ބޮލީވުޑް އެކްޓަރު ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު "ބެޓްލް އޮފް ގަލްވާން" އަންނަ އަހަރުގެ އީދާ ދިމާކޮށް ރިލީޒްކުރުމުގެ ބަދަލުގައި ފެށޭ އަހަރުގެ ޖަނަވަރީ މަސް ނުވަތަ ޖޫން މަހު ރިލީޒްކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މި ފިލްމުގެ ފުރަތަމަ ޕޯސްޓަރުގައި ސަލްމާން ފެންނަ ގޮތުގެ ފަސްޓް ލުކް ދައްކާލުމާ އެކު އެކްޓަރުގެ ސަޕޯޓަރުންގެ ތަރުހީބު ވަނީ ފިލްމަށް ލިބިފައެވެ.
މީގެކުރިން ސަލްމާން ޚާން ފެނިފައިނުވާ ފަދަ ކެރެކްޓާއަކުން ބެލުންތެރިންނަށް އެކްޓަރު ފެންނާނެ "ބެޓްލް އޮފް ގަލްވާން" އަންނަ އަހަރުގެ އީދުގެ މުނާސަބާއާ ގުޅުވައިގެން ރިލީޒް ނުކުރުމަށް ނިންމީ، އެ ދުވަސްވަރު އިތުރު އެހެން ފިލްމުތަކެއް ސިނަމާތަކަށް ގެންނަން ނިންމާފައިވާތީއެވެ.

ސަލްމާން ޚާން ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާއާ އެކު--ފޮޓޯ/އެންޑީޓީވީ
އޭގެތެރޭގައި މަޝްހޫރު ތެލުގޫ އެކްޓަރު ޔަޝްގެ ފިލްމު "ޓޮކްސިކް"، "ދަމާލް 4" އަދި ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ލަވް އެންޑް ވޯ" ހިމެނެއެވެ. އާލިއާ ބަޓް، ރަންބީރު ކަޕޫރު އަދި ވިކީ ކޯޝަލްގެ ފިލްމު "ލަވް އެންޑް ވޯ" މި މުއްދަތުގެތެރޭ ރިލީޒް ނުކޮށްފި ނަމަވެސް އިތުރު ތިން ފިލްމެއް އަންނަ އަހަރުގެ އީދު ދުވަސްވަރާ ދިމާކޮށް ރިލީޒްކުރަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ސަލްމާންގެ ފިލްމުތައް އާއްމުކޮށް ރިލީޒްކުރަނީ ފިތުރު އީދާ ދިމާކޮށް ނަމަވެސް ފިލްމު ގެނެސްދޭ އަޕޫރުވާ އާއި ޖިއޯ ސްޓޫޑިއޯއިން "ބެޓްލް އޮފް ގަލްވާން" ރިލީޒްކުރުމަށް ބޮޑަށް ބުރަވަނީ އަންނަ އަހަރުގެ ޖޫން މަހެވެ. ނަމަވެސް އެކަމާ މެދު ވަކި ގޮތެއް ނިންމާނީ ފިލްމުގެ މަސައްކަތް އެއްކޮށް ނިމުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ސަލްމާންގެ ފިލްމުތަކަކީ އަބަދުވެސް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހާސިލުކުރާ ފިލްމުތަކަށް ވުމުން އެކްޓަރުގެ ފިލްމު ރިލީޒްކުރުމަށް ވަކި ޚާއްސަ ފެސްޓިވަލެއް ނޯންނާނެ ކަމަށާއި ސަލްމާންގެ ފިލްމު ބެލުންތެރިންނަށް ކަމުގޮސްފިނަމަ ބޮޑު ބަންދަކާއި ދިމާކޮށް ނޫނަސް ބެލުންތެރިންގެ ތަރުހީބު އެކްޓަރުގެ ފިލްމަށް ލިބޭނެ ކަމަށް ޖިއޯ ސްޓޫޑިއޯގެ ފަރާތުން ވާހަކަ ދެއްކި މީހަކު މީޑިއާގައި ވަނީ ބުނެފައެވެ.
ސަލްމާންގެ ވަރަށް ވަރުގަދަ އެކްޝަން ސީންތަކެއް ފެންނާނެ "ބެޓްލް އޮފް ގަލްވާން" އަކީ އެކްޓަރު އަސްކަރީ އޮފިސަރެއްގެ ރޯލް ކުޅޭ ފިލްމެކެވެ.
މިއީ އިންޑިއާ އާއި ޗައިނާއާ ދެމެދު ގަލްވަން ވެލީގައި 2020ގައި ހިނގި ކުރިމަތިލުންތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. ސަލްމާން ޚާން އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މި އަހަރުގެ ފިތުރު ޢީދާ ދިމާކޮށް ރިލީޒްކުރި ފިލްމު "ސިކަންދަރު"އިންނެވެ.