މިނިވަންކަން ހޯދިއިރު، ފަހު ރަދުންނަށް އޮތީ ރިބަން ކެނޑުއްވުން

ރަދުން މުހައްމަދު ފަރީދާއި ބޮޑުވަޒީރު އިބްރާހީމް ނާސިރާއި އިނގިރޭސި ވަފުދެއް -- ފޮޓޯ/ ނާޖިހު ދީދީ

ތާރީޚީ ފޮތްތަކުގައި އެ މަނިކުފާނު ސިފަކޮށްފައިވަނީ ރައްޔިތުންނާ ގާތް ގުޅުމެއް ބޭއްވެވި، ހެޔޮފުޅު ބޭފުޅެއްގެ ގޮތުގައެވެ. އިލްމީ އަދި ސިޔާސީ ހަގީގަތް ދެނެވަޑައިގައިގަންނަވާ ބޭފުޅެއްގެ ގޮތުގައެވެ. ނަމަވެސް ފާހަގަވާ ކަމަކީ، އިއްޒަތްތެރި މަގާމުތަކެއް ފުރުއްވިއިރު ވެސް ރަދުން މުޙައްމަދު ފަރީދުލް އައްވަލް އަބަދުވެސް ހުންނެވީ ކޮންމެވެސް ބޭފުޅެއްގެ ހިޔަނީގައި ކަމެވެ. އިނގިރޭސީންގެ ހިމާޔަތުގައި އޮތް ރާއްޖެއަށް ފުރިހަމަ މިނިވަންކަމެއް ހޯދުމަށް އޭރު ދައުލަތުން ކުރި މަސައްކަތްތަކުގައި ވެސް، އެ މަނިކުފާނުގެ ވާހަކައެއް އެއްވެސް ވަރަކަށް ނުދެކެވެނީ އެހެންވެއެވެ.

ޝާހީ ނަސަބަކުން ވަޑައިގެންނެވި ރަދުން މުހައްމަދު ފަރީދު ގައުމަށް ޚިދުމަތް ކުރައްވަން ފެއްޓެވީ އައްސުލްތާން މުހައްމަދު ޝަމްސުއްދީންގެ ދިގު ރަސްކަން ނިމެން ގާތްވެފައި ވަނިކޮށެވެ. އޭރު އުމުރުފުޅުން 30 އަހަރުފުޅުގައި، 1931 ވަނަ އަހަރު މުހައްމަދު ފަރީދު ހަވާލުވެވަޑައިގަތީ ސިފައިންގޭގެ ވެރިކަމާއެވެ.

ކަންދިމާކުރި ގޮތުން އެއީ ރާއްޖޭގައި އޮތް ރަސްކަމުގެ ބާރު ދަށްވަމުން ދިޔަ ދުވަސްވަރެވެ. އެއީ، ޝަމްސުއްދީން ރަދުންއަށް ވުރެ އެތައް އަހަރެއް ކުރިން، އެންމެ ދެ އަހަރަށް ރެދަލި ކުރެއްވި އައްސުލްތާން މުހައްމަދު މުއީނުއްދީން (ދެވަނަ)ގެ ރަސްކަމުގައި 1887 ވަނަ އަހަރު، އިނގިރޭސީން ސޮއިކުރުވި ހިމާޔަތުގެ އެއްބަސްވުން ދެމެހެއްޓުމަށް ޓަކައި އެ ގައުމުން އިތުރަށް ފިޔަވަޅުތައް ވެސް އަޅަމުންދިޔަ ދުވަސްވަރެކެވެ.

އިނގިރޭސީން ފޯރުކޮށްދޭނެ ކަމަށް ބުނި ހިޔާވައްސަށް ރާއްޖެއިން ވަންނަން ޖެހުނީ ވެރިކަމަށް ޓަކައި ދެ އާއިލާއެއްގެ މެދުގައި އޮތް ވާދަވެރިކަމެއްގެ ސަބަބުން އުފެދުނު ހަލަބޮލިކަމުގެ ސަބަބުންނެވެ. އެއް އާއިލާއެއްގެ ރަސްގެފާނު ހުންނަވާއިރު، އަނެއް އާއިލާގެ ބޭފުޅަކު ރަންނަބަނޑޭރިކިލެގެފާނަކަށް ހުންނަވައި ނުފޫޒުފޯރުއްވަން އުޅުއްވުމުގެ ތެރެއިންނެވެ.

ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީ 1932ގައި ތައާރަފުކުރުމަށް މަސައްކަތްތައް ކުރިއިރު ވެސް، އެފަދަ ވާދަވެރިކަމެއް އޮތެވެ. އެއިރު ގާނޫނުއަސާސީ އެކުލަވާލުމުގައި އެންމެ އިސްކަން ދިން އެއް ކަމަކީ، ވަލީއަހުދު އަމީރު ޙަސަން އިއްޒުއްދީނަށް ވެރިކަން ވާރުތަވުން ހުއްޓުވުން ކަމަށް ތާރީޚު ދިރާސާ ކުރައްވާ ބައެއް ބޭފުޅުން ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ރަދުން މުހައްމަދު ފަރީދު -- ފޮޓޯ/ މުހައްމަދު މުއިއްޒު އަދުނާން

މި ގާނޫނުއަސާސީ އެކުލަވާލުމުގައި އިނގިރޭސީންގެ ފަންނީ އެހީ ހޯދިއިރު، އެ މަސައްކަތުގައި މުހައްމަދު ފަރީދު ބައިވެރިވެވަޑައިގަތެވެ. އެއަށްފަހު ގާނޫނުއަސާސީ ތަސްދީގުކުރުމުން އެ މަނިކުފާނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި ވަޒީރުލް އަސްކަރިއްޔާގެ މަގާމު ލިބިވަޑައިގަތެވެ. ނަމަވެސް އެ މަޖިލީހުން ފާސްކުރި ގާނޫނުތައް ރައްޔިތުންނަށް ކަމަކުނުދިޔައެވެ. އަދި ޖެހިގެން އައި އަހަރު ނުކުމެ ގާނޫނުއަސާސީ ވީދާލީއެވެ. އޭރު ސިޔާސީ ގޮތުން އެންމެ ބާރުގަދައީ ރަންނަބަނޑޭރިކިލެގެފާނުގެ ކަމުގައި ހުންނެވި، މުހައްމަދު ފަރީދުގެ ބައްޕާފުޅު، އަތިރީގޭ އަބްދުލްމަޖީދާއި އެ މަނިކުފާނުގެ ދެވަނަ ދަރިކަލުން ހަސަން ފަރީދު ދީދީއެވެ. އެ ބޭފުޅުންގެ ނުފޫޒުން، ވަކި ހިސާބަކުން ރަދުން ޝަމްސުއްދީން މަގާމުން ދުރުކުރައްވައި، ތަޚުތަށް އިސްކުރެއްވީ މުއީނުއްދީން (ދެވަނަ)ގެ ދަރިކަލުންނެވެ. ޙަސަން ނޫރުއްދީން (ދެވަނަ)ގެ ނަންފުޅުގައެވެ.

އެ ބަދަލާއެކު މުހައްމަދު ފަރީދަށް ބޮޑުވަޒީރުކަން ލިބިވަޑައިގަތް ނަމަވެސް، ބާރުތައް ބެހިފައިވާ ގޮތް އަނެއްކާ ވެސް އޮތީ ބަދަލުވެފައެވެ. ދާޚިލީ ވަޒީރުގެ މަގާމާއެކު ވެރިކަމުގެ އެންމެ މުހިންމު ބާރުތައް އަތުލެއްވީ ކޮއްކޯފުޅު ޙަސަން ފަރީދު ދީދީއެވެ. ސަރުކާރު ހިންގެވުމުގެ ޒިންމާ ބޮޑުވަޒީރުގެ ހައިސިއްޔަތުން މުހައްމަދު ފަރީދަށް އޮތް ނަމަވެސް، 1942ގައި ގާނޫނުއަސާސީއަށް އަލުން ބަދަލުތަކެއް ގެނައެވެ. އެއާއެކު ބޮޑުވަޒީރުކަން ހަގީގަތުގައި ވެސް ރަމްޒީ މަގާމަކަށްވީއެވެ.

އޭގެ ޖެހިގެން އައި އަހަރު ރަދުން ޙަސަން ނޫރުއްދީން (ދެވަނަ)އާއެކު، މުހައްމަދު ފަރީދު މަގާމު ދޫކޮށްލެވިއެވެ. އެއީ އެ މަނިކުފާނުގެ އާއިލާގެ ބާރު އިތުރަށް ވަރުގަދަވަމުން ދަނިކޮށެވެ. އެގޮތުން ރަދުން އިސްތިއުފާ ދެއްވިތަނާ މާގިނަ ދުވަހެއްނުވެ، ބައްޕާފުޅު ރަންނަބަނޑޭރިކިލެގެފާނު އަބްދުލްމަޖީދު ތަޚުތައް އިންތިޚާބުކުރެވުނެވެ. ނަމަވެސް އެ މަނިކުފާނާއެކު ބާރުތައް ކަށަވަރު ކުރެއްވި ޙަސަން ފަރީދު ދީދީ 1944ގައި ކުރެއްވި ކަނޑު ދަތުރުފުޅެއްގައި އަވަހާރަވިއެވެ. ޙަސަން ފަރީދުގެ ވަކިވުމުން ހުސްވި ބާރުތައް ބޭބޭފުޅު މުހައްމަދު ފަރީދުގެ ބަދަލުގައި ލިބިވަޑައިގަތީ އާއިލީ ގުޅުން އޮތް މުހައްމަދު އަމީން ދީދީއަށެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި މައުރަޒެއް ރަދުން މުހައްމަދު ފަރީދު ފައްޓަވައިދެއްވުން -- ފޮޓޯ ދެއްވީ/ ނާޖިހު ދީދީ

އަބްދުލްމަޖީދު ރަސްކަމަށް އިންތިޚާބުކުރި ނަމަވެސް ރަސްކަމާ ހަވާލުވެވަޑައިނުގަތެވެ. އެ މަނިކުފާނަށް ފަހު ރަސްކަމަށް އައްޔަންކުރަން މަސައްކަތް ކުރި މުޙައްމަދު އަމީން ދީދީ ވެސް އެކަމަކަށް ރުހިވަޑައިނުގަތެވެ. އޭގެ ބަދަލުގައި، ވެރިކަމުގެ ނިޒާމު ޖުމްހޫރިއްޔާއަކަށް ބަދަލުކުރައްވައި އަމީން ދީދީ ވެވަޑައިގަތީ ރައީސަކަށެވެ. ނަމަވެސް ޖަނަވަރީ 1953ގައި ފެށުނު ވެރިކަން، އަހަރެއް ވެސް ނުވަނީސް އެ އަހަރުގެ އޮގަސްޓު މަހު ނިމުމަކަށް ގެނައީއެވެ.

އަމީން ދީދީގެ ބޮޑުވަޒީރު ކަމުގައި އެ މަނިކުފާނު އަވަހާރަކޮށްލަން ރޭވިކަމުގެ ތުހުމަތު މުހައްމަދު ފަރީދަށް ކުރުމުން، އެ މަނިކުފާނު ގޭބަންދުގައި ބެހެއްޓެވިއެވެ. އަތިރީގޭ އާއިލާގެ ނުފޫޒުގަދަ ބޭފުޅުންގެ ބާރު އެއްކޮށް ކަނޑުއްވައިލެއްވީއެވެ.

އަމީން ދީދީގެ ރިޔާސަތަށް ފަހު ރާއްޖޭގައި އަނެއްކާ ވެސް ރަސްކަން އިޔާދަވިއެވެ. މިފަހަރު، މާރިޗު 7، 1954ގައި ތަޚުތުގައި އިށީނދެވަޑައިގަތީ މުޙައްމަދު ފަރީދެވެ. އެއީ ސީދާ ރައްޔިތުންގެ އާންމު ވޯޓަކުން ހޮވި ނަމަވެސް، ބާރެއް ނެތި، ފަތްކޮޅުގައި ސޮއިކުރައްވަން ހުންނަވާ ރަސްކަލެއްގެ ގޮތުގައެވެ. ބައެއް ބާވަތްތަކުގެ ޖަލްސާތަކާއި ހަފުލާތައް ޝަރަފުވެރިކުރެއްވުން ފިޔަވައި މާ ބޮޑު ރަސްމީ ޒިންމާއެއް އަދާނުކުރައްވާ ގޮތުގައެވެ.

ގައުމުގެ ވެރިން މި ބަދަލުތައް ގެންނަމުން ދިޔަ ދުވަސްވަރަކީ ދިވެހި ރައްޔިތުން ވަރަށް ހާލުގައި އުޅެން ޖެހުނު ދުވަސްތަކެކެވެ. އިސްރާފު ބޮޑުކޮށް ހިންގަމުންދިޔަ ވެރިކަންތަކާއެކު ދެވަނަ ބޮޑު ހަނގުރާމައިގައި ދިވެހީން ނިކަމެތިވެ، ބޮޑު ތަދާ ކުރިމަތިލާން ޖެހުނެވެ. އެ ދުވަސްވަރު އިނގިރޭސީން އައްޑުއާއި ކެލައަށް އަރައި، ޖިއޯގްރަފީގެ ގޮތުން މި ސަރަހައްދުގެ ބޭނުންތެރިކަން ދެނެގަނެ، އަސްކަރީ މަރުކަޒެއް އަޅަން އޮތީ ބޭނުންވެފައެވެ. އިނގިރޭސީން ރާއްޖޭގައި، ޚާއްސަކޮށް އައްޑޫގައި ބާރުތައް ފުޅާކުރުމަށްޓަކައި އެފަހަރު އެއްބަސްކުރުވީ، ރަދުން މުހައްމަދު ފަރީދުގެ ބޮޑުވަޒީރު އިބްރާހީމް ފާމުލަދޭރި ކަލެގެފާނެވެ. އިބްރާހީމް ޝިހާބް ލިޔުއްވާފައިވާ ގޮތުގައި، 'ދިވެހި ދައުލަތް ފަދަ އާރާއި ބާރު ކުޑަ ދައުލަތެއްގެ ސަލާމަތްކަން ބޮޑީ އެ ދައުލަތަށް ހިމާޔަތް ދޭން އޮތް ބޮޑު ދައުލަތެއްގެ ރުހުމާއި ހިނިތުންވުން ހޯދައިގެން ކަމަށް' ގަބޫލުފުޅުކުރައްވައިގެންނެވެ.

އެ ފަހަރު އިނގިރޭސީން ގައުމަށް އެރުމުގެ މަސްއޫލިއްޔަތު ރަދުން މުހައްމަދު ފަރީދުގެ އިސްތަށިފުޅުގައި އެޅުވޭނެ ތަނެއް ނެތް ކަމަށް ޝިހާބް ވިދާޅުވެފައިވެއެވެ.

މިނިވަން ދުވަސް އެންމެ ފުރަތަމަ ފާހަގަކުރި އަހަރު، ޖުލައި 26، 1966ގައި ބޭއްވި ރަސްމިއްޔާތެއް ރަދުން މުހައްމަދު ފަރީދު ޝަރަފުވެރިކޮށްދެއްވުން -- ފޮޓޯ/ މުހައްމަދު މުއިއްޒު އަދުނާން

އިބްރާހީމް ފާމުލަދޭރި ކަލެގެފާނު ލަންކާއަށް ކުރެއްވި ދަތުރުފުޅެއްގައި، ދިވެހި ސަރުކަރާ މަޝްވަރާނުކުރައްވައި، އިނގިރޭސީންނަށް 100 އަހަރަށް އައްޑޫ ކުއްޔަށް ދިނުމުގެ މުއާހަދާއެއްގައި ވަގުތީ ގޮތުން ސޮއިކުރެއްވިއެވެ. އެ މައްސަލައިގައި ވަޒީރުންގެ ތެރެއިން އެންމެ ފުރަތަމަ ވެސް މުއާހަދާއާ ދެކޮޅަށް ތެދުވެވަޑައިގަތީ ދާޚިލީ ވަޒީރު އިބްރާހީމް ނާސިރެވެ. ނާސިރު، އިނގިރޭސީންގެ ހިމާޔަތާ ދެކޮޅަށް ކުރެއްވި މަސައްކަތްތައް ފާޅުކަން ބޮޑު ގޮތެއްގައި އެހާ ހިސާބުން ފެއްޓެވީއެވެ.

އިނގިރޭސީންނާއެކު ސޮއިކުރެއްވި މުއާހަދާއަށް ފަހު އިބްރާހީމް ފާމުލަދޭރި ކަލެގެފާނަށް ޖެހިވަޑައިގަތީ އިސްތިއުފާދެއްވާށެވެ. އެއަށްފަހު ނާސިރު ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތީ ޑިސެމްބަރު 12، 1957ގައެވެ. އެ މަނިކުފާނު އިނގިރޭސީންނަށް ދޫ ނުދެއްވުމުން، އިނގިރޭސީން މަސައްކަތް ކުރީ އެހެން ގޮތަކުން އައްޑޫ ހޯދާށެވެ. މައި ސަރުކާރާ މެދު ނުރުހިފައި ތިބި މީހުންގެ ފަހަތަށް އަރައި، ދެކުނުގެ ތިން އަތޮޅުން ވަކި ދައުލަތެއް އިއުލާންކުރަން އެއްބާރުލުންދިނީއެވެ. އައްޑު އަތޮޅާއި ހުވަދު އަތޮޅާއި ފުވައްމުލަކުން ޔުނައިޓެޑް ސުވަދީބް އައިލެންޑްސް އިއުލާންކުރީ މާރިޗް 13، 1959ގައެވެ. އިނގިރޭސި އިސްތިއުމާރީ ބާރު ކެނޑެމުން ދިޔަ އެ ދުވަސްވަރު ރާއްޖޭން ވެސް އެ ގައުމުން ދީފައި އޮތް ހިމާޔަތުން ފެޔަށް ޖެހެން، ނާސިރު އެހާ ހިސާބުން މަސައްކަތްތައް ވަރުގަދަކުރެއްވިއެވެ.

އެ ދުވަސްވަރު ރަދުންގެ ފަތްކޮޅަކުން، ދެކުނުގެ ގަޑުބަޑާއި މިނިވަންކަން ހޯދުމުގެ ފުރިހަމަ ބާރާއި އިޚުތިޔާރު އޮތީ ނާސިރަށް ދެއްވައިފައެވެ. އަދި އެ މައްސަލަ ހައްލުކުރުމަށް ނާސިރަށް އިތުބާރު އޮތްތޯ ބަލަން އެ އަހަރުގެ އޭޕްރިލް މަހު ފެންނަ ނުފެންނަ ވޯޓެއް ނަގައި، ރައްޔިތުންގެ މަޖިލީހުން ވެސް ބާރުތައް ސީދާ ނާސިރަށް ދިނީއެވެ. އޭގެ ތެރޭގައި ސިފައިންގެ ވެރިކަން ވެސް ހިމެނޭ ގޮތަށެއެވެ. ރަސްކަމުގެ ދުވަސްވަރު އާންމު ގޮތެއްގައި އަސްކަރީ ބާރުތަކުގެ ވެރިޔަކަށް ހުންނަވަނީ ރަސްގެފާނު ކަމަށްވީ ނަމަވެސްއެވެ.

ރަދުން މުހައްމަދު ފަރީދަށް އިނގިރޭސިން ޝަރަފުވެރި ލަގަބެއް ދީފައިވޭ --

އެހެންވެ، ދެކުނުގެ އަތޮޅުތައް ވަކިވެގަތުމުގެ މައްސަލަ ހައްލުކުރުމަށާއި އޭގެ ފަހުން އިނގިރޭސީންނާ ކުރި މަޝްވަރާތަކުގައި ވެސް ރަދުންގެ ދައުރެއް ނެތީއެވެ.

"ސިޔާސީގޮތުން ހުރިހާ ބާރެއް އޮތީ ނާސިރުގެ އަތްޕުޅުގައި. ރަދުން ވެސް ބާރެއް ހޯއްދަވާކަށް ނުވަތަ ބާރުގެ ބޭނުން ހިއްޕަވާކަށް ނޫޅުއްވާ،" ތާރީޚު ދިރާސާ ކުރައްވާ އަބްދުﷲ ސައީދު ވިދާޅުވިއެވެ.

ރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯދުމަށް މަސައްކަތް ފެއްޓެވީކަން ނާސިރު އިއުލާންކުރެއްވީ، ސުވަދީބް އުފެއްދުމުގައި އިސްކޮށް ހުންނެވި އަބްދުﷲ އަފީފު، އިނގިރޭސިވިލާތުން ސަރުކާރަށް ނާންގައި ސީޝެލްސްއަށް ގެންދިޔުމުން އެކަމާ ކޯފާވެގެންނެވެ. އެކަމުގެ މަޝްވަރާތައް އިނގިރޭސީންނާއެކު އޯގަސްޓް 12، 1964ގައި ފަށައި، އަހަރެއްހާ ދުވަހުގެ ތެރޭ އެއްބަސްވުމަކަށް އާދެވުނީއެވެ. އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ބޮޑުވަޒީރު ނާސިރެވެ.

އަބްދުﷲ ސައީދު ކިޔައިދެއްވި ގޮތުގައި އެ މަސައްކަތްތަކުގައި ރަދުންގެ އަމަލީ އެއްވެސް ދައުރެއް ނެތެވެ.

އޭނާ ސިފަކުރެއްވި ގޮތުގައި ރަދުންނަކީ ސިޔާސީ އަދި އަސްކަރީ ދާއިރާގައި ޚިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅަކަށް ވުމުގެ އިތުރަށް އަޚުލާގު ރަނގަޅު ބޭފުޅެކެވެ. އެ ދެ ބޭފުޅުންގެ މެދުގައި މައްސަލައެއް ނުވަތަ ޚިޔާލު ތަފާތުވުމެއް ނެތް ކަމަށާއި އެފަދަ ކަމެއް އޮތަސް ރަދުން ފާޅު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރަދުންނަކީ ނާސިރު ބެހެއްޓެވި ހިސާބެއްގައި ރަސްކަމުގައި ހުންނެވި މަޑުމައިތިރި އަޚުލާގު ރަނގަޅު އިލްމީ ބޭފުޅެއް،" އަބްދުﷲ ސައީދު ވިދާޅުވެފައިވެއެވެ.

ނަމަވެސް ރަދުން އެ ރަމްޒީ މަގާމުގައި ހުންނެވުން ވެސް ނާސިރު ހިތްޕުޅާނުވީއެވެ.

އިބްރާހީމް ޝިހާބް ލިޔުއްވާފައިވާ ގޮތުގައި ނާސިރުގެ ބޮޑުވަޒީރު ކަމަށް ދުވަސްކޮޅެއް ވުމަށްފަހު ރަދުންނާ ގުޅުން ގޯސްވާން ފަށައިފިއެވެ. އެގޮތުން ދެ ބޭފުޅުންގެ ޚިޔާލު ތަފާތުވުންތަކެއް އޮތްއިރު، ރަދުން މަސްލަހަތު އިސްކުރެއްވި ނަމަވެސް ނާސިރު އެފަދައިން އަމަލު ނުކުރެއްވި ކަމަށެވެ.

އަބްދުﷲ މުފީދު ވެސް ދެކެވަޑައިގަންނަވަނީ އެހެންނެވެ. ނާސިރުގެ ނަފުރަތު ރަދުންނަށް އަމާޒުކުރެއްވި ކަމަށާއި ރަދުން ސުލްހައަށް ލޯބިކުރައްވައި 'ރަސްކަން އެހެން ނަމެއްގައި' ނާސިރަށް ދެއްވީ ކަމަށެވެ.

ނާސިރު ރައީސްކަން ބޭނުންފުޅުވުމުން، ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމާ ގުޅޭ ގޮތުން ނޮވެންބަރު 15، 1967ގައި، މަޖިލީހަށް މައްސަލައެއް ހުށަހެޅިއެވެ. ހާޒިރުވެވަޑައިގެންނެވި 44 މެންބަރުންގެ ތެރެއިން 40 މެންބަރުންގެ އަޣުލަބިއްޔަތުން ޖުމްހޫރީ ވެރިކަމަށް ތާއީދު ކުރުމުން ޖެހިގެން އައި އަހަރުގެ މާރިޗް 15ގައި އާންމު ވޯޓެއް ނެގިއެވެ. ނަތީޖާއަކީ 93 ޕަސެންޓް މީހުން ޖުމްހޫރީ ވެރިކަމެއް ޚިޔާރުކުރުމެވެ.

އެ ވޯޓާއެކު ރަސްކަން ނިމުމަކަށް އައުމުން ރަދުން ދެކޮޅެއް ނުހެއްދެވިއެވެ. އެ ނިންމުން ތަސްދީގުކުރައްވައި، އަމިއްލަފުޅު ގެކޮޅަށް ވަޑައިގަތީއެވެ. އޭގެ ފަހުން މާގިނަ ދުވަސްތަކެއް ނުވެ އާލާސްކަންފުޅެއް ތަހަންމަލުކުރައްވަން ޖެހިވަޑައިގެން، މެއި 27، 1969ގައި އަވަހާރަވީއެވެ. އޭރު އުމުރުފުޅުން 68 އަހަރުފުޅެވެ.

ސިޔާސީ ހަމަނުޖެހުމެއްގެ ތެރެއިން މުހައްމަދު ފަރީދު ރަސްކަމަށް އިސްކުރުމަށް ރައްޔިތުން ޚިޔާރުކުރީ އެ މަނިކުފާނުގެ ޝަޚުސިއްޔަތާއި މިޒާޖުފުޅުގެ ސަބަބުން ކަމަށްވެއެވެ. ރަސްކަމުގައި ހޭދަކުރެއްވި 15 އަހަރާއި އެއަށްފަހުގައި ވެސް އުޅުއްވީ ރައްޔިތުންގެ އިޙުތިރާމާއި ލޯބި ހޯއްދަވައިގެންނެވެ. ނަމަވެސް ރާއްޖެއަށް ތާރީޚީ ބަދަލުތަކެއް ގެނައި ދުވަސްވަރު ދައުލަތުގައި އިސްކޮށް ހުންނެވި ފަރާތެއްގެ ހައިސިއްޔަތުން، ރަދުންގެ އިއްޒަތުގައި ހުންނެވުމުގެ އިތުރަށް މާ ބޮޑު މަސައްކަތެއް ނުކުރެއްވެވިއެވެ.

comment ކޮމެންޓް