އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި ކުރީގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރު އަނބުރާ ނުގެންގޮސްފިނަމަ، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ)ގެ އިސް ޕްރޮސެކިއުޓާ ކަރީމް ޚާނާއި އައިސީސީ ވެސް ނައްތާލާނެ ކަމަށް ބުނެ އިންޒާރު ދީފިއެވެ.
މި އިންޒާރު ކަރީމަށް ދިނީ ނަތަންޔާހޫގެ މުޝީރަކާ ގުޅުން ހުރި އިނގިރޭސި، އިސްރާއީލުގެ ދިފާއީ ވަކީލެއް ކަމަށްވާ ނިކޮލަސް ކައުފްމަންއެވެ.
"މިޑްލްއީސްޓް އައި"އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިދިޔަ މެއި މަހު ދިން އެ އިންޒާރުގައި އޭނާ ބުނީ، އިސްރާއީލުގެ ލީޑަރުގެ ގާނޫނީ ލަފާދޭ މުޝީރު ވަނީ ކަރީމްގެ މަގާމު ދޫކޮށްލާފަދަ ރަނގަޅު ޕްރޮޕޯސަލެއް ތައްޔާރުކުރުމަށް އޭނާއާ ހަވާލުކޮށްފައެވެ.
އައިސީސީގައި ފައިލްގައި އޮތް ނޯޓެއްގައިވާ ގޮތުން ކައުފްމަން ވަނީ ނަތަންޔާހޫ ހައްޔަރުކުރުމަށް ނެރުނު އަމުރުތައް އަލުން ގިންތިކޮށް، އޭގެ އަޑީގައިވާ މައުލޫމާތުތައް "ސިއްރު" ކުރުމަށް ކޯޓަށް ހުށަހެޅުމަށް އެދިފައެވެ. އޭގެ ސަބަބުން ނަތަންޔާހޫއަށް ކޮށްފައިވާ ތުހުމަތުތަކުގެ ތަފުސީލު ލިބި، އަމިއްލައަށް ދިފާއުވުމަށް ފަސޭހަވާނެ ކަމަށް ވެސް އެ ނޯޓުގައިވާ ކަމަށް "މިޑްލްއީސްޓް އައި"އިން ރިޕޯޓުކޮށްފައިވެއެވެ.
އަދި، ހިފާފައިވާ ހުޅަނގު އައްސޭރީގައި ގަވާއިދާ ހިލާފަށް އިސްރާއީލުގެ އާބާދީތައް ވަޒަންވެރިވުން ޕްރޮމޯޓް ކުރުމާ ގުޅިގެން އިސްރާއީލުގެ ކަނާތު ފިޔައިގެ ވަޒީރުން ކަމަށްވާ އިޓަމާ ބެން ގްވިރްއާއި ބެޒާލެލް ސްމޮޓްރިޗް ހައްޔަރުކުރުމުގެ އަމުރު ހޯދުމަށް ކަރީމް އެދިވަޑައިގަންނަވާކަން އެނގިއްޖެ ނަމަ އެ މީހުން ކަރީމް ނައްތާލާނެ ކަމަށް ވެސް ކައުފްމަން ބުނެފައިވެއެވެ.
"އެ މީހުން ކަރީމް ނައްތާލާނެ، އަދި ކޯޓު ވެސް ނައްތާލާނެ،" ކައުފްމަން ބުނެފައިވާ ކަމަށް އައިސީސީގެ ނޯޓާ ހަވާލާދީ "މިޑްލްއީސްޓް އައި"އިން ރިޕޯޓުކޮށްފައިވެއެވެ.
އެ ކަމާ ގުޅިގެން ކައުފްމަން ބުނީ، ކަރީމް ހެދި ގޯސްތަކުން ސަލާމަތްވާނެ ގޮތެއް ހޯދަން ޖެހޭ ކަމަށް ބުނި ކަމަށާއި ނަމަވެސް އިސްރާއީލުގެ ސަރުކާރުގެ ފަރާތުން އެއްވެސް ހުށަހެޅުމެއް ހުށަހެޅުމުގެ ހުއްދަ އޭނާއަށް ނުލިބޭ ކަމަށެވެ.
އެ ވާހަކަތާކާ ގުޅިގެން ނަތަންޔާހޫގެ އޮފީހުން މިހާތަނަށް އެއްޗެއް ބުނެފައެއްނުވެއެވެ.
ކައުފްމަންއަކީ އައިސީސީގެ ދިފާއީ ވަކީލެކެވެ. އޭނާގެ މިހާރުގެ މަސައްކަތްތަކުގެ ތެރޭގައި މިހާރު އައިސީސީގެ ބެލުމުގެ ދަށުގައި ހުރި ފިލިޕީންސްގެ ކުރީގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ތަމުސީލުކުރުން ހިމެނެއެވެ. ޑުޓާޓޭ ހައްޔަރުކުރީ އައިސީސީގެ އަމުރެއްގެ ދަށުން އޭނާގެ ސަރުކާރުން މަސްތުވާތަކެއްޗާ ދެކޮޅަށް ހަނގުރާމަ ކުރި ދުވަސްވަރު އިންސާނިއްޔަތާ ހިލާފު ޖަރީމާތަކެއް ހިންގި ކަމަށް ތުހުމަތުކުރެވިގެންނެވެ.
އޮކްޓޯބަރު 7، 2023 ގައި އިސްރާއީލަށް ދިން ހަމަލާތަކާއި އޭގެ ފަހުން އިސްރާއީލުން ޣައްޒާގައި ހިނގި ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ހިލާފު ޖަރީމާތަކުގެ ތުހުމަތުގައި ނަތަންޔާހޫއާއި ގަލަންޓްގެ އިތުރުން ހަމާސްގެ ލީޑަރު މުޙައްމަދު ޞައިފް ހައްޔަރުކުރުމުގެ އަމުރު އައިސީސީން ނެރުނީ މިދިޔަ ނޮވެންބަރު މަހެވެ.