ރައްޔިތުންގެ މަޖިލީހުގައި މި ދައުރުގައި ގެދޮރުވެރިކަމުގެ މައްސަލަތައް ބެލުމަށް އުފެއްދި 'ގެދޮރުވެރިކަމުގެ ކޮމިޓީ'ގެ ބައްދަލުވުންތައް ނުބާއްވާ، އެކަމަށް ދޭ އަހައްމިއްޔަތުކަން ކުޑަވުމުގެ ސަބަބުން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށް، އެ ކޮމިޓީގެ ބައްދަލުވުމެއް ކޮންމެ މަހަކު ވެސް ބާއްވާ ގޮތަށް މިއަދު ނިންމައިފިއެވެ.
ބޯހިޔާވަހިކަން ނުވަތަ ގެދޮރުވެރިކަމާ ގުޅުން ހުރި މައްސަލަތަކަކީ މި ރާއްޖޭގައި އެންމެ ބޮޑުވެފައިވާ މައްސަލައެވެ.
އެ ކަންކަމަށް ރިއާޔަތްކޮށް، އެ މައްސަލަތައް ވީހާވެސް ގާތުން ބެލުމަށްޓަކައި މިދިޔަ އަހަރުގެ ޖުލައި 31ގައި، ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުން ގެދޮރުވެރިކަމުގެ ކޮމިޓީ އުފެއްދިއެވެ. ނަމަވެސް ގެދޮރުވެރިކަމާ ގުޅޭ އެތައް މައްސަލައެއް ހުރިއިރު މި އަހަރުގެ މިހާތަނަށް ބޭއްވީ އެ ކޮމިޓީގެ އެންމެ ދެ ބައްދަލުވުމެވެ.
އެއީ މިއަދު ބޭއްވި ބައްދަލުވުމާއި މެއި މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ބައްދަލުވުމެވެ. މިދިޔަ އަހަރު ވެސް ބާއްވާފައި ވަނީ އެ ކޮމިޓީގެ އެންމެ ދެ ބައްދަލުވުމެވެ.
ގެދޮރުވެރިކަމުގެ ކޮމިޓީގެ 3 ވަނަ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ މަޖިލިސް
އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ކުޑޫ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ ގޯތި ގެދޮރުގެ މައްސަލައަކީ ރައްޔިތުންގެ އާންމު ދިރިއުޅުމާ ގުޅުން ހުރި އެންމެ ހައްސާސް މައްސަލަ ކަމަށެވެ.
އޭނާ ވިދާޅުވީ ދަތި އުނދަގޫ ހާލުގައި ދިރިއުޅެމުންދާ އެތައް ބައެއް މާލޭ ސަރަހައްދުގައި ދިރިއުޅެމުންދާ ނަމަވެސް އެކަން މުހިންމު ކަމަކަށް ވެގެން އުޅޭ ތަނެއް ނުފެންނަ ކަމަށެވެ.
ކުޑޫ އެފަދައިން ވިދާޅުވިއިރު، މިއަދު ބޭއްވި ގެދޮރުވެރިކަމުގެ ކޮމިޓީ ބައްދަލުވުމުގައި ވެސް އޭނާއާއި ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ނާޒިލް ވަނީ އެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
މިއަދުގެ ކޮމިޓީ ކުރިއަށް ދިޔައިރު ވެސް ކޮމިޓީއަށް ގެދޮރުވެރިކަމާ ގުޅޭ މައްސަލަތަކުގެ ސިޓީތައް ހުށަހެޅިފައިވާކަން އެނގެއެވެ.
ގެދޮރުވެރިކަމުގެ ކޮމިޓީގެ 3 ވަނަ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އިބްރާހީމް ފަލާހު -- ފޮޓޯ/ މަޖިލިސް
ކޮމިޓީ ނިންމާލިއިރު އެ ކޮމިޓީގެ މުގައްރިރު، ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ކޮންމެ މަހަކު މަދުވެގެން އެ ކޮމިޓީގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.
ކޮމިޓީގަ ވަރަށް ގިނަ އިއްޒަތްތެރި މެންބަރުން ފާހަގަކުރައްވައިފި މި ކޮމިޓީގެ ބައްދަލުވުމެއް މަދުވެގެން މަހަކު އެއްފަހަރު ބާއްވަން. އެހެންވީމަ އަޅުގަނޑު މި ގަސްތުކުރަނީ މިއަންނަ ހަފުތާ ވެސް މި ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން، ގެދޮރުވެރިޔާ ކޮމިޓީގެ މުގައްރިރު އިބްރާހީމް ފަލާހު
ޖުމްލަ 11 މެންބަރުން އެކުލެވިގެންވާ އެ ކޮމިޓީގައި އެމްޑީޕީގެ ދެ މެންބަރުން ފިޔަވައި ދެން ތިއްބަވަނީ ޕީއެންސީއަށް ނިސްބަތްވާ ނުވަ މެންބަރުންނެވެ.
ގެދޮރުވެރިކަމުގެ ކޮމިޓީގެ ބައްދަލުވުންތައް ނުބާއްވާކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާ މި ދަނޑިވަޅުގައި ހުޅުމާލޭގައި ތަރައްގީކުރާ 4،000 ފުލެޓުތައް ދިނުން ލަސްވާކަމުގެ ކަންބޮޑުވުން ވެސް އާންމުންގެ އެބައޮތެވެ. ވަކިން ޚާއްސަކޮށް ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންނާއެކު ކުރިން ހެދި އެއްބަސްވުމަށް ސަރުކާރުން ބަދަލު ގެނެސްފައިވާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.
ކުރިން ހެދި އެއްބަސްވުންތައް އުވާލައި، އައު އެއްބަސްވުމެއްގައި ސޮއިކުރުމަށް ސަރުކާރުން މަޖުބޫރުކޮށްފައިވާ ކަމަށް ބުނެ މިއަދު މެންބަރު ކުޑޫ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ވެސް ޕީއެންސީގެ މެޖޯރިޓީއާއެކު ވަނީ ބޭރުކޮށްލައިފައެވެ.