ޑޮލަރު ލިބުން ދަތިވެ، އޭގެ ސަބަބުން ވިޔަފާރިތަކަށް ގެއްލުންވާތީ މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އަށް އިދިކޮޅު އެމްޑީޕީން މިއަދު ދިޔުމުން، ގަވަރުނަރު އަހުމަދު މުނައްވަރާ ބައްދަލުނުވާތީ މާދަމާ ވެސް އެމްއެމްއޭއަށް ދާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
މި މައްސަލައިގައި މުނައްވަރާ ބައްދަލުކުރަން އެދި، އެމްޑީޕީގެ މަޖިލީހުގެ މެންބަރުންގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވަނީ ސިޓީއެއް ފޮނުއްވައިފައެވެ.
އެ ސިޓީގައި ވަނީ، ބޭރު ފައިސާއާ ބެހޭ ގާނޫނަށް މި އަހަރު އަމަލުކުރަން ފެށި ނަމަވެސް، އެ ގާނޫނު ތަންފީޒުނުކުރެވޭތީ ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރެއް ރަސްމީކޮށް އުފެދިފައިވާ ކަމަށާއި، ފަތުރުވެރިކަމުގެ ވިޔަފާރިތަކާއި ޑޮލަރުން ބޮޑު އާމްދަނީ ލިބޭ ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ 90 ޕަސަންޓު އެމްއެމްއޭއަށް ނަގަން ފެށުމުން މުދާ އެތެރެކުރާ މީހުންނަށް ޑޮލަރު ލިބުން ދަތިވެ، ބޭންކުތަކުން އެ މީހުންނަށް ފޯރުކޮށްދޭ ޑޮލަރު ވެސް ލިބުން ހުއްޓުމަކަށް އަންނަން ފަށާފައިވާ ކަމަށެވެ.
"ޑޮލަރު ލިބުން ނުހަނު ދަތިވުމާއެކު، ގިނަ ވިޔަފާރިތަކެއް ހުއްޓުމުކަމަށް އަތުވެދާނެކަމުގެ ބިރު ހީވެފައިވާ މި ދަނޑިވަޅުގައި، ސަރުކާރަށް ބޭނުންވާ މިންވަރަށް ޑޮލަރު ހޯދުމުގެ ބޭނުމުގައި ބޭރު ފައިސާ މާރުކުރުމާއި ބޭރު ފައިސާއިން މުއާމަލާތް ކުރުމުގެ ގަވާއިދުތަކާއި އުސޫލުތަކަށް ގެންނަމުންދާ ކުއްލި ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން ޑޮލަރު ލިބުން އިތުރަށް ދަތިވެދާނެކަމުގެ ކަންބޮޑުވުން އެބަ އޮތެވެ،" އެ ސިޓީގައި ވެއެވެ.
މުނައްވަރު އެ ސިޓީއަށް ޖަވާބުނުދެއްވާ ކަމަށް ވިދާޅުވެ، އެމްޑީޕީގެ މެންބަރުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ފަހު އެމްއެމްއޭއަށް ވަޑައިގެންފައެވެ. ނަމަވެސް މުނައްވަރާ ބައްދަލުކުރެއްވޭ ގޮތެއް ނުވިއެވެ.
"ސަން" އާ ވާހަކަ ދައްކަވަމުން ކުޑޫ ވިދާޅުވީ، ގަވަރުނަރާ ބައްދަލުކުރުމަށްޓަކައި މާދަމާ ވެސް 11 ޖަހާއިރު އެމްއެމްއޭއަށް އެމްޑީޕީގެ މަޖިލިސް މެންބަރުން ވަޑައިގަންނަވާނެ ކަމަށެވެ.
ޑޮލަރު ރޭޓު ދަށްނުވެ، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 20 ރުފިޔާއަށް ވަނީ އަރައިފައެވެ. މި ދަނޑިވަޅުގައި ގަވަރުނަރު ހަނު ހުންނެވުމުން ގިނަ ބަޔަކު ވަނީ އޭނާއަށް ފާޑުކިޔައިފައެވެ.
ޑޮލަރެއްގެ އަގު ބޮޑުވުމުން އާންމުންގެ ދިރިއުޅުމަށް ވަރަށް ބޮޑަށް އަސަރުކުރެއެވެ. ރާއްޖޭގެ އުފެއްދުންތެރިކަށް ދަށްވުމުގެ ސަބަބުން ރާއްޖެއަށް ބޭނުންވާ އެންމެ ޒަރޫރީ ތަކެތި ވެސް އެތެރެކުރަނީ ބޭރު ގައުމުތަކުންނެވެ. އެ ތަކެތި ގަންނަން ވިޔަފާރިތަކުން ވެސް ކަޅު ބާޒާރުން ޑޮލަރު ގަންނަން ޖެހުމުން ތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލެއެވެ.
މުސާރައާއި އާމްދަނީ އިތުރު ނުވަނީސް ތަކެތީގެ އަގުތައް އުފުލުމުގެ ސަބަބުން މީހުން ޚަރަދު ކުރާ ވަރު ދަށްވެ, ވިޔަފާރިތަކަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރެއެވެ.
ވިޔަފާރި ދަށްވާކަން ފިނޭންސް މިނިސްޓްރީން އާންމުކުރާ ތަފާސްހިސާބުން ވެސް ދައްކައެވެ. އެގޮތުން އެ މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސް ނުވަތަ ވިޔަފާރީގެ އާމްދަނީއާއި މުދަލުން ނަގައި ޓެކުހުން މިމަހުގެ 10 ވަނަ ދުވަހާ ހަމައަށް ދައުލަތަށް ލިބުނު އާމްދަނީއަކީ 2.8 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 3.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މި އަހަރު އެއީ 22 ޕަސެންޓްގެ ދަށްވުމެކެވެ.