މާލޭގެ މަގުތަކުން ފެން ހިންދުމަށް އިތުރު ދެ ޕަމްޕު ސިޓީ ކައުންސިލުން ހޯދަނީ

މާލެއަށް ކުރި ވިއްސާރައިގައި މާލޭގެ މަގެއްގައި ފެން ބޮޑުވެފައި: ފެން ބޮޑުވާ މައްސަލަ ހައްލުކުރުމަށް އިތުރު ޕަމްޕުތަކެއް ކައުންސިލުން ހޯދުމަށް ވަނީ މިއަދު ހުޅުވާލާފައި --

ބޯކޮށް ވާރޭ ވެހޭ ދުވަސްދުވަހު މާލޭގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލަ ހައްލުކުރުމަށްޓަކައި "ގްލޯބަލް" ބްރޭންޑުގެ ޕަމްޕު ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ސިޓީ ކައުންސިލުން ބީލަމަށް ހުޅުވާލައިފިއެވެ.

ސިޓީ ކައުންސިލުން މިއަދު ބުނީ، ފެން ބޮޑުވާ މައްސަލަ ހައްލުކުރުމަށްޓަކައި "ގްލޯބަލް" ބްރޭންޑުގެ ދެ ޕަމްޕު އެ ކައުންސިލަށް ބޭނުންވާ ކަމަށެވެ.

އެގޮތުން މި ދެ ޕަމްޕު ކައުންސިލަށް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުގެ މައުލޫމާތު ސާފުކުރުން، ކައުންސިލް އިދާރާގެ ބޮޑުތަކުރުފާނު މަގުގައި ހުންނަ އޮފީހުގައި މާދަމާ ހެނދުނު 10 ޖަހާއިރު އޮންނާނެ ކަމަށާއި، އަގު ހުށަހެޅުން އޮންނާނީ ހަމަ އެ އޮފީހުގައި، މި މަހުގެ 31ވަނަ ދުވަހުގެ، ހެނދުނު ނުވައެއް ޖަހާއިރު ކަމަށް ކައުންސިލުން ބުންޏެވެ.

މާލޭގައި ފެންބޮޑުވެފައި: -- ސަން ފޮޓޯ

މި ދެ ޕަމްޕު ފޯރުކޮށްދިނުމަށް އަގު ހުށަހެޅޭނީ ދިވެހި ކުންފުނި ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަނިކަމަށް ކައުންސިލުން ބުންޏެވެ.

އެ ކައުންސިލަށް ހޯދަނީ ސީދާ "ގްލޯބަލް" ބްރޭންޑްގެ ކޮން މޮޑެލެއްގެ ޕަމްޕެއްކަން ކައުންސިލުން ނުބުނެއެވެ.

ބޯކޮށް ވާރޭ ވެހޭ ދުވަސްވަރު މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށްޓަކައި ދެ ޕަމްޕު ގެންނަން ސިޓީ ކައުންސިލުން ނިންމީ މިދިޔަ މާޗް މަހުގައެވެ. ފާހަގަކުރެވޭ ގޮތުގައި ކައުންސިލުން ވަނީ "ގްލޯބަލް" ބްރޭންޑްގެ "6ޖީއެސްޓީ ސީ މޫވްމަން" މޮޑެލްގެ ދެ ޕަމްޕު މާޗު މަހުގެ ކުރީކޮޅު ގެނެސްފައެވެ. ފެންގަނޑު ތެރޭ ހުންނަ، ތިން އިންޗި ފުޅާމިނުގެ ސޮލިޑު ހޮޅިތެރެއިން ފެން ބޭރުކުރެވޭ މި ޕަމްޕުން މިނެޓަކު 11،356.24 ލީޓަރުގެ ފެން ބޭރުކުރުމުގެ ގާބިލުކަން އެބަހުއްޓެވެ.

https://sun.mv/203221

އެ ދެ ޕަމްޕު މިހާރު ބަލަހައްޓަނީ ޑިފެންސް މިނިސްޓްރީންނެވެ.

މީގެ އިތުރުން ކައުންސިލުން އަންނަނީ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް މާލޭގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާތަނަށް ކުރެވުނު މަސައްކަތުން 15،000 އަށް ވުރެ ގިނަ ކާނު ސާފުކުރެވިފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

comment ކޮމެންޓް