ހާސްވާނެ ކަމެއް ނެތް، އެމްއޭސީއެލްގައި ލޯން ދެއްކުމުގެ ގާބިލުކަން ފުރިހަމައަށް އެބަހުރި: ޝަރީފް

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދު -- ފޮޓޯ/ އެމްއޭސީއެލް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިެޓެޑް (އެމްއޭސީއެލް)ގައި ލޯނު ދެއްކުމުގެ ގާބިލްކަން ފުރިހަމައަށް އެބަހުރި ކަމަށާއި، އެ ކަމާ ދޭތެރޭ އެއްވެސް މީހަކު ހާސްވާކަށް ނުޖެހޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

އެމްއޭސީއެލްގެ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް 1.1 ބިލިއަން ރުފިޔާ ލިބުނުއިރު، ޖުމްލަ ދަރަނި ހުރީ 13.4 ބިލިއަނުގައެވެ.

ޓީވީއެމްގެ "ހެއްޔަންބޯ"ގައި ވާހަކަ ދައްކަވަމުން ޝަރީފް ވަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިން ދޭ ޚިދުމަތްތައް ތަރައްގީކޮށް، ވިޔަފާރީގެ ފައިދާ އިތުރު ކުރުމަށް ޓަކައި މި ދައުރުގައި ކޮށްފައިވާ ބައެއް ކަންތައްތައް ފާހަގަ ކުރައްވައިފައެވެ.

އޭގެ ތެރޭގައި ފިއުލް ހައިޑްރަންޓް ސިސްޓަމް ބޭނުންކުރަން ފެށުމުން ދުރުރާސްތާ ބޯޓުތަކަށް ތެޔޮ އަޅަން ހޭދަވާ ވަގުތުން 45 މިނެޓާއި އެއް ގަޑިއިރު ސަލާމަތް ކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ނޮވެންބަރު މަހު އިފުތިތާހުކުރި ފިއުލް ހައިޑްރަންޓް ސިސްޓަމަކީ ތެޔޮ ރައްކާކުރާ ތަނުން ފެށިގެން މަތިންދާ ބޯޓުތައް ޕާކުކުރާ ސަރަޙައްދާ ހަމައަށް ބިމުގެ އަޑީގައި ގާއިމުކޮށްފައިވާ 8.4 ކިލޯމީޓަރުގެ ވިއުގައެކެވެ.

އާ ޓާމިނަލް: ޓާމިނަލް ހުޅުވަން ހަމަޖެހިފައިވަނީ ޖުލައި 26ގައި -- ފޮޓޯ/ އެމްއޭސީއެލް

އެ ވިއުގައާއެކު، އިތުރު މަތިންދާބޯޓުތަކަށް ޚިދުމަތް ދިނުމުގެ ފުރުސަތު ލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ވެސް، ސީޓުއެއާ ކާގޯއާއި ނޯމަލް ކާގޯ އިތުރުކުރުން ވެސް ހިމެނެއެވެ. ޝަރީފް ވިދާޅުވާ ގޮތުގައި، މިނިވަން ދުވަހާ ދިމާކޮށް، ޖުލައި 26ގައި ހުޅުވާ އައު ޓާމިނަލުން ޚިދުމަތްދޭން ފެށުމާއެކު އެއާޕޯޓުގެ ޑިއުޓީ ފްރީއާއި އެފްއެންބީ ޚިދުމަތުން ލިބޭ އާމްދަނީ ވެސް އިތުރުވާނެއެވެ.

"އަޅުގަނޑު ދިވެހި ރައްޔިތުންނަށް ޔަގީންކަން ދޭން ބޭނުންވަނީ، އެމްއޭސީއެލްގައި މި ލޯނުތައް ދެއްކުމުގެ ގާބިލްކަން ފުރިހަމައަށް އެބަ އޮތޭ. އެހެންމާ އެއްވެސް ބޭފުޅަކު މިކަމާ ހާސްވެ ވަޑައިގަންނަވާނެ ކަމެއް ނެތް. އެމްއޭސީއެލްއިން މި ލޯނުތައް ދައްކައި ނިންމައިލާނެ،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވާ ގޮތުގައި އެމްއޭސީއެލްގެ މާސްޓަޕްލޭން ބިނާވެފައި އޮތީ 2007ވަނަ އަހަރު، އިނގިރޭސިވިލާތުގެ "ސްކޮޓް ވިލްސަން ގްރޫޕް" ކުންފުނިން ތައްޔާރުކޮށްފައިވާ ޕްލޭނަށެވެ. އޭގެ ފަހުން ސިންގަޕޫރުގެ "ޗަންގީ އެއާޕޯޓު"ންވަނީ، އެ ޕްލޭނަށް ފަހުގެ ބަދަލުތަކެއް ގެނެސްފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން، އިއުލާނު ކުރެއްވީ އެމްއޭސީއެލްގެ އައު ތަސައްވުރެކެވެ. އެ ކަންކަން މާސްޓަޕްލޭނެއްގެ ގޮތުގައި ތައްޔާރުކުރުމުގެ މަސައްކަތް އެމްއޭސީއެލުން އޮތީ ބަޔަކާ ހަވާލުކޮށްފައި ކަމަށާއި، ސެޕްޓެންބަރުގައި އެ ޕްލޭން ލިބި، ކަންކަން ތަންފީޒުކުރަން ފަށާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

https://www.sun.mv/206867

އެމްއޭސީއެލްގައި ދަރަނި ދެއްކުމުގެ ގާބިލްކަން ހުރިކަމުގެ ޔަގީންކަން ޝަރީފް ދެއްވިއިރު، މިދިޔަ އަހަރު އެ ކުންފުނީގެ ދަރަނި 13 ބިލިއަށް ރުފިޔާއަށްވުރެ އިތުރެވެ.

އޭގެ ތެރޭގައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ނަގާފައިވާ އެކި ދަރަނިތަކަށް ނުދައްކައި 1.6 ބިލިއަން ރުފިޔާ އެބަ އޮތެވެ. އޭގެ ތެރޭގައި ކޯޕަރޭޓް ބޭނުމަށް ކަމަށް ބުނެ، ޑިސެންބަރު 26، 2023ގައި ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ލޯނެއް ހިމެނެއެވެ. އެއީ ފަސް އަހަރުން ދައްކާ ގޮތަށް، ކޮންމެ އަހަރަކަށް 8.5 ޕަސެންޓުގެ އިންޓަރެސްޓުގައި ބީއެމްއެލްއިން ނެގި ލޯނެކެވެ. މި ލޯނުގެ 40 މިލިއަން ޑޮލަރު އޮތީ ނުދައްކައެވެ.

މީގެ އިތުރުން، މިދިޔަ އަހަރުގެ ޖޫން 24ގައި 30 މިލިއަން ޑޮލަރުގެ ލޯނެއް ވެސް ކޯޕަރޭޓް ބޭނުމަށް 8.5 ޕަސެންޓުގެ އިންޓަރެސްޓުގައި ފަސް އަހަރުން ދައްކާގޮތަށް ބީއެމްއެލްއިން ނަގާފައިވެއެވެ. އޭގެ ތެރެއިން ވެސް 26.5 މިލިއަން ޑޮލަރު އޮތީ ނުދައްކައެވެ.

އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވަން ތައްޔާރުވަމުންދާއިރު، އެ ތަން ފަރުމާކޮށްފައިވަނީ 7.5 މިލިއަން ފަތުރުވެރިންނަށް ޚިދުމަތްދެވޭހާ ޖާގަ ތަނަވަސްކޮށެވެ.

comment ކޮމެންޓް