ދޮޅު ފޫޓު ވެސް ހަމަނުވާ ގޯޅިގަނޑެއްގައި މީހުން ދިރިއުޅޭ ގެއެއް!

"އަކިރިފުށި ދެކުނުބައި" ގޯޅީގެ ތެރެއިން ބޭރަށް ފެންނަ ގޮތް: ދޮޅު ފޫޓު ވެސް ހަމަނުވާ މި ގޯޅީގައި ކުޑަ އާއިލާއެއް އުޅެމުންދާއިރު، މުޅި ބިމުގައި އުޅޭ އަށް މީހުންގެ އާއިލާގެ ދިރިއުޅުމުގެ ހާލަތު ވެސް ވަކި ރަނގަޅެއް ނޫން --- ސަން ފޮޓޯ: އަޙްމަދު އިޔާދު

ވެރިރަށް މާލޭގައި، ދޮޅުފޫޓު ވެސް ހަމަނުވާ ހަނި ގޯޅިގަނޑަކުން އެތެރެއަށް ހިނގައިފައި ވަދެގެން މީހުން ދިރިއުޅޭ ގެއެއް ހުރިކަން އެނގިއްޖެއެެވެ.

މިއީ އަމީނީ މަގުގައި، ހުންނަ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ ކުރިމަތީގައި ހުންނަ ގޯޅިގަނޑުގައި ހުންނަ "އަކިރިފުށި ދެކުނުބައި" އެވެ. މި ގެއަށް ވަދެ ނުކުމެވެން އޮތް ހަމައެކަނި ގޮތަކީ އެ ގޯޅިގަނޑެވެ.

ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކުން ފެންނަނީ އެންމެ ދޮޅު ފޫޓު ވެސް ހަމަނުވާ، ހަނި ގޯޅިގަނޑުގެ ތެރެއަށް ހުދު ކުލައިގެ ގަމީހެއް ލައިގެން ހުންނަ ފިރިހެނަކު ވަންނަ މަންޒަރެވެ. އޭނާއަށް އެ ގޯޅިގަނޑު ތެރެއަށް ވަދެވުނީ ފާރަށް ވާގޮތަށް އަރިއަކަށް ހުރެއެވެ. ގާތްގަނޑަކަށް 10 މީޓަރު ހަމަވާ އެ ގޯޅިގަނޑަށް އޭނާއަށް ވަދެވެނީ ކިރިޔާއެވެ.

މިއަދު މެންދުރުފަހު ގާތްގަނޑަކަށް 3:30 ހާއިރު އެ ތަން ބަލައިލަން "ސަން"އިން އެ ސަރަހައްދަށް ދިއުމުން ފެންހެދި ޗަކަވެފައިވާ ގޯޅިގަނޑެކެވެ. ބެލެވޭ ގޮތުގައި އެއީ ވަންނަ ދިމާލުން ކަނާތު ފަޅީގައި ހުރި ގޭގެ އޭސީ ޔުނިޓުން ފައިބާ ފެނެވެ، ނުވަތަ ވާރޭ ވެހުމުން ކަމަށް ވެސް ވެދާނެއެވެ.

އެ ގެއިން ބަލި މީހަކު އެމަޖެންސީކޮށް ނެރޭއިރު، ސްޓްރެޗާ އެނދެއްގައި ނެރޭނެ ގޮތެއް ވެސް ނޯންނާނެއެވެ. ހަށިގަނޑުން ބިޔަ މީހަކު އެ ގޯޅިގަނޑުގައި ހުންނަ ކޮޓަރިއަށް ވަދެ ނުކުމެ ހަދާނެ ގޮތެއް ވެސް ނޯންނާނެއެވެ.

ގާތްގަނޑަކަށް 700 އަކަފޫޓުގެ ގޯއްޗެއްގައި ހުންނަ "އަކިރިފުށި" އާއި "އަކިރިފުށި ދެކުނުބައި"ގައި ޖުމްލަ އަށް މީހުން ދިރިއުޅޭ ކަމަށް އެނގިފައިވެއެވެ. ގޯޅިތެރޭ ވެސް އާއިލާއެއް ދިރިއުޅެމުންދާ ކަމަށް ވެއެވެ. އެކަމަކު ގޯޅިތެރޭ ހުންނަ ކުޑަކުޑަ ކޮޓަރީގައި ދިރިއުޅެނީ ސީދާ ކިތައް މީހުންގެ އާއިލާއެއްކަން ޔަގީނެއް ނޫނެވެ.

"އަކިރިފުށި"ގޭގެ އެތެރެއަށް ވަދެގެން ދާއިރު ބަދިގެ އާއި ޖެހިގެން ހުރި ކޮޓަރި --- ސަން ފޮޓޯ: އަޙްމަދު އިޔާދު

އަކިރިފުށި ގޭގައި އޭނާ މަސައްކަތްކުރާ ވަޑާންކުރާގެ އާއި އެ ގޭގެ އެތެރޭގައި ހުންނަ ބަދިގެ ދައްކާލައި މައްޗަށް އިޝާރާތްކުރުމަށް ފަހު "ސަން" އާ ވާހަކަދައްކަމުން އެ ގޭގެ މީހަކާ އިނދެގެން އުޅޭ މުޙައްމަދު މަނިކު ބުނީ އެއީ 700 އަކަފޫޓުގެ ބިމެއް ކަމަށެވެ.

މަނިކު ބުނި ގޮތުގައި އެ ގޭގެ މަތީ ފަންގިފިލާ އާއި ތިރީގައި ހުރި ކޮޓަރީގައި ހަތަރު މީހުންގެ އުޅެއެވެ. އަކިރިފުށި ދެކުނުބައިގެ ހަނި ގޯޅިތެރޭ ދެ މީހުން އުޅެއެވެ.

މަނިކު، ވަޑާމުގެ ވިޔަފާރިކުރަނީ އެ ގެއަށް މައި ދޮރުން ވަންނައިރު ތައްޔާރުކޮށްފައި ހުންނަ ކުޑަ ވަޑާންގެއެއްގައެވެ. ޖާގައިގެ ގޮތުން ދަތި، އެ ތަނުގައި، މީހުންނަަށް ނޫޅެވޭތީ އެ ތަން އޭނާގެ މަސައްކަތަށް ނެގީ އެ ތަނުގައި ދިރިއުޅެމުންދިޔަ ދެ ކުއްޖަކަށް މަހަކު 4،000 ރުފިޔާ ދައްކާ ގޮތަށެވެ. ތިރީގައި ހުރި ކޮޓަރި ވެސް ނެގީ 1،500 ރުފިޔާ ދައްކާ ގޮތަށެވެ.

އެއަށްފަހު ކުރީގެ ރައީސް އަބްދުالله ޔާމީންގެ ދައުރުގައި ފްލެޓަށް ލި އިރު އެންމެ މަތިން ޕޮއިންޓު ލިބުނު ނަމަވެސް، އޭނާ އާއި އޭނާގެ އަންހެނުންނަށް ފްލެޓަށް "ޝަރުތު ހަމަނުވި"ކަމަށް ވެސް އޭނާ ބުންޏެވެ.

"ޑރ. މުއިއްޒު ރިޔާސީ އިންތިހާބުގައި މި ގޭ މިތަނަށް ވައްދާފައި އޭނާ ބައިންދާފައި އޭނައަށް ދެއްކިން، 2018 ގައި ޔާމީން އަތުން ފްލެޓް ދިނުމުގެ ލިސްޓުގައި އަޅުގަނޑުމެންގެ ދެމަފިރިންގެ ނަން އަރައިފައި ކޮންމެ މީހަކަށް 94 ޕޮއިންޓު ލިބުނު ސްލިޕު، މުއިއްޒު މިތާ ބައިންދާ މުއިއްޒަށް ދެއްކިން،"

"މި ގޯޅިތެރެއިން ފްލެޓު ދިނީ 60 ޕޮއިންޓު ލިބުނު މީހާއަށާއި 50 ޕޮއިންޓް ލިބުނު މީހާއަށް، އެ ދެ މީހުންގެ ވެސް ސްލިޕު ދެއްކިން، އެކަމަކު އަޅުގަނޑުމެން ދެމަފިރިންގެ ޝަރުތު ހަމަނުވީ،" މާލޭގައި އުޅޭތާ 45 އަހަރު ވެފައިވާ މަނިކު ކިޔައިދިނެވެ.

މިއަދު ވެސް އޭނާ އާއި އަންހެނުންގެ އެ ތަނުގައި އެ އުޅެނީ އޭރު ވެސް ދިރިއުޅުނު ހާލަތުގައެވެ.

މަނިކު ކިޔައިދިން ގޮތުގައި، މިހާ ބޮޑު ދައްޗެއްގައި ދިރިއުޅެން ޖެހޭ ސަބަބަކީ އަކިރިފުށި ދެކުނުބައިގެ ގޯޅިގަނޑާ ޖެހިގެން އިމާރާތްކޮށްފައި ހުރި ގޭގެ "މީހުން ނުބަލާ އެ ގެ ހެދުމުންނެވެ. އެ ދަތިކަމުގައި އުޅެން ޖެހޭތީ ލައްކަ ޝަކުވާ ކޮށްފައި ހުންނާނެ ކަމަށާއި، ނަމަވެސް އެއްވެސް އިދާރާއަކުން އޭނާ އުޅޭ ތަނުގެ ހާލަތު ނުބަލާކަމަށް މަނިކު ކިޔައިދިނެވެ.

comment ކޮމެންޓް