި ވިދާޅުވެފައި ވެއެވެ. "މި ޙަދީޘުގައި ބަޔާންވެފައި އެވާ 'ބައެއް މީހުން އެއްވެސް ގެއްލުމެއް ހާނީއްކައެއް ނުލިބި އެ މަގު ހުރަސްކޮށް ހިނގައިދާނެއެވެ.' އޮތް ބަސްފުޅުގެ މާނައިގައި "ތިން ގިންތިއަކަށް މީސްތަކުން ބެހިގެން ވެއެވެ. އެއް ބަޔަކު ހަމަ އެއްވެސް ހާނީއްކައެއް ނުލިބި ސަލާމަތްވެދާނެއެވެ. އަނެއް ބަޔަކު ވަކިއެޅިފައިވާ ޙާލު އަނިޔާތަކާ އެކު ސަލާމަތް ވެއެވެ. އަނެއް ބަޔަކު ބުޅިތަކުގެ ޝިކާރަޔަކަށްވެ އެ ބުޅިތަކުން ދަމައިގަނެގެން ނަރަކައިގެ ތެރެއަށް އެއްލައިލެވޭނެއެވެ." ["شرح النووي على مسلم" (3/ 29)]

ޝައިޙް އިބްނު އުޘައިމީން (ރަހިމަހު ﷲ) ރިޔާޟުއް ޞާލިޙީންގެ ޝަރަޙައިގައި ލިޔުއްވައިފައި ވެއެވެ. "ސިރާތުމަގު ހުރަސްކުރާނީ ހަމައެކަނި މުސްލިމުންނެވެ. އެއްވެސް ކާފިރަކު އެ މަގު ހުރަސްނުކުރާ ހުއްޓެވެ. އެހެނީ މަޙުޝަރުގެ މައިދާނުން އެ މީހުން ފޮނުވޭހުށީ ނަރަކައަށެވެ." ["شرح رياض الصالحين" (1/ 470)]

މިއީ ސިރާތުމަގުގައި މީސްތަކުން ވާނޭ ހާލަތްތަކެވެ. އެ މަގުގައި ގިނައިރުނުވެ އަވަހަށް ދެވޭނޭ މީހުން ކަމުގައި ނުވެއްޖެ ނަމަ އަޅުގަނޑުމެންނަށް ވެސް އޮތީ އެ ތަނުގެ ދަށުގައި އޮތް ނަރަކައަށް ވެއްޓިދާނެ ކަމުގެ ބިރެވެ. އެ މަގުން އަވަހަށް ދެވޭނީ ހެޔޮ ޢަމަލު ގިނަކޮށް ތަޤުވާވެރިކަން އިތުރުކޮށްގެންނެވެ. އެ ކަން ކުރަން އޮތް ތަނަކީ މި ދުނިޔެއެވެ. މި ދުނިޔޭގެ ވަގުތެވެ. މި ވަގުތުގެ ބޭނުން އެދެވޭ ގޮތުގައި ހިފުމަކީ އާޚިރަތަށް ގެންދާނޭ ދަރުކޮށްތު ހަމަކުރުމެވެ. މި މަދު ވަގުތުކޮޅު ގަދައަޅައިގެން ދުނިޔޭގައި ބަހައްޓާފައި ދާނެ ތަކެތި އެއްކުރާން ނޫޅޭށެވެ! އާޚިރަތަށް ޓަކައި އެއްޗެއް ހޯދޭތޯ ބަލާށެވެ!

comment ކޮމެންޓް