ފާޚަނާ ތަޅުލައިގެން އެތެރޭ ހުރި މީހަކު ނިކުންނަން ބުނުމުން ނިކުތީ ސިޑިމަތިން ދިމާވި "ވަގު"

ފުލުހުން ހަރަކާތްތެރިވަނީ --- ފޮޓޯ/ ފުލުހުން

މާލޭގެ ގެއަކަށް ވައްކަން ކުރަން ވަދެ އުޅެނިކޮށް ފާޚާނާ ތެރޭ ހުއްޓައި، ވަގަކު ހޯދައި އޭނާ ފުލުހުންނާ ހަވާލުކޮށްފިއެވެ.

ކޯޓު އަމުރުން އެނގޭ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މާލެ، ތަރިވިލާގެ، އުމުރުން 37 އަހަރުގެ ހުސައިން އަދުނާނެވެ.

އަމުރުގައިވާ ގޮތުން، އޭނާ ވައްކަން ކުރަން ވަދެފައިވަނީ މއ. ރޮކްސް ބެރީ ގޭގެ ދެވަނަ ފަންގިފިލާގެ އެޕާޓްމަންޓަކަށެވެ. ފުލުހުން ދިޔައިރު އޭނާ ވަނީ ހުއްޓުވައިފައެވެ.

އެ ގެއިން މައުލޫމާތު ދިން މީހާ ފުލުހުންނަށް ކިޔައިދިން ގޮތުގައި ފުރަތަމަ އެ މީހުންނާ، ހުސައިން އަދުނާނާ ދިމާވީ، އެ ގޭގައި އުޅޭ މީހާ އޭނާގެ މަންމައާއެކު ގެއަށް ވަތް ވަގުތު ގޭގެ ސިޑިން ހުސައިން އަދުނާނު ދިޔަ ވަގުތެވެ.

އެވަގުތު އޭނާ ދާތަން ފެނުމުން އެއީ ކީއްކުރާ މީހެއްތޯ ސުވާލުކުރުމުން، އޭނާގެ ފޮށިގަނޑެއް އެ ގޭގައި ހުރުމުން ނަގަން އައީކަމަށް ބުނެ އޭނާ ދިޔައީކަމަށް އެ ގެއިން މައުލޫމާތު ދިން މީހާ ފުލުހުންނަށް ކިޔައިދިން ކަމަށް އަމުރުގައިވެއެވެ.

އަދި އެޕާޓްމަންޓަށް ވަދެ ބެލިއިރު ފާޚާނާ ތަޅުލައިފައިހުރިކަން ފާހަގަވެ، އެތެރޭގައި ހުރި މީހަކު ނިކުތުމަށް ބުނުމުން ހުސައިން އަދުނާނު އެ ތަނުން ނުކުތް ކަމަށް ފުލުހުންގެ ހާދިސާ ރިޕޯޓުގައިވާކަމަށް އަމުރުގައިވެއެވެ.

އެހެންވެ އޭނާ ހިފަހައްޓައި، ފުލުހުންނާ ހަވާލުކުރީއެވެ.

އޭނާގެ ބަންދު ލޮގަށް ބަލާއިރު ކުށުގެ ތުހުމަތުގައި 51 ފަހަރު ހައްޔަރުކޮށްފައިވާ ކަމަށް އަމުރުގައިވެއެވެ. އަދި އޭގެ ތެރެއިން 26 ފަހަރު ބަންދުކޮށްފައިވާއިރު އޭގެ ތެރޭ ވައްކަމުގެ މައްސަލަތައް ގިނަ ކަމަށް ވެސް އަމުރުގައިވެއެވެ.

މި މައްސަލައާ ގުޅިގެން ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.

comment ކޮމެންޓް