"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ކުރީ ސަރުކާރުން ދޫކުރަން ނިންމި 4،000 ފްލެޓުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރަން އަންނަ ހޯމަ ދުވަހު ފަށާނެ ކަމަށް ފަހި ދިރުއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ބުނެފިއެވެ.
މިރޭ ނެރުނު ބަޔާނެއްގައި އެފްޑީސީން ބުނީ، ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް އެކަމަށް ކަނޑައެޅިފައިވާ ކޮންމެ ދުވަހެއްގެ ހެނދުނު 09:00އިން ފެށިގެން ހަވީރު 04:00އަށް، ހުޅުމާލެ ސިންތެޓިކް ޓްރެކުގައި ކުރިއަށް ދާނެ ކަމަށާއި، ސަރަހައްދުތައް ކަނޑައެޅުމަށް ފަހު އެ ކޯޕަރޭޝަންގެ ޗެނަލްތަކުގައި ފަހުން އާންމުކުރާނެ ކަމަށެވެ.
އެއްބަސްވުންތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ދާނީ މަސައްކަތްތައް ނިމި ހަވާލުކުރަން ތައްޔާރުވެފައިވާ ފްލެޓުތަކުގެ ތަރުތީބަށް އިސްކަންދޭ ގޮތަށް ކަމަށް ވެސް އެފްޑީސީން ބުންޏެވެ.
ފްލެޓު ލިބޭ ފަރާތްތައް އެއްބަސްވުމުގައި ސޮއިކުރަން އަންނަން ޖެހޭ ވަގުތު އެފްޑީސީގެ "ފަހި ޕޯޓަލް" މެދުވެރިކޮށް އެންގޭނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.
ފްލެޓު އެއްބަސްވުމުގައި ސޮއިކުރަން އަންނައިރު، ފްލެޓު ލިބޭ ފަރާތުގެ އައިޑީކާޑުގެ ދެ ފުށުގެ ސާފު ކޮޕީއަކާއި، ކޯ އެޕްލިކަންޓްގެ އައިޑީކާޑުގެ ދެ ފުށުގެ ސާފު ކޮޕީއަކާއި، އެއްބަސްވުމުގައި ސޮއިކުރާ ފަރާތުގެ ހެކިވެރިޔާގެ އައިޑީކާޑުގެ އަސްލާއި ކޮޕީއަކާއި، ޒިންމާ އަދާކުރާ ފަރާތުން ސޮއިކޮޮށްފައިވާ ފޯމުގެ އަސްލާއި އެހެނިހެން ގުޅުންހުރި ލިޔެކިއުންތައް ހިފައިގެން އައުމަށް އެފްޑީސީން އެދެއެވެ.
އަދި ފްލެޓުގެ ވެރިފަރާތަށް އެއްބަސްވުމުގައި ސޮއިކުރަން ނާދެވޭ ނަމަ، ބަދަލުގައި އަންނަ ފަރާތުގެ މައުލޫމާތު ހުށަހަޅަން ވާނެ ކަމުގައި ވެސް އެފްޑީސީން ބުންޏެވެ.
އެފްޑީސީން ބުނީ، އެ ކޯޕަރޭޝަނުން ފްލެޓުތައް ތަރައްގީކޮށްފައިވާއިރު، ފްލެޓުތައް ހަވާލުކުރަން ހަމަޖެހިފައިވަނީ ފިނިޝިން މަސައްކަތްތައް ނިންމުމަށް ފަހު ކަމަށާއި، އެގޮތުން ފަންކާ އާއި ކުޑަދޮރާއި ފްލެޓަށް ވަންނަ ދޮރާއި ފާހާނާތައްޓާއި މޫނު ދޮންނަ ތަށި ހަރުކޮށްފައި ހުންނާނެ ކަމަށާއި، ތަޅުންގަނޑުގައި މުށި ޖަހައި، ފްލެޓްތަކުގައި ކުލަ ވެސް ލާފައި ހުންނާނެ ކަމަށެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް، ފްލެޓު ލިސްޓު ނެރުނީ ނޮވެމްބަރު 4، 2023 ގައެވެ. އެ ލިސްޓާ މެދު ގިނަ ބަޔަކު ޝަކުވާ ކުރުމުން، ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އެ މަހުގެ 15ވަނަ ދުވަހު ނެރުނެވެ. އެހެންނަމަވެސް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނީ އެ ލިސްޓު އެކުލަވާލައިފައިވަނީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކަމަށެވެ.
އެއަށްފަހު މި ސަރުކާރުގެ ހައުސިން މިނިސްޓްރީން ލިސްޓު ބެލުމަށްފަހު މިދިޔަ ފެބްރުއަރީ މަހު އިއުލާނުކުރީ، 4،000 ފުލެޓުގެ ހައްގުވެރިންނަކީ 1،820 މީހުން ކަމަށާއި ކުރީގެ ލިސްޓުން 53 ޕަސެންޓު މީހުންނަށް ދިން ޕޮއިންޓް ސައްހަ ނޫން ކަމަށެވެ.
މި ސަރުކާރުން ފުލެޓު ދޭ ފައިނަލް ލިސްޓުގެ ގޮތުގައި ބަލާނީ ނޮވެމްބަރު 15، 2023ގައި ނެރެފައިވާ ލިސްޓު ކަމަށާއި، އޭގެ އިތުރު ލިސްޓެއް ނުނެރޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، ފްލެޓު ލިސްޓާ ގުޅޭ ގޮތުން ސަރުކާރަށް ގިނަ ބަޔެއްގެ ނުރުހުން އަމާޒުވެފައި ވަނިކޮށެވެ.