ޖުމްލަ 38.5 މިލިއަން ރުފިޔާއަށް ނ. މާފަރު ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމާއި، ނ. ކުޑަފަރީ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް ހެލްތު މިނިސްޓްރީން ކޮންޓްރެކްޓަރުންނާ މިއަދު ހަވާލުކޮށްފިއެވެ.
ހެލްތު މިނިސްޓްރީން މިއަދު ބުނީ މާފަރު ސިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ. އެ މަސައްކަތް ހަވާލުކުރީ ފެނަކަ ކޯޕަރޭޝަނާ، ޖުމްލަ 10،900،000.93 ރުފިޔާއަށެވެ. މިއީ 450 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ މަސައްކަތެކެވެ.
މިނިސްޓްރީގެ ފަރާތުން އެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ، ހެލްތުގެ ސްޓޭޓް މިނިސްޓަރު އިސްމާޢިލް ޢަބްދުﷲއެވެ. /ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، މުޙައްމަދު އާރިފެވެ.
މާފަރު ސިއްހީ މަރުކަޒު އަޕްގްރޭޑް މަސައްކަތުގެ ދަށުން 04 އެނދުގެ ވާޑެއް އިތުރުކުރެވި، ޕްރައިވެޓް ރޫމަކާއި، ނާސް ސްޓޭޝަނާއި، މީޓިން ހޯލާއި، ޕަބްލިކް ހެލްތު ޔުނިޓް ގާއިމްކުރުމާއި، ޕޯޓިކޯ ވެސް ޤާއިމްކުރާނެއެވެ.

މާފަރުގެ ސިއްހީ މަރުކަޒުގެ އާ އިމާރާތެއް އަޅަން ހަވާލުކުރުން -- ފޮޓޯ: ހެލްތު މިނިސްޓްރީ
ކުޑަފަރީގެ ސިއްހީ މަރުކަޒުގެ އާ އިމާރާތެއް އަޅަން ހަވާލުކުރީ، 27،635،152.40 ރުފިޔާއަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އަށެވެ. މިއީ 360 ދުވަހުގެ ތެރޭ ނިންމަން ޖެހޭ މަސައްކަތެކެވެ.
މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތުގެ ސްޓޭޓް މިނިސްޓަރު އިސްމާޢިލް ޝަރީފެވެ. އެމްޓީސީސީގެ ފަރާތުން މެނޭޖިން ޑިރެކްޓަރު، އަޙްމަދު ސަޢުދީއެވެ.
މި ސަރުކާރުން އަންނަނީ އެކި ރަށްރަށުގެ ހެލްތު ސެންޓަރުތައް އާބާތުރަ ފިލުވުމާއި، ރަށްރަށުގައި ލިބޭ ސިއްހީ ހިދުމަތްތައް އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.